ސަންލޭންޑު ހޮޓެލްސްގެ އެއް ހިއްސާދާރު، އަދި މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު ނަޒީރު (ސަންލޭންޑު ނަޒީރު) އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތައުޒިއްޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ ނަޒީރު އަވަހާރަވުމާއި ގުޅިގެން އެމަނިކުފާނުގެ އާއިލާއަށް ތައުޒީއްޔާ ދަންނަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ނަޒީރަކީ، އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަންގެ ޓްރޭޑް ރެޕްރެޒެންޓެޓިވް، އަދި ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި ބޮޑެތި ޚިދުމަތްތަކެއް ޤައުމަށް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ، ނަޒީރުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި ދުޢާ ދަންނަވާފައެވެ.
ސ. ހުޅުދުއަށް އުފަން ނަޒީރަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މުހިންމު ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. 1976 ގައި ރާއްޖެއަށް ބެކްޕެކް އަޅައިގެން ޑައިވިންއަށް ފަތުރުވެރިން އަންނަމުންދިއަ ޒަމާނުގައި، އޭނާގެ ޢާއިލީ ޓްރެވަލް އެޖެންސީއެއް "ސަންލޭންޑް" ނަމުގައި ހުޅުވައިގެން ރާއްޖެ މާކެޓްކުރަން ފެށިއެވެ.
إِنَّا ِللهِ وَإِنَّآإِلَيْهِ رَاجِعُون
— Dr Mohamed Muizzu (@MMuizzu) May 11, 2025
އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަންގެ ޓްރޭޑް ރެޕްރެޒެންޓެޓިވް، އަދި ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި ބޮޑެތި ޚިދުމަތްތަކެއް ޤައުމަށް ކުރައްވާފައިވާ، މުޙައްމަދު ނަޒީރު (ސަންލޭންޑް ނަޒީރު) އަވަހާރަވުމުގެ ހިތާމައިގާ… pic.twitter.com/0wNZwtRxD5
ސަންލޭންޑް ހޮޓެލްސްގެ "ކޮކޯ ކަލެކްޝަން ރިޒޯޓް ބްރޭންޑްސް"ގެ ޑިރެކްޓަރ ނަޒީރަކީ މާކެޓިންގެ ދާއިރާއިންވެސް ތަޖުރިބާކާރު ބޭފުޅެކެވެ. ސަންލޭންޑުގެ ހޮޓެލްސްގެ ދަށުން މަކުނޑު އައިލެންޑު ރިސޯޓާއި، ކޮކޯ ޕާމް ބޮޑުހިތި، ކޮކޯ ޕާމް ކުޑަހިތި، އަދި ކޮކޯ ޕާމް ދުނިކޮޅުގެ އިތުރުން ބިޔާދޫ ރިސޯޓުވެސް ހިންގައެވެ.
ނަޒީރަކީ އިނގިރޭސިވިލާތަށް ރާއްޖެ އިން ކަނޑައަޅާފައި ހުންނެވި ޓްރޭޑް އެމްބެސެޑަރުވެސް މެއެވެ.
ނަޒީރަކީ ކުރީގެ އިސްލާމިކް މިނިސްޓަރު މަރުހޫމް ޑރ. އަބްދުލް މަޖީދު އަބްދުލްބާރީގެ އެއްބަނޑުއެއްބަފާ ބޭބޭފުޅެވެ.