ޚަބަރު

ޙޫޘީންގެ ޙަމަލާތަކާ ގުޅިގެން އިސްރާއީލަށް ދަތުރު ކުރުން އެއަރލައިންތަކުން މެދުކަނޑައިލައިފި


ޔަމަންގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް، ޙޫޘީން ޒަޔަނިސްޓު އިސްރާއީލުގެ ވެރިރަށް ތެލް އަވީވު އޮންނަ ސަރަޙައްދަށް ދިން ނުރައްކާތެރި ޙަމަލާއަކާ ގުޅިގެން ގިނަ އަދަދެއްގެ އެއަރލައިންތަކުން އެ ޤަައުމަށް ކުރަމުން ދިޔަ ވައިގެ ދަތުރުތައް މެދުކަނޑައިލައިފިއެވެ. ޒަޔަނިސްޓުންގެ ވެރިރަށަށް ދަތުރު ކުރުން މެދުކަނޑައިލާފައިވާ އެއަރލައިންތަކުގެ ތެރޭގައި އެމެރިކާއާއި ވިލާތުގެ ޤައުމުތަކުގެ ބޮޑެތި އެއަރލައިންތައް ހިމެނެއެވެ.

ނުރައްކާތެރި ބެލިސްޓިކް މިސައިލެއް ބޭނުން ކޮށްގެން ޙޫޘީން ޙަމަލާ ދީފައި ވަނީ ތެލް އަވީވުގެ ދެކުނުން އޮތް އިސްރާއީލުގެ މައި ވައިގެ ބަނދަރު، ބެން ގޫރިޔޮން ވައިގެ ބަނދަރު އޮންނަ ސަރަޙައްދަށެވެ. އެ ތަނަށް ޙޫޘީން ޙަމަލާ ދީފައި ވަނީ މޭ 4ވަނަ ދުވަހުއެވެ. އެންމެ ފަހުގެ ޒަމާނީ ދިފާޢީ ނިޒާމުތައް ބޭނުން ކޮށްގެން ޙޫޘީންގެ އެ ޙަމަލާ ދިފާޢު ކުރުމަށް ޔަހޫދީން ކުރި މަސައްކަތްތައް ވަނީ ފޭލުވެފައެވެ.

ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ފެށުމާ އެކު ވެސް، ގިނަ އަދަދެއްގެ އެއަރލައިންތަކުން އިސްރާއީލަށް ކުރަމުން ދިޔަ ވައިގެ ދަތުރުފަތުރު މެދުކަނޑައިލިއެވެ. އެ އެއަރލައިންތަކުން އިސްރާއީލަށް ކުރާ ދަތުރުތައް އަލުން ފަށާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމާ ގުޅިގެންނެވެ. ނަމަވެސް، މާރިޗު 18ވަނަ ދުވަހު ޔަހޫދީން ވަނީ އެ އެއްބަސްވުން ރޫޅައިލައި، ޣައްޒާ ޢުދުވާނީ ޙަމަލާތައް އަލުން ފަށާފައެވެ.

ޒަޔަނިސްޓު އިސްރާއީލާ ދެކޮޅަށް ޙޫޘީންގެ ޙަމަލާތައް އަމާޒު ކުރަން ފަށާފައި ވަނީ ޣައްޒާ ޢުދުވާނާ ގުޅިގެންނެވެ. ޙޫޘީންގެ ބޭނުމަކީ ފަލަސްޠީނުގެ ރައްޔިތުންނާއި، ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޖަމާޢަތްތަކަށް ވާގިވެރިވުމެވެ. އަދި، ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކަށް ނިމުމެއް ގެނައުމަށް ބާރު އެޅުމެވެ. ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކަށް އަމާޒުކޮށް ޙަމަލާ ދިނުމުގެ އިތުރުން ޙޫޘީން ދަނީ ރަތް ކަނޑު ހުރަސްކޮށް ދަތުރު ކުރާ އާގުބޯޓުފަހަރަށް ވެސް ޙަމަލާތައް އަމާޒު ކުރަމުންނެވެ. އެ ޙަމަލާތައް އަމާޒު ކުރަމުން ދަނީ އިސްރާއީލަށް މުދާ ގެންދާ އަދި ޔަހޫދީންނާ ގުޅުން އޮތް އުޅަނދުފަހަރުގެ އިތުރުން ޔަހޫދީންގެ މަދަދުގާރުން ކަމުގައި އެމެރިކާއާއި އިނގިރޭސިވިލާތުގެ އަސްކަރީ މަނަވަރުތަކާއި، އެ ދެ ޤައުމާ ގުޅުން އޮތް އާގުބޯޓުފަހަރަށެވެ.

ޙޫޘީން އެންމެ ފަހުން ތެލް އަވީވް ކައިރިއަށް ދިން ޙަމަލާއާ ގުޅިގެން އިސްރާއީލަށް ވައިގެ ދަތުރުތައް މެދުކަނޑައިލާފައިވާ އެއަރލައިންތަކުގެ ތެރޭގައި އެމެރިކާގެ ޑެލްޓާ އެއަރ ލައިންސާއި ޔުނައިޓެޑް އެއަރލައިންސް ހިމެނެއެވެ. އަދި، ވިލާތުގެ ޤައުމުތަކުގެ އެއަރލައިންތައް ކަމުގައިވާ ލުފްތަންސާ ގުރޫޕުގެ ދަށުން ހިންގާ ލުފްތަންސާ، ސްވިސް، ބްރަސަލްސް އަދި އޮސްޓްރިޔަނުން ތެލް އަވީވަށް ކުރާ ދަތުރުތައް ވެސް ވަނީ މެދުކަނޑައިލާފައެވެ. މީގެ އިތުރުން އިޓަލީވިލާތުގެ އައިޓީއޭއާއި ފަރަންސޭސިވިލާތުގެ އެއަރ ފްރާންސް އަދި ސައިޕްރަސްގެ ޓީޔޫއެސާއި އިންޑިޔާގެ އެއަރ އިންޑިޔާއިން ވެސް ވަނީ ތެލް އަވީވަށް ކުރާ ދަތުރުތައް މެދުކަނޑައިލާފައެވެ.

ޙޫޘީންގެ ޙަމަލާގެ 30 މިނެޓަށް ފަހު، ބެން ގޫރިޔޮން ވައިގެ ބަނދަރު އަލުން ހުޅުވައި، ޚިދުމަތް ދޭން ފަށާފައިވެއެވެ. އެ ތަނަށް އަމާޒުކޮށް ދިން ޙަމަލާގެ ޒިންމާ ޙޫޘީން ވަނީ އުފުލާފައެވެ. އެ ޖަމާޢަތުގެ ތަރުޖަމާނު ޔަޙްހާ ޤާސިމް ސަރީޢު ވިދާޅުވީ، އެ ޖަމާޢަތުގެ ޙަމަލާއާ އެކު ބެން ގޫރިޔޮން ވައިގެ ބަނދަރަކީ ރައްކާތެރި ތަނެއް ނޫން ކަން މުޅި ދުނިޔެއަށް ހާމަކޮށްދީފައިވާނެ ކަމުގައެވެ. ޙޫޘީންގެ މި ފަދަ ޙަމަލާތައް ހުއްޓުވުމުގެ ނަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް އެ ޤައުމުގެ އަސްކަރިއްޔާއިން ދަނީ ޔަމަންގެ ޢާންމު ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތަކަށް ނިރުބަވެރި ޙަމަލާތަކެއް އަމާޒު ކުރަމުންނެވެ.