ކުޅިވަރު

އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ ޑެމްބެލޭ ފިޓުވުން: އެންރީކޭ


ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ދެވަނަ ލެގުގައި މިރޭ އާސެނަލްއާ ދެކޮޅަށް ޕީއެސްޖީގެ ފޯވާޑް އޮސްމާނޭ ޑެމްބެލޭ ކުޅޭނެ ކަމަށް ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.

ކުރިން ބާސެލޯނާ އަށް ކުޅުނު ޑެމްބެލޭ އަށް އަނިވީ މި ދެ ޓީމު ކުޅުނު ފުރަތަމަ ސެމީ ފައިނަލް މެޗުގަ އެވެ. އެ މެޗު 1-0އިން ކާމިޔާބު ކުރީ އާސެނަލްގެ ދަނޑުގައި ޕީއެސްޖީ އެވެ. މެޗުގެ ހަމައެކަނި ލަނޑު ޖެހީ ވެސް އާސެނަލް އެވެ.

ކޯޗު އެންރީކޭ ބުނީ އެ މެޗުގައި ލިބުނު އަނިޔާ އަށް ފަހު ޑެމްބެލޭ ޓީމާއެކު ފަރިތަކުރަން ފެށިތާ މިހާރު ދެ ދުވަސް ވެއްޖެ ކަމަށެވެ.

"އޭނާ މިހާރު ފިޓްވެއްޖެ. އޭނާ ވަނީ މިދިޔަ ދެ ދުވަހު ޓީމާއެކު ފަރިތަކޮށްފައި. އަހަރުމެން އުއްމީދު ކުރަނީ ވަރުގަދަ ކުޅުމެއް އޭނާގެ ފުށުން ފެނިގެންދާނެ ކަމަށް،" އެންރީކޭ ބުންޏެވެ.

އޭނާ ބުނީ މީގެ ދެ އަހަރު ކުރިން ދުނިޔޭގެ ތަރިން ތިބެގެން ޗެމްޕިއަންސް ލީގު ސެމީ ފައިނަލަށް ވެސް ނުދެވުނު ޕީއެސްޖީ ޓީމާ އަޅާ ބަލާއިރު މިހާރުގެ ޓީމު މާބޮޑަށް ވެސް ފުރިހަމަ ކަމަށެވެ. އަދި އެ ފަދަ ތަރިން ނެތި ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އާސެނަލްއާ ދެކޮޅަށް ޕީއެސްޖީ މޮޅުވީ މޮޅަށް ކުޅެގެން ކަމަށެވެ. އަދި އުއްމީދަކީ ދެ ވަނަ މެޗުން ވެސް މޮޅުވުން ކަމަށެވެ.

"އަހަރުމެން ސެމީ ފައިނަލުގައި މި ތިބީ އަހަރުމެންނަށް މި މަގާމު ހައްގުވީމަ. އަހަރެންނަށް ހީވަނީ މި މެޗުގައި އަހަރުމެން ނަފްސާނީ ގޮތުން ތައްޔާރުވެ ޖަޒުބާތީ ގޮތުން ތައްޔާރުވުމަށްވުރެ ބޮޑަށް ވިސްނަންވީ އިތުބާރު ގާއިމް ކުރުން ކަމަށެވެ. އަހަރުމެންނަށް މެޗުގައި ކޮންޓްރޯލް ހޯދިދާނެ ގޮތްތަކެއް އެބަހުރި. އެކަންކަން ކުރަން އަހަރުމެން ތައްޔާރުވާން ޖެހޭ. އަހަރުމެންގެ ސަޕޯޓަރުންނަށް ދައްކަން އެބަޖެހޭ އަހަރުމެން އިތުބާރާއެކު ކުޅެ މޮޅުވާނެކަން. އަހަރުމެންގެ ރޭވުމާ އެއްގޮތަށް ކަންކަން ނުދަންޏާ ދެން ކުރެވޭނެ ކަންކަމަށް ވެސް އަހަރުމެން ތައްޔާރުވާންވާނެ،" އެންރީކޭ ބުންޏެވެ.

ޕީއެސްޖީ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅެފައިވަނީ 2020 ވަނަ އަހަރު އެވެ. އެ ފައިނަލްގައި ޕީއެސްޖީ ބަލިވީ ޖަރުމަނުގެ ބަޔާން މިއުނިކް އަތުންނެވެ. އާސެނަލް އަކީ ވެސް ޗެމްޕިއަންސް ލީގު ތަށި ލިބިފައިވާ ޓީމެއްނޫނެވެ. ފައިނަލްގައި ކުޅުނީ އެންމެ ފަހަރަކު އެވެ. އެއީ 2006ގަ އެވެ. ބަލިވީ ބާސެލޯނާ އަތުންނެވެ.