ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ މުޅި ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އެކަށައެޅުމަށް ޚާއްސަ ސަމިޓެއް ބޭއްވުމަށް ނިންމައިފިއެވެ. މިސަމިޓު އޮންނާނީ މިމަހުގެ 9 އިން 11 އަށް ބާސެލޯ ނަސަންދުރާގައެވެ.
ދިވެހިރާއްޖެ 2.0 އަކީ، ކޮންމެ ރަށެއްގެ ކޮންމެ ރައްޔިތަކަށްވެސް ޑިޖިޓަލް ވަސީލަތްތައް ބޭނުން ކޮށްގެން ޚިދުމަތް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ތަސައްވުރެވެ. މިއީ ދައުލަތުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ އާންމު މައުލޫމާތާއި ދޭ ޚިދުމަތްތައް ހަލުވިކަމާއި އިތުބާރާއެކު ފޯރުކޮށްދީ، އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ޚިދުމަތް ދެމުންދާ ނިޒާމު ބަދަލުކުރަށް ކަނޑައަޅުއްވާފައިވާ ތަސައްވުރެކެވެ.
ޑިޖިޓަލް ވަޞީލަތްތަކުން ރާއްޖެއަށް ގެންނަން އުޅޭ ބަދަލު ބައްޓަންކޮށް، ފަރުމާކޮށްފައިވަނީ ރައްޔިތުންގެ މަންފާއާއި ލާބައަށްޓަކައި ރައްޔިތުންގެ ބައިވެރިވުމާއެކު، ދެފުށް ފެންނަ ހާމަކަން ބޮޑުގޮތެއްގައި މުއައްސަސާތައް ޖަވާބުދާރީ ކުރުވައި ޒިންމާދާރުކުރެވޭނެ ގޮތަށެވެ.
ދިވެހިރާއްޖެ 2.0ގެ ތަސައްވުރަށް އަމަލީ ސިފަ ގެނައުމަށްޓަކައި މައިގަނޑު 6 އަސާސެއް ކަނޑައަޅާފައިވެއެވެ. މިއަސާސްތަކުގެ ތެރޭގައި ފަރުމާކުރެވޭ ކޮންމެ ޚިދުމަތަކީ ރައްޔިތުންނަށް ލުއިފަސޭހަކޮށްދެވޭގޮތަށް ފަރުމާކުރެވޭ ޚިދުމަތަކަށް ހެދުމާއި، މުޖްތަމަޢުގެ ކޮންމެ ފަރުދަކަށްވެސް އެ ޚިދުމަތް ބޭނުން ކުރެވޭ ފަދަ ޚިދުމަތެއްގެ ގޮތުގައި ފަރުމާކުރުން ހިމެނެއެވެ. އަދި މިއިން ކޮންމެ ޚިދުމަތަކީވެސް ރައްކާތެރިކަން ކަށަވަރުކުރެވޭ، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ފަރުމާކުރެވޭ ޚިދުމަތަކަށް ވާން ޖެހެއެވެ. އަދި މިއަސާސްތަކަކީ ރައްޔިތުންގެ މަންފާއާއި ލާބައަށްޓަކައި ރައްޔިތުންގެ ބައިވެރިވުމާއެކު، ދެފުށް ފެންނަ ހާމަކަން ބޮޑުގޮތެއްގައި މުއައްސަސާތައް ޖަވާބުދާރީ ކުރުވައި ޒިންމާދާރުކުރެވޭނެ ގޮތަށް ކަނޑައަޅާފައިވާ އަސާސްތަކެކެވެ.
