ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ ލީގު ކަޕް 2025 ޓީސީ ސްޕޯޓްސް ކުލަބުގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރި ހޯދައި، ތާވަލުގެ ކުރިއަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ޖެހިލައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މި މެޗުގައި އެއްކޮށް ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔައީ މާޒިޔާއިންނެވެ. އެހެންނަމަވެސް ޓީ.ސީ އިން މެޗުގައި ފެނިގެންދިޔައީ ޑިފެންސިވް ގޭމަކަށް ނިކުމެ ވަރަށް ރަނގަޅަށް މާޒިޔާ ހިފަހައްޓަމުންދިޔަ މަންޒަރެވެ. މިގޮތުން މެޗުގެ ފުރަތަމަ ހާފްގައި މާޒިޔާއަށް މާނުރައްކާތެރި ހަމަލާތަކެއްވެސް އުފެއްދޭގޮތް ވަނީ ނުވެފައިއެވެ.
ޓީސީގެ ގޯލް ކީޕަރު ސްރީ ލަންކާގެ ސުޖަން ޕެރޭރާ މޮޅަށް ކުޅުނު މިމެޗުގައި އެޓީމުގެ ޑިފެންސްލައިންގައި ޓީމުގެ ކެޕްޓަން މުހައްމަދު އަޖުފާން އާއި ހަސަން އީނާޒް ވަރަށް ރަނގަޅަށް މާޒިޔާގެ އަމަލާތައް ދިފާއުކުރަމުންދިޔައެވެ.
ފުރަތަމަ ހާފް ގޯލެއް ނުޖެހި ނިމިގެންދިޔައިރު، މެޗުގެ ފަންސާސް ހަތް ވަނަ މިނެޓުގައި ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެތެރެއަށް ވައްދާލައިގެން މާޒިޔާއަށް ލީޑް ނަގައިދިނީ ދެވަނަ ހާފަށް ކުޅެން ނިކުތް އުމުރުން އެންމެ 16 އަހަރުގެ ޒުވާން ފޯވާޑް މުހައްމަދު އިލާން އިމްރާންއެވެ.
މާޒިޔާއިން ގޯލުޖެހުމާއެކު ޓީ.ސީއިން މަޑުމަޑުން ކުރިއަށް ޖެހެން ފެށިއެވެ. ނަތީޖާއަކަށްވީ މެޗުގެ އިތުރު ވަގުތުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފަހު ހާފްގައި ކުޅެން ނިކުތް މިޑްފިލްޑަރ އަހުމަދު އައިހަމް އިތުރު ލަނޑެއް ޖަހާދީ މެޗުގެ ނަތީޖާ މާޒިޔާއަށް ޔަގީންކޮށްދިނުމެވެ.
މިއާއެކު މާޒިޔާ ވަނީ މުބާރާތުގައި ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ހަ ޕޮއިންޓް ހަމަކޮށް ގްރޫޕް ތާވަލްގެ އެއްވަނައަށް އަރާފައެވެ. ދެވަނާގައި ކުޅުނު ދެ މެޗުން 4 ޕޮއިންޓާއެކު އޮތީ އޮޑި ސްޕޯޓްސް ކްލަބެވެ.
ޓީސީ ސްޕޯޓްސް ކްލަބް ކުޅުނު ފުރަތަމަ މެޗުގައި އެޓީމް ވަނީ އޮޑި ސްޕޯޓްސް ކްލަބަށް ގޯލެއް ޖެހުނަ ނުދީ ހިފަހައްޓާލާފައެވެ.
މިމުބާރާތުގެ މެޗެއް ދެން އޮންނާނީ މިއަންނަ އަންގާރަ ދުވަހުއެވެ. އަންގާރަ ދުވަހުގެ ހަވީރު ޓީސީ ސްޕޯޓްސް ކްލަބް ނިކުންނާނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ދެކޮޅަށެވެ. އަދި އެރޭ މާޒިޔާ ބައްދަލުކުރާނީ މަހިބަދޫ ސްޕޯޓްސް ކްލަބާއެވެ.