އެހެނިހެން ވަޒީފާތަކުގައި އުޅޭ މީހުންނެކޭ އެއްފަދައިން މަސްވެރިންނަށްވެސް ބޭންކުން ލޯނު ލިބޭނެ މަގު ފަހިކޮށްދިނުމަކީ މި ސިނާއަތް ކުރިއެރުވުމަށް އެޅުނު އެންމެ މުހިންމު ފިޔަވަޅުކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަމްޒަތު އަޙްމަދު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް، މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ބީއެމްއެލްއިން ދޫކުރާ ލޯނުތަކަށް ހުށައެޅުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަމްޒަތު އަޙްމަދު ވިދާޅުވީ، މަސްވެރިކަމުގެ ޤައުމީ ދަފްތަރުގައި މިހާތަނަށް %95 ދޯނިން ރަޖިސްޓްރީވެފައިވާކަމަށެވެ. ދޯނިތަކުން އަދި މަސްވެރިން އަމިއްލައަށްވެސް ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އޮންނާނެކަމަށް އޭނާ ވިދާޅުވިއެވެ.
ޢަމްޒަތު ވިދާޅުވީ، ލޯނު ލިބޭނެ މަގު ފަހިވެގެންދިއުމަކީ މަސްވެރިން ވަރަށް ގިނަ ދުވަހު އެދިއެދި ތިބި ކަމެއްކަމަށެވެ. މިކަން ކުރާނެ ގޮތެއް ފެނިގެން މިދިޔައީ މި ސަރުކާރުގައިކަން އޭނާ ފާހަގަކުރެއްވިއެވެ. މަސްވެރިންނަށް އެހެނިހެން ޚިދުމަތްތައް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްވެސް މިހާރު ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ. އޭގެތެރޭގައި ސޯޝަލް ސެކިއުރިޓީ ހޯދައިދިނުން އޭނާ ފާހަގަކުރެއްވިއެވެ.
"މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށްޓަކައި އަޅަންޖެހޭ އެންމެ މުހިންމު އެންމެ ފުރަތަމަ ފިޔަވަޅު އަޅުގަނޑުމެންނަށް މިއެޅުނީ. އޭގެ މާނައަކީ އަޅުގަނޑުމެންނަށް މި ބެރިއަރ ކްރޮސްކޮށްލެވުނީމަ ދެން މަސްވެރިންގެ ފަރުދީ ތަރައްޤީއަށް އެބޭފުޅުންނަށްވެސް ގެތައް ހަދާލެވި، ލޯނުތައް ލިބި، ދިރިއުޅުމުގެ ފެންވަރު ކުރިއަށްވުރެ އިރާދަކުރެއްވިއްޔާމުން ދާނީ ރަނގަޅަށް". އަމްޒަތު ވިދާޅުވިއެވެ.
ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިންގ ސްޓްރެޓެޖީ މުޙައްމަދު ސައީދު ވިދާޅުވީ، ލޯން ދޫކުރާއިރު މަސްވެރިއެއްގެ އާމްދަނީއާއި މުސާރަވެރިއެއްގެ އާމްދަނީ ބަލާގޮތާއި ތަފާތުވާނެކަމަށެވެ. މަސްވެރިއެއްގެ ބަލާނީ އަހަރެއްގެ ތެރޭގައި އެމީހެއްގެ އެކައުންޓަށް ޖަމާވެފައި ހުންނަ އަދަދުންކަމަށާއި އެ އަދަދަށް ބެލުމަށްފަހު އޭނާއަށް ލޯނު ލިބޭނެ މިންވަރު ކަނޑައެޅޭނެކަމަށް އޭނާ ވިދާޅުވިއެވެ. މަސްވެރިންނަށް ލޯނު ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ އެ ބޭންކަށްވެސް ވަރަށް ބޮޑަށް އަންނަ ޝަކުވާއަކަށް ހައްލު ލިބިގެންދިޔަ ކަމެއްގެ ގޮތުގައި ސައީދު ފާހަގަކުރެއްވިއެވެ.
"ކުރީގަ ވެއްޖެއްޔާ އަޅުގަނޑުމެންނަށްވެސް ޝަކުވާ އާދޭ ޖުމްލަކޮށް އަހަރުތެރޭގައި ރަނގަޅު އާމްދަނީއެއް ލިބޭ އެހެންނަމަވެސް މިދެންނެވިހެން އަޅުގަނޑުމެންނަކަށް ނޭނގޭ އެއީ މަސްވެރިއެއްކަމެއް. ސަރުކާރުގެ އެއްވެސް އިދާރާއަކުން އަޅުގަނޑުމެންނަކަށް އެ މައުލޫމާތެއް ނުލިބޭ. ކްރެޑިޓް ރޭޓިންއެއް ހަދާއިރުވެސް އެ މައުލޫމާތުތަކެއް ނުލިބޭ. މިހާރު މި ނިޒާމުގެ ތެރެއިން މަސްވެރިންނަށް ވަރަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެން މިދިޔައީ ބޭންކުގެ ހުރިހައި ފައިނޭންސިންއެއްގައި، ހުރިހައި ބޭނުމަކަށް އެހެން އާމްދަނީ ލިބޭ ފަރާތްތަކަށް ހަމަ ކޮލިފައިވާ ހުރިހައި ފައިނޭންސިންއަކަށް، ލޯނަކަށް، ކްރެޑިޓް ކާޑަށް މަސްވެރިން މި ކޮލިފައިވީ." ސައީދު ވިދާޅުވިއެވެ.
ބީއެމްއެލްއިން ވިދާޅުވީ، ލޯނު އަނބުރާދެއްކުމަށްވެސް މަސްވެރިންނަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާދީފައިވާކަމަށެވެ. ވަޒީފާއެއްގައި އުޅޭ މީހަކު ލޯނަށް ފައިސާ ދައްކާއިރު ކޮންމެ މަހަކު ދައްކަންޖެހެނީ އެއް އަދަދެކެވެ. ނަމަވެސް މަސްވެރިޔާއަށް މަސްވެރިކަމުގެ މޫސުމަށް އަންނަ ބަދަލުތަކާއި އާމްދަނީ ލިބޭ ގޮތައް ބެލުމަށްފަހު މަސްވެރިކަން ދަށް އަދަދުތަކުގައި ލޯނުގެ ގޮތުގައި ދައްކަންޖެހޭނީ ކުޑަ އަދަދެކެވެ. އަދި މަސްވެރިކަން ރަނގަޅު ދުވަސްތަކުގައި އަނބުރާ ދައްކަން ޖެހޭ އަދަދު ބޮޑުވާނެކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ވިދާޅުވެއެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަން ސިންދަފާތުކޮށް މިސިނާޢަތް އިތުރަށް ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ދަނީ ކުރައްވަމުންނެވެ. އެގޮތުން މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ މުހިންމު ސިޔާސަތެކެވެ.