ކުޅިވަރު

އަލޮންސޯއަށް ރެއާލްގެ ކޯޗުކަން ދޭން ލަފާދިނީ މޮރީނިއޯތަ؟


ކުރިއަށް އޮތް ސީޒަނުގައި ރެއާލް މެޑްރިޑުގެ ކޯޗުކަން ކުރާނީ ޒަބީ އަލޮންސޯ ކަމަށް މިހާރު ވަނީ ގާތްގަނޑަކަށް ކަށަވަރުވެފައެވެ. ލިވަޕޫލް އާއި ރެއާލް މެޑްރިޑް އަދި ބަޔާން މިއުނިކްގެ ކުރީގެ މިޑްފީލްޑަރު ވަނީ މި ސީޒަނަށް ފަހު އޭނާ ކޯޗުކޮށްދޭ ޖަރުމަނުގެ ކުލަބު ބަޔާ ލެވެކޫސަން ދޫކޮށްލާނެކަން އިއުލާނުކޮށްފަ އެވެ.

އަލޮންސޯއާއެކު ލެވަކޫސަންއިން ހަދާފައިވާ އެއްބަސްވުމުގައި ބާކީ އަހަރެއް އެބައޮތެވެ. އެކަމަކު އެ އެއްބަސްވުން ބުނާގޮތުން އޭނާ ކުޅެފައިވާ ކުލަބަކުން އެދެފިނަމަ އެއިން ކުލަބަކަށް ދާން އޭނާ ދޫކޮށްދޭން ޖެހެ އެވެ.

ރެއާލްއިން އަލޮންސޯ ގެންދަނީ އެކުލަބުގެ އެންމެ ކާމިޔާބު ކޯޗު އިޓަލީގެ ކާލޯ އަންޗެލޮޓީގެ ބަދަލުގަ އެވެ. މިވަރުގެ ނިންމުމެއް ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ނިންމީ ކާކު ބުނެގެން ހެއްޔެވެ؟

ރެއާލް މެޑްރިޑާ ގާތް ގުޅުން އޮންނަ ސްޕެއިނުގެ މީޑިޔާތަކުން ބުނަނީ އަންޗެލޮޓީ ވަކިކޮށް، އަލޮންސޯ ގެނައުމާމެދު ޕެރޭޒް ލަފާ ހޯދީ ރެއާލްގެ ކުރީގެ ކޯޗު ޕޯޗުގަލްގެ ޖޯސޭ މޮރީނިއޯގެ ކިބައިން ކަމަށެވެ.

"އަލޮންސޯގެ ބައްޕަ އަކީ ކޯޗެއް. ދެން އަލޮންސީވީ ކުޅުންތެރިއަކަށް. މޮޅު ކުޅުންތެރިއަކަށް. އޭނާ ކުޅުނު މަގާމަށް ބަލާއިރު އެއީ މެޗެއްގެ ކޮންޓްރޯލް ހޯދައި ވިސްނުންތެރިކަން އިސްކުރަންޖެހޭ މަގާމެއް. އަހަރެންނަށް ހީވަނީ އޭނާ މޮޅު ކޯޗަކަށްވާނެހެން. އޭނާ އަށް ކޯޗުކޮށްދިނީ ވެސް ދުނިޔޭގެ އެންމެ މޮޅެތި ކޯޗުން،" މޮރީނިއޯ އޭނާގެ ޚިޔާލު ފާޅުކުރި އެވެ.

މޮރީނިއޯ ވަނީ އަލޮންސޯއަށް ރެއާލް މެޑްރިޑުގައި ކޯޗުކޮށްދީފަ އެވެ.

އަލޮންސޯ ރެއާލްގެ ކޯޗުކަމާ ހަވާލުވާއިރު އޭނާ ވަނީ ޖަރުމަނު ލީގު މިދިޔަ ސީޒަނުގައި ލެވަކޫސަންއަށް ކާމިޔާބުކޮށްދީފަ އެވެ. އަދި މި ސީޒަނުގައި ޖަރުމަނު ލީގުގެ ދެވަނާގައި އޮތީވެސް އޭނާގެ ޓީމެވެ.