ކުޅިވަރު

އަހަރެން ބުނާގޮތް ހަދައިފިނަމަ ބާސެލޯނާ ބަލިކުރެވޭނެ: އަންޗެލޮޓީ


މިރޭ ކުޅޭ އެލް ކްލަސިކޯ މެޗުގައި އޭނާ ބުނާ ގޮތަށް ކުޅެންތެރިން ހަދައިފިނަމަ ބާސެލޯނާ ބަލިކުރެވޭނެ ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ. މި ސީޒަނަށްފަހު ޓީމާ ވަކިވާ ކޯޗު ބުނީ މެޗުގެ ނަތީޖާ ކަނޑައަޅުން އެންމެ ގާތީ ހިލޭޖެހުމެއް ނުވަތަ ކޯނަރަކުން ކަމަށެވެ.

"މިދިޔަ ހަތަރު މެޗަށް ބަލާއިރު ބާސެލޯނާ ކޮޅަށް ހަތަރު ގޯލެއް ވަނީ ސެޓް ޕީސްތަކުން. އެހެންވީމާ އަހަރުމެން އެކަމަށް ތައްޔާރުވާން ޖެހޭނެ. ކުޅުންތެރިން އަހަރެން ބުނާ ގޮތަށް ހަދައިފިނަމަ މި މެޗުން މޮޅުވެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް،" އަންޗެލޮޓީ ބުންޏެވެ.

މި ދެ ޓީމު މިރޭގެ މެޗަށް ނުކުންނައިރު ތާވަލުގެ އެއްވަނާގައި ބާސެލޯނާ އޮތީ ރެއާލްއަށް ވުރެ ހަތަރު ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. މިހެންވެ ދެވަނައިގައިވާ ރެއާލްއަށް ލީގަށް ވާދަކުރެވެން އޮތީ ބާސެލޯނާ ބަލިކޮށްގެންނެވެ. އެހެންނޫނީ ކޮންމެ ޓީމަކަށް ހަތަރު މެޗު ބާކީ އޮތުމުން އެންމެ ގާތީ ބާސެލޯނާއަށް ލީގު ލިބުން ކަމަށް ވެސް އަންޗެލޮޓީ ގަބޫލުކުރެއެވެ.

"މިއީ ވަރަށް ރަނގަޅު ލީގެއް. މި ދެ ޓީމު ހަތަރު ޕޮއިންޓްގެ ފަރަގެއްގައި އޮތަސް އަހަރެން ގަބޫލު ކުރަނީ މި މެޗު ކާމިޔާބުކޮށްފިނަމަ ލީގު ކާމިޔާބު ކުރުމުގެ ރޭސް ވަރަށް ބޮޑަށް ހުޅުވިގެންދާނެ ކަމަށް. އަހަރުމެންގެ މަގްސަދަކީ މި މެޗު ކާމިޔާބުކޮށް ބާސެލޯނާ އަށް ޕްރެޝަރު ކޮށްލުން،" އަންޗެލޮޓީ ބުންޏެވެ.

އަންޗެލޮޓީ ބުނީ ރެއާލްގެ ގިނަ ކުޅުންތެރިންތަކެއް އަނިޔާގައި ތިބި ނަމަވެސް ޓީމުގައި ވަރަށް ރަނގަޅަށް ހިލޭ ޖެހުން ޖަހާ ކުޅުންތެރިން އެބަތިބި ކަމަށެވެ. މީގެ ތެރެއިން އޭނާ ފާހަގަކުރީ ކެޕްޓަން ލޫކާ މޮޑްރިޗް އާއި ޒުވާން ފޯވާޑް އާރްދާ ގުލާއެވެ. އަންޗެލޮޓީ ބުނީ އަނިޔާއިން ރަނގަޅުވެގެން ބްރެޒިލްގެ ފޯވާޑް ރޮޑްރީގޯ ފަރިތަކުރަން ފެށި ނަމަވެސް، ފުރަތަމަ އެގާރައިގައި ކުޅުވާނެ ކުޅުންތެރިން އޭނާ ނުނިންމާ ކަމަށެވެ.

"އާރްދާ ގުލާ ފަދައިން ރޮޑްރީގޯ އަކީ ވެސް މި މެޗުގައި ފުރަތަމަ އެގާރައިގައި ކުޅުވިދާނެ ކުޅުންތެރިއެއް. އަހަރުމެން އެބަޖެހޭ ހިލޭ ޖެހުންތަކަށް ވަރަށް ބޮޑަށް ތައްޔާރުވާން. އެކަމަށް އަރްދާ ގުލާ އާއި ލޫކާ މޮޑްރިޗްގެ ބޭނުން ހިފުން މުހިންމު. އަހަރެން އަދި ފުރަތަމަ 11 ނުނިންމަން،" އަންޗެލޮޓީ ބުންޏެވެ.

އަންޗެލޮޓީ ބުނީ ފުޓްބޯޅައިގައި ނަތީޖާ ނުކުންނާނީ ހުރިހާ ޑިޕާޓްމަންޓެއް އެއްވަރަކަށް މަސައްކަތް ކުރާ ޓީމެއްގެ ކަމަށެވެ. މިހެންވެ މި މެޗުގައި އެޓޭކާއި ޑިފެންސްވެސް ރަނގަޅު ކުރަންޖެހޭނެ ކަމަށެވެ.

އަންޗެލޮޓީ ބުނީ ޔުއެފާ ޗެމްޕިއަންސް ލީގު ފައިނަލަށް ނުގޮސް އިންޓަރ މިލާން އަތުން ބާސެލޯނާ ކެޓީވެސް ހުރަސްތަކާއި ހިލޭޖެހުންތަކަށް ރަނގަޅަށް ތައްޔާރު ނުވެވުމުން ކަމަށެވެ.