ޚަބަރު

ހައިހޫނުގައި ޖެހިގެން ޣައްޒާއިން 57 މީހުން ބަނޑަށް މަރުވެއްޖެ


ޔަހޫދީންގެ ޤައުލުޢާންމާއި ހަރުކަށި ފުރަބަންދުގެ ސަބަބުން ކާބޯތަކެތި ނުލިބި، ހައިހޫނުގައި ޖެހިގެން 57 މީހުން ބަނޑަށް މަރުވެފައިވާ ކަން ޣައްޒާގެ މީޑިޔާ އޮފީހުން ހާމަކޮށްފިއެވެ. ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، ސަރަޙައްދީ ހުރަސްތައް ބަންދު ކޮށްފައި ވަނީ މާރިޗު 2ވަނަ ދުވަހުއެވެ. އެއަށް ފަހު، ޣައްޒާއަށް އެއްވެސް ވަރަކަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކޮށްފައެއް ނުވެއެވެ. މިއީ، ބައިނަލްއަޤްވާާމީ ޤާނޫނުތަކާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާއެކެވެ.

ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނުގެ އިތުރުން ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ އެހެނިހެން ތަކެތި ޣައްޒާއަށް އެތެރެ ކުރުމަށް ވެސް ޔަހޫދީ ފައުޖުން އޮތީ ހުރަސް އަޅާފައެވެ. އޭގެ ތެރޭގައި، ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް ބޭނުންވާ ބޭހާއި، އިންޖީނުގެތަކާއި ޖަނަރޭޓަރުތައް ހިންގުމަށް ބޭނުންވާ ތެޔޮ ވެސް ހިމެނެއެވެ. މީގެ އިތުރުން، ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ 2.3 މިލިޔަނެއްހާ މީހުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ވެސް ޔަހޫދީ ފައުޖުން ދަނީ ހުރަސް އަޅަމުންނެވެ.

ޣައްޒާގެ މީޑިޔާ އޮފީހުން ބުނީ ހައިހޫނުގައި ޖެހި ބަނޑަށް މަރުވެފައިވާ 57 މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިން ކަމުގައެވެ. އަދި، އޭގެ ތެރޭގައި ބަލި މީހުންނާއި ގައިބާރު ދެރަވެފައިވާ އުމޫރުން ވެސް ހިމެނޭ ކަމުގައެވެ. އެ އޮފީހުން ބުނީ، ޣައްޒާއަށް ކާބޯތަކެތި އެތެރެ ކުރުމަށް ހުރަސް އަޅައި، އެ ސަހަރުގެ ރައްޔިތުން ގަސްދުގައި ހައިހޫނުގައި ޖެއްސުމަކީ ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ޔަހޫދީން ބޭނުން ކުރަމުންދާ ކަމުގައެވެ.

ޔަހޫދީ ފައުޖުން މި ފަދަ ލާއިންސާނީ ޖަރީމާތައް ހިންގަމުން ދަނީ އެމެރިކާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާ އެކުގައެވެ. މި ކަމުގައި ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. ޣައްޒާއަށް ކާބޯތަކެތި އެތެރެ ކުރުމަށް ޔަހޫދީން އަޅާފައިވާ ހުރަސްތައް ހުއްޓުވުމަށް ބާރު އެޅުމަށް ވެސް ޣައްޒާގެ މީޑިޔާ އޮފީހުން ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވައިލާފައެވެ.

ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ މީހުންނަށް އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް އެހީދޭ ޤައުމުތަކާއި ޖަމުޢިއްޔާތަކުން މަސައްކަތް ކުރި ނަމަވެސް، ޔަހޫދީ ފައުޖުން ދަނީ އެ ކަމަށް ހުރަސް އަޅަމުންނެވެ. މި ގޮތުން، ޣައްޒާއަށް އެތެރެ ކުރުމަށް ފޮނުވާފައިވާ ގިނަ އަދަދެއްގެ ކާބޯތަކެތި ބަރު ކޮށްފައިވާ ލޮރީތައް މިޞްރާއި ޣައްޒާ ގުޅޭ ރަފަޙްގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮތީ ތާށިވެފައެވެ. އެ ތަކެތި ޣައްޒާއަށް އެތެރެ ކުރިޔަ ނުދީ ޔަހޫދީ