ޚަބަރު

ޑެޕިއުޓީ ގަވަރުނަރުގެ މަޤާމަށް އަސްނާ ޢައްޔަންކުރަން ކޮމިޓީން ރުހުންދީފި


  • އޭނާވަނީ މާލީ ދާއިރާގައި 20 އަހަރު މަސައްކަތްކުރައްވާފައި

  • އެމްއެމްއޭގެ އެކި މަޤާމުތައް ފުރުއްވާފައިވާއިރު ޚިދުމަތާއި ގުޅިވަޑައިގައިގަތީ 2008 ވަނަ އަހަރު

ޑެޕިއުޓީ ގަވަރުނަރުކަމުގެ މަޤާމަށް ޢާއިޝަތު އަސްނާ ހަމްދީ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ރުހުންދީފިއެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަޤާމަށް ޢާއިޝަތު އަސްނާ ހަމްދީ އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހުށައަޅުއްވާފައި މިވަނީ އެ މަޤާމުގައި ހުންނެވި އަޙްމަދު އިމާދު މިދިޔަ މަހުގެ 17ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެމަޤާމަށް، އަސްނާގެ ނަން ފޮނުވުމާއި ގުޅިގެން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދުވަނީ އޭނާއާއި އިންޓަރވިއުކޮށްފައެވެ.

އަދި މިމަރުޙަލާގައި އޭނާގެ ތަޢުލީމާއި ލިބިފައިވާ ތަޖުރިބާއަށް ބެލުމަށްފަހު އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަޤާމަށް ޤާބިލު ފަރާތެއްކަމަށް ކޮމިޓީއަށް ފެންނަކަމަށް ކޮމިޓީންވަނީ ފާސްކޮށްފައެވެ. އެހެންކަމުން އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަޤާމަށް ޢާއިޝަތު އަސްނާ ހަމްދީ ޢައްޔަންކުރުމަށް މަޖިލީހުގެ ކޮމިޓީން ރުހުން ދިނުމަށް ނިންމާފައިވާކަމަށް ކޮމިޓީގެ މުޤައްރިރުވަނީ ވިދާޅުވެފައެވެ.

ޢާއިޝަތު އަސްނާ ހަމްދީ މާލީ ދާއިރާގައި މަސައްކަތްކުރައްވަމުންގެންދަވާތާ މިހާރުވަނީ 20 އަހަރުވެފައެވެ. އެމްއެމްއޭގެ އެކި މަޤާމުތައް ފުރުއްވާފައިވާއިރު ޚިދުމަތާއި ގުޅިވަޑައިގަތީ 2008 ވަނަ އަހަރުގައެވެ. އޭނާ ޑިގްރީ ހާސިލުކުރައްވާފައިވަނީ ބެޗްލަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަންއިން މެލޭޝިއާ ގައި ހުންނަ ޔުނިވަރސިޓީ އޮފް އީސްޓްލަންޑަންއިންނެވެ. އަދި މާސްޓަރސް އިން ބިޒްނަސް ފައިނޭންސް ޙާސިލުކުރައްވާފައިވަނީ މެލޭޝިއާގައި ހުންނަ ޔުނިވަރސިޓީ އޮފް ނޮޓިންގހަމްއިންނެވެ.