Maldives 2.0 (@digitalgovmv) is our vision for the future—a Digital-First Maldives built for every citizen, every island, and every generation to come. These 8 Pillars shape how we build, connect, govern, protect rights, promote transparency, and restore trust in public… pic.twitter.com/m7SDPqn4vl
— Dr Mohamed Muizzu (@MMuizzu) May 4, 2025
މިމަސައްކަތް ކުރުމަށް، ސަރުކާރުން ވަނީ ދައުލަތުގެ އެކި މުޢައްސަސާތައް ޑިޖިޓަލައިޒް ކުރެވިފައިވާ މިންވަރު ދެނެގަތުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން މިހާރުވެސް ދައުލަތުގެ އެކި ޚިދުމަތްތައް ދިނުމަށް 200 އެއްހާ ޕޯޓަލް ހަދާފައިވާއިރު، މީގެއިން ބައެއް ޕޯޓަލްތަކަކީ މަދުދުވަސްތަކަކަށް ފަހު ހުއްޓާލާފައިވާ ޕޯޓަލްތަކެކެވެ. އެހެންކަމުން މިހާލަތުން އަރައިގަނެ މައުލޫމާތު ބަދަލުކުރެވޭނެ ރަނގަޅު ނިޒާމެއް ޤާއިމްކޮށް މައުލޫމާތު ރައްކާކުރުމަށް ޤައުމީ ފެންވަރުގައި މަސައްކަތްތަކެއް ކުރުމަށް ޑިޖިޓަލައިޒޭޝަން ސިޔާސަތުގެ ތެރެއިން ވަނީ ނިންމާފައެވެ.
މިމަސައްކަތް ކުރިއަށް ގެންދިއުމަށް މަގުޗާޓެއް އެކުލަވާލައި، މަސައްކަތުގެ ތާވަލެއް އެކުލަވާ ކުރިއަށް ގެންދާނެ ގޮތް ކަނޑައެޅުމަށް ޚާއްސަ ސަމިޓެއް ބޭއްވުމަށް ސަރުކާރުން މިވަނީ ނިންމަވާފައެވެ. ބާސެލޯ ނަސަންދުރާގައި ކުރިއަށް ގެންދާ މި ސަމިޓުގައި، އެކި އިދާރާތަކާއި މުޢައްސާސަތަކުން 200 މަންދޫބުން ބައިވެރިވާނެއެވެ. މީގެތެރެއިން 50 މަންދޫބުންނަކީ އަމިއްލަ ފަރާތްތައް ތަމްސީލްކުރާ މަންދޫބުންނެވެ. މިސަމިޓުގައި އެސްޓޯނިއާގެ ތަޖުރިބާކާރުންވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
ތިން ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މި ސަމިޓުގައި އެކި އިދާރާތަކުން 10 ކަރުދާހެއް ހުށަހަޅާނެއެވެ. މިކަރުދާސްތަކުގައި އެއިދާރާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުވައި ދިމާވާ ގޮންޖެހުންތައް ހިއްސާކުރާނެއެވެ. އަދި ސަމިޓުގެ ތެރެއިން 40 ޑިސްކަޝަން ސެޝަން ކުރިއަށް ގެންދާނެއެވެ.
ސަރުކާރުގެ އަމާޒަކީ މުޅި ދައުލަތުގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒް ކުރުމެވެ. މިކަން ތަންފީޒުކުރުމަށް "މޯޑިވްސް 2.0" އާއި ގުޅޭ ޤާނޫނެއްވެސް ފާސްކުރެވޭނެއެވެ. ސަރުކާރުގެ ޚިދުމަތްތައް ފިޔަވައި ދައުލަތުގެ އެހެން ބާރުތައްވެސް ޑިޖިޓަލައިޒް ކުރުމަށާއި ނިޒާމީ ގޮތުން ހުރި މައްސަލަތައް ހައްލުކުރުމަށް މި ޤާނޫނުގެ ތެރެއިން ބާރުލިބިގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ސަރުކާރުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ތަޢުލީމީ ދާއިރާ އާއި ޞިއްޙީ ދާއިރާ އެއްކޮށް ޑިޖިޓަލައިޒް ކުރުމަށް އިސްކަންދެއްވާނެކަން ހާމަކުރައްވާފައެވެ.