އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ބޯންމަތާ ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން އެސްޓަން ވިލާއިން ކާމިޔާބުކޮށްފިއެވެ.
މި ނަތީޖާ އާއެކު އެސްޓަން ވިލާއަށް ވަނީ އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް އެ ޓީމުން ކުރަމުންދާ މަސައްކަތަށް އިތުރު ހިތްހަމަޖެހުމެއް ލިބިފައެވެ. އެސްޓަން ވިލާއަށް ލީގުގައި މިހާތަނަށް ކުޅުނު 36 މެޗުން ލިބިފައިވާ 63 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ހަވަނައިގައެވެ. ޗެލްސީގެ އިތުރުން ނިއުކާސަލް ޔުނައިޓެޑަށްވެސް ލިބިފައިވަނީ 63 ޕޮއިންޓެވެ.
މި ނަތީޖާއާއެކު އެސްޓަން ވިލާއަށް ވަނީ ތާވަލުގެ ހަތްވަނަ މަގާމު ކަށަވަރުވެފައެވެ. އެހެންކަމުން އެ ޓީމަށް އަންނަ ސީޒަނުގައި ޔަގީނުންވެސް ޔޫރަޕްގެ މުބާރާތަކުން ފުރުސަތު ލިބިގެންދާނެ އެވެ.
ބޯންމަތުގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ވަނީ ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެ އެސްޓަން ވިލާގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ. އެގޮތުން މުޅި މެޗުގައި އެ ޓީމުން 10 ފުރުސަތު ތަނަވަސްކޮށްފައިވާއިރު އޭގެ ތެރެއިން ހަތަރު ހަމަލައެއް ވަނީ އެސްޓަން ވިލާގެ ގޯލަށް އަމާޒުކޮށްފައެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެސްޓަން ވިލާއަށް ކާމިޔާބުކޮށްދީފައިވަނީ އޮލީ ވޮޓްކިންސް އެވެ. މިއީ ޕްރިމިއާ ލީގުގައި މި ސީޒަނުގައި އޭނާ ޖެހި 16 ވަނަ ލަނޑެވެ. އަދި މި ލަނޑާއެކު އޭނާ ޕްރިމިއަރ ލީގުގައި ޖެހި ލަނޑުގެ އަދަދު ވަނީ 75 އަށް އަރާފައެވެ. މީގެ ކުރިން އެސްޓަން ވިލާއަށް ޕްރިމިއާ ލީގުގައި އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ގެބޯ އަގްބޮންލަހޯއަށް ޖެހިފައިވަނީ 74 ލަނޑެވެ.
ދެވަނަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވާއިރު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދިހަ މިނިޓަށް ވެފައިވަނިކޮށް އެސްޓަން ވިލާގެ ޖޭކޮބް ރަމްސޭ އަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ.