ޚަބަރު

ފަތުރުވެރިކަމުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް ކޮރަޕްޝަނަށްހުރި ހިރާސްތައް ނައްތާލުން މުހިންމު: ނައިބު ރައީސް


  • ކޮރަޕްޝަނާ ދެކޮޅަށް އެކުގައި މަސައްކަތްކޮށް ނަތީޖާ ނެރުން މުހިންމުކަމަށް ނައިބު ރައީސް ވިދާޅުވި

  • އިންވެސްޓަރުންގެ އިތުބާރު ދަމަހައްޓާ އިތުރުކުރުމަކީ މުހިންމުކަމެއްގެ ގޮތުގައި ފާހަގަކުރެއްވި

ފަތުރުވެރިކަމުގެ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުމަށް ކޮރަޕްޝަނަށް ހުރި ހިރާސްތައް ނައްތާލުން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ، އޯއައިސީގެ ޤައުމުތަކަށް އަމާޒުކޮށްގެން ވިލާ ނޯޓިކާގައި ބާއްވާ "ސަޢުދީ-މޯލްޑިވްސް އިންޓަރނޭޝަނަލް ފޯރަމް އޮން އިންޓެގްރިޓީ" ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މިއީ ރާއްޖޭގެ އެންޓި-ކޮރަޕްޝަން ކޮމިޝަން، (އޭސީސީ) އާއި ސަޢުދީ ޢަރަބިއްޔާގެ އޯވަރސައިޓް އެންޑް އެންޓި-ކޮރަޕްޝަން އޮތޯރިޓީ، (ނަޒާހާ) ގުޅިގެން ބާއްވާ ޚާއްސަ ފޯރަމެކެވެ.

މި ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ، މިއަދު ފެށިގެން މިދާ ފޯރަމަކީ، ބައިނަލްއަޤްވާމީ އިދާރާތަކާއި ވުޒާރާތައް ގުޅިިގެން ކުރިއަށްގެންދާ މުހިންމު ފޯރަމެއްކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ، ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބުކަމަށާއި ރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓްތައް އަންނަ މައިގަނޑު ސިނާޢަތަކީ ފަތުރުވެރިކަންކަމަށެވެ. އެހެންކަމުން މި ސިނާޢަތުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް ކޮރަޕްޝަނަށް ހުރި ހިރާސްތައް ނައްތާލަންޖެހޭކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި މިއީ އިންވެސްޓަރުންގެ އިތުބާރު އިތުރުކުރުމަށްވެސް ކުރަން މުހިންމުކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ކޮރަޕްޝަނަށް ހުރި ދޮރުތައް ބަންދުކުރުމަށް ކުރާ މަސައްކަތްތަކުގައި ނަތީޖާ ނެރެވޭނީ ސަރުކާރުގެ އިތުރުން ޕްރައިވެޓް ސެކްޓަރގެ ޝާމިލުވުންވެސް ލިބިގެންކަމަށް ވިދާޅުވިއެވެ.

މި ފޯރަމްގައި ވާހަކަދައްކަވަމުން އޯގަނައިޒޭޝަން އޮފް އިސްލާމީކް ކޯޕަރޭޝަން، އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ޙިސެން ބްރާހީމް ޠާޙާ ވިދާޅުވީ، އޯއައިސީގެ މެންބަރު ޤައުމުތަކަށް އަމާޒުކުރެވިގެން މިފަދަ ހައްސާސް މައްސަލައަކާމެދު ޚިޔާލު ބަދަލުކޮށް މަޝްވަރާކުރުމަށް މިފަދަ ފޯރަމެއް ބޭއްވޭކަމީ، އޯއައިސީގެ މެންބަރު ޤައުމުތަކުން މިކަމަށްދޭ އިސްކަމާއި ސަމާލުކަން ރަމްޒުކޮށްދޭ ކަމެއްކަމަށެވެ. ކޮރަޕްޝަންގެ ވަބާއަކީ މުޅި ދުނިޔެއަށްވެސް އޮތް ގޮންޖެހުމެއްކަމަށްވާއިރު، ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އަދިވެސް އިތުރުކުރަންޖެހޭކަން އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ސަޢުދީ ޢަރަބިއްޔާ އެންޓި ކޮރަޕްޝަން އޮތޯރިޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފަށް ވަނީ ޚާއްސަ ޓޯކަން އޮފް އެޕްރިސިއޭޝަނެއް އަރުވާފައެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މިފޯރަމްގެ ތީމެެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ސްޓްރެންތެނިންގ އިންޓަގްރިޓީ އެންޑް ކޮމްބެޓިންގ ކޮރަޕްޝަން އިން ދަ ޓޫރިޒަމް ސެކްޓަރ" ނުވަތަ ކޮރަޕްޝަންގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް ނައްތާލުމަށް މަސައްކަތްކުރުމުގެ މައްޗަށެވެ.

މި ފޯރަމްގައި އޯއައިސީގެ މެންބަރު ޤައުމުތަކުގެ މަންދޫބުންނާއި، ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާއި، ބައިނަލްއަޤްވާމީ އިދާރާތައް ހިމެނޭހެން 170 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ.