މިދިޔަ އަހަރުގެ އޭޕްރީލްމަހާ އަޅާބަލާއިރި މިއަހަރުގެ އޭޕްރިލް މަހު ދަޢުލަތަށް ލިބުނު އާމްދަނީ %22.7 އިތުރުކަމަށް މީރާއިން ވިދާޅުވެއްޖެއެވެ.
މީރާއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އޭޕްރިލް މަހު މީރާއަށް 2.60 ބިލިޔަން ރުފިޔާ ބަލައިގެންފައިވެއެވެ. މިއީ މިއަހަރު އޭޕްރީލްގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ %1.6 އިތުރު އަދަދެކެވެ.
* ޖީއެސްޓީ – 1.65 ބިލިޔަން ރުފިޔާ - އާމްދަނީގެ %63.4
* ގްރީން ޓެކްސް – 226.7 މިލިޔަން ރުފިޔާ - އާމްދަނީގެ %8.7
* އިންކަލް ޓެކްސް – 176.5 މިލިޔަން ރުފިޔާ - އާމްދަނީގެ %6.8
* އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ – 155.3 މިލިޔަން ރުފިޔާ - އާމްދަނީގެ %6.0
* ޑިޕަރޓްމަންޓް ޓެކްސް – 153.2 މިލިޔަން ރުފިޔާ - އާމްދަނީގެ %5.9
* ޓޫރިޒަމް ލޭންޑް ރެންޓް – 9.4 މިލިޔަން ރުފިޔާ - އާމްދަނީގެ %3.6
ޑޮލަރު އާމްދާނީގެ ގޮތުގައި ލިބިފައިވަނީ 125.09 މިލިޔަން އެމެރިކާ ޑޮލަރެވެ.
މީރާއިން ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ އޭޕްރީލް މަހު ލިބުނު އާމްދަނީއާ އަޅާބަލާއިރު މިދިޔަ އޭޕްރިލް މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. މިއަހަރުގެ މާރޗްމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުވެރިންގެ ނިސްބަތްވެސްވަނީ %4.8 ވަނީ އިތުރުވެފައެވެ.
މީގެއިތުރުން 1 ޖެނުއަރީން ފެށިގެން ގްރީން ޓެކުހުގެ ރޭޓު ބޮޑުވުމާއި މިދިޔަ އަހަރުގެ ޑިސެމްބަރ މަހުން ފެށިގެން އެއަރޕޯޓް ޓެކުހުގެ ފީގެ އާމްދަނީ އިތުރުވުމަކީވެސް އާމްދަނީ އިތުރުވި އެއް ސަބަބުކަމަށް މީރާއިން ފާހަގަކުރެއެވެ. މީގެއިތުރުން މިދިޔަ ޖެނުއަރީ މަހު ލިބިފައިވާ އާމްދަނީގެ %14.8އަކީ ކުރީގެ މުއްދަތުތަކުގައި ޓެކްސް ދައްކާ ފަރާތްތަކުން ދައްކާފައިވާ ފައިސާކަމުން، މިއީވެސް މި މުއްދަތުގައި ލިބުނު އާމްދަނީ އިތުރުވި އެއްސަބަބެވެ.