ޚަބަރު

ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ: މެޓު


  • މެދުރާއްޖެއާއި ދެކުނުގެ ކަނޑުތައް ގަދަވާނެ

  • ވިއްސާރަ އަލިކުރާނެކަމަށް ބެލެވެނީ ހުކުރު ދުވަހު

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. މިވޭތުވެދިޔަ 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށްވަނީ ވިއްސާރަކޮށް ބޯކޮށް ވާރޭވެހިފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރާއްޖެއަށް މިހާރުކުރަމުންދަނީ ދެމޫސުން ބެދޭ އިރު ކުރާ ވިއްސާރަކަމަށެވެ.

މެޓް އޮފީހުން ވިދާޅުވީ ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށެވެ. އަދި މެދުރާއްޖެއާއި ދެކުނުގެ ކަނޑުތައްވެސް ގަދަވާނެކަމަށާއި، ކުރިއަށް އޮތް 24 ގަޑިއިރު ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓު އޮފީހުން ވަނީ އިލްތިމާސްކުރައްވާފައެވެ. ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ގެދޮރުގެ ސަލާމަތަށްޓަކައި ފެން ނުވަންނާނެހެން ސަލާމަތީ ފިޔަވަޅުތައް އެޅުމަށްވެސް ކަމާބެހޭ ފަރާތްތަކުން އިރުޝާދުދެއްވައެވެ. މިހާރުކުރަމުންދާ ވިއްސާރަ އަލިވާނެކަމަށް ބެލެވެނީ ހުކުރު ދުވަހުކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

މެޓު އޮފީހުންވަނީ ބޯކޮށް ވާރޭވެހި ފެންބޮޑުވާނެކަމަށް ލަފާކޮށް، ރ.އަތޮޅުން ފެށިގެން އދ. އަތޮޅާއި ހަމައަށް ހެނދުނު 06:30 އިން ފެށިގެން މެންދުރުކުރި 11:30 އާއި ހަމައަށް ރީނދޫ ސަމާލުވެސް ނެރެފައެވެ. އަދި ހެނދުނު 08:00 އިން ފެށިގެން މެންދުރުފަހު 14:00 އަށް ވައިގަދަވާނެކަމަށް ލަފާކޮށް ގއ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދު ހުދު ސަމާލުވެސްވަނީ ނެރެފައެވެ. އެސަރަޙައްދަށް ގަޑިއަކު ގާތްގަނޑަކަށް 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ.

ރެއިން ފެށިގެން ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެފައިވާތީ، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.

މިވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރިކޯޑުކުރެވިފައިވަނީ 103.5 މިލިމީޓަރުގެ ވާރެއާއެކު ހުޅުލެއަށެވެ. މާލެއަށް ވަނީ 63 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. އަދި 95.9 މިލިމީޓަރުގެ ވާރޭ ހދ. މަކުނުދޫއަށް ވެހިފައިވާކަމަށްވަނި ރިކޯޑުކުރެވިފައެވެ. މީގެއިތުރުން ފުވައްމުލައް ސިޓީއަށް 76 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށްވަނީ ރިކޯޑުކުރެވިފައެވެ.