ޚަބަރު

ސަސްޕެންޝަނަށްފަހު ސިނާ އަލުން އެނބުރި ކުޅުމުގެ ތެރެއަށް


ކުޅިވަރުގައި މަނާ ބޭސް ބޭނުންކޮށްފައިވާ ކަމަށް ޕޮޒިޓިވްވުމާ ގުޅިގެން ތިން މަސް ދުވަހަށް ސަސްޕެންޑް ކޮށްފައިވާ އިޓަލީ ޔަނިކް ސިނާ އަލުން ކުޅުމުގެ ތެރެއަށް އައިސް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ.

ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ހުރި ޔަނިކް ސިނާ ވަނީ އިޓާލިއަން އޯޕަންގެ ދެވަނަ ބުރުގައި އިއްޔެ އާޖެންޓީނާގެ މަރިއާނޯ ނަވޯންއާ ދެކޮޅަށް ކުޅުނު މެޗު ސީދާ ދެ ސެޓުން ކާމިޔާބުކޮށްފައެވެ. މި މެޗުގެ ސެޓުތައް ސިނާ ކާމިޔާބުކޮށްފައިވަނި ހައެއް ތިނެއް އަދި ހައެއް ހަތަރެއްގެ ނަތީޖާއަކުންނެވެ.

ދެ ފަހަރު މަތިން ހެދި ޓެސްޓުތަކުން 2024 ވަނަ އަހަރު ސިނާ ޕޮޒިޓިވްވުމާ ގުޅިގެން އޭނާއަށް ޕްރޮވިޝަނަލް ސަސްޕެންޝަނެއް ދިން ނަމަވެސް، ސިނާ ވަނީ ހުރިހާ މުބާރާތެއްގައި ވާދަކޮށްފައެވެ. ނަމަވެސް އެ މައްސަލަ ދުނިޔޭގެ އެންޓި ޑޯޕިން އެޖެންސީން ބަލަން ފެށުމާއެކު، ސިނާ ވަނީ އެ ފަރާތާއެކު ސެޓްލްމެންޓް އެއްބަސްވުމެއް ހަދައި، ތިން މަސް ދުވަހުގެ ސަސްޕެންޝަން ބަލައިގެންފައެވެ.

ސިނާ ކޯޓުގައި ބުނެފައިވަނީ އޭނާ ގަސްތުގައި މަނާ ބޭހެއް ބޭނުންކޮށްފައިނުވާނެ ކަމަށާއި، އެއީ އޭނާގެ މެޑިކަލް ޓީމުގެ އިހުމާލުންވެފައިވާ ކަމެއް ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އޭނާ ވަނީ މެޑިކަލް ޓީމުގެ މެމްބަރުންވެސް ބަދަލުކޮށްފައެވެ.

ތިން ފަހަރު މަތިން ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ ސިނާ ނިމިގެންދިޔަ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކުރި ފަހުން އަދި ވާދަވެރި މުބާރާތެއްގައި ކުޅެފައެއް ނުވެއެވެ.

މި މެޗަށްފަހު ވާހަކަ ދައްކަމުން ސިނާ ބުނެފައިވަނީ މި ވަގުތަށް ދިގު އިންތިޒާރެއް ކުރަން ޖެހުނު ކަމަށާއި ނަމަވެސް އަލުން އަނބުރާ ކުޅުމުގެ ތެރެއަށް އާދެވުމުން އެކަމާ އުފާ ކުރާ ކަމަށެވެ.

"އަލުން އަނބުރާ ކުޅުމުގެ ތެރެއަށް އަންނަން ދިގު އިންތިޒާރެއް ކުރަން ޖެހުނު ނަމަވެސް ކުޅުމުގެ ތެރެއަށް އާދެވުމުން އެކަމާ ވަރަށް އުފާ ކުރަން." އުމުރުން 23 އަހަރުގެ ސިނާ ބުންޏެވެ.

ސިނާ އިތުރަށް ބުނެފައިވަނީ ވަރުގަދަ މެޗުތަކެއް ނުކުޅެ ގިނަ ދުވަސްތަކެއް ވަންދެން ހުރުމަށްފަހު މި މެޗުގައި ދެއްކުނު ކުޅުމާއިމެދު ހިތްހަމަޖެހޭ ކަމަށާއި، އަދި ކުރިއަށް އޮތް ތަނުގައި ވަރުގަދަ ގިނަ މެޗުތަކެއް ކުޅެން ބޭނުންވާ ކަމަށެވެ.