އުއްމީދަކީ 2028 ވަނަ އަހަރު ފެށޭއިރު ދައުލަތުގައި މިހާރު މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ތެރެއިން ތިން ބައިކުޅަ އެއްބައި ގޭގައި ތިބެގެން ކަނޑައެޅޭ އުސޫލެއްގެ ތެރެއިން ޤާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރެވޭ ގޮތް ހެދުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ޑިޖިޓަލައިޒޭޝަން މަޝްރޫޢު "މޯލްޑިވްސް 2.0" އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ދައުލަތުގެ ހުރިހާ އިދާރާއެއްގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒް ކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. މި އަމާޒަށް ވަސިލްވުމަށް ދައުލަތުގެ އެކި އިދާރާތަކާއި މުޢައްސަސާތައް އެކުގައި ޑިޖިޓަލައިޒް ކުރުމަށް ހާއްސަ މަޝްރޫޢެއް ސަރުކާރުން ވަނީ ފަށާފައެވެ.
ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާރު ދައުލަތުގެ އެކި އިދާރާތައް ހިމެނޭހެން މުޅި އެކު ގާތްގަނޑަކަށް 49،000 އެއްހައި މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިއާއެކު އެމަނިކުފާނުގެ އަމާޒަކީ ދައުލަތުގެ 2028 ވަނަ އަހަރު އަންނަންވާއިރު ގޭގައި ތިބެގެން ގިނަ މުވައްޒަފުންތަކަކަށް މަސައްކަތް ކުރެވޭނެ ނިޒާމެއް ޤާއިމްކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިކަން ކުރާނީ ކަނޑައެޅޭ ވަކި އުސޫލެއްގެ ތެރެއިން ޤާނޫނީ އިމުގެ ތެރެއިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"މަހަކު 30 ގަޑިރު ނުވަތަ ކަނޑައެޅޭ ވަކި ވަގުތަކު، ގަޑި ހަމަކުރަން އޮފީހަށް އައުން. އޭގެ ތެރޭގައި ހިމެނޭ ގޮތަށް ގޭގައި ތިބެގެން ކުރެވޭ ގޮތަށް ހެދުން. ކޮންމެހެން އޮފީހަށް އަންނަންޖެހޭ ފަރާތްތައް ތިބޭނެ. މިސާލަތަކަށް ސިއްޙީ ޚިދުމަތްތެރިން، ތަޢުލީމީ ދާއިރާ ފަދަ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިފަދަ ބަދަލެއް ގެނައުމުން އެތަކެއް ކަމެއް ހާސިލްވެގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ދައުލަތުގެ ޚަރަދުތައް ބޮޑުތަނުން ކުޑަކުރެވޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިއާއެކު ދައުލަތުގެ ހިންގުމަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެކަމަށާއި ހިންގުން އިތުރަށް ހަރުދަނާވެ ދެފުށްފެންނަވަރު އިތުރުވެ ރައްޔިތުންގެ ހައްޤުތައް ކަށަވަރުވެގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"އޭގެ އިތުރަށް ކާރުބާރު ބޮޑުތަންތަނަށް ބަލާއިރު، މިސާލަކަށް މާލެއަށް ބަލާއިރު، މަގުމަތީގެ ޓްރެފިކް އެތައްތަނަކުން ކުޑަކުރެވިގެންދޭ. ވެހިކަލްތަކުގެ ދުމުގެ ސަބަބުން ބޭރުވާ ގްރީން ހައުސް ގޭސްތައް މަދުކުރެވޭ. ވަރަށް ބޮޑު ކާމިޔާބެއް ހާސިލްވޭ އޮފީސްތަކަށް ދާންޖެހޭ މުވައްޒަފުން މަދުވުމުން. އެ އަމާޒުވެސް ހާސިލްކުރެވޭނީ މިއަދު އަޅުގަނޑުމެން މިއަދު މިފަށާ ދަތުރުގައި އެންމެން އެކައްޗެއް ކިޔައިގެން، މިކަން އަޅުގަނޑުމެންނަށް ހާސިލްކުރެވޭ މިންވަރަކުން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސަރުކާރުން ކަނޑައަޅާ މިންގަނޑަށް ޑިޖިޓަލައިޒޭޝަން މަސައްކަތް ކުރެވިއްޖެނަމަ، މިފަދަ އެތައް ކާމިޔާބީތަކެއް ހާސިލްކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި މިއީ ހާސިލްވާނެ ލަނޑުދަނޑިތަކެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.