މަގުމައްޗަށް ދޫކޮށްފައި ދިޔަ ކަޅު ކޮތަޅުތަކަކުން، ވަގަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ސިނގިރޭޓް ފުލުހުން ރޭ ހޯދައިފިއެވެ.
ފުލުހުން ވިދާޅުވީ ރޭ ބޮޑުރަސްގެފާނު މަގުން ފިލައިގެން ދާން އުޅުނު ޕިކަޕަކުން ކަޅު ކުލައިގެ ތިން ކޮތަޅު މަގުމައްޗަށް ދޫކޮށްފައި ދިއުމުން އެކަން ތަހުގީގުކުރަމުން އަންނަކަމަށެވެ. އެގޮތުން އެކޮތަޅުތައް ބަލައި ފާސްކުރިއިރު، ރާއްޖެއަށް ވަގަށް އެތެރެކޮށްފައިވާ ކަމަށް ޝައްކުކުރެވޭ 221 ކާޓަންގެ ސިނގިރޭޓު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި މައްސަލައާއި ގުޅިގެން ބަންގްލަދޭޝަށް ނިސްބަތްވާ 3 ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
Police have initiated an investigation after a pickup fled from Bodurasgefaanu Magu tonight, leaving behind three black bags. Upon inspection, officers discovered 221 cartons of cigarettes believed to have been smuggled into the country. Three Bangladeshi men were arrested. pic.twitter.com/3g7SrcvfpN
— Maldives Police (@PoliceMv) May 5, 2025
މިދިޔަ މަހުވެސް ފުލުހުން ވަނީ ވަގަށް ރާއްޖެއަށް އެތެރެކުރަން އުޅުނު 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް އަތުލައިގަނެފައެވެ. އެގޮތުން 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގެ ތެރެއިން 1،360 ކޭސް ސިނގިރޭޓު ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ. އެއީ ޖުމްލަ 13.6 މިލިޔަން ސިނގިރޭޓު ސްޓިކެވެ.
ރާއްޖެއަށް ދުންފަތް އެތެރެކުރުމަށާއި ވިއްކުމަށް ޚާއްސަ ހުއްދައެއް ނަގަން ޖެހެއެވެ. އަދި ރާއްޖެއަށް އެތެރެކުރާ ސިނގިރޭޓުގައި އޭގެ ނުރައްކާ އަންގައިދޭ ފޮޓޯއާއި ލޭބަލް ޖެހުމަކީ މަޖުބޫރު ކަމެކެވެ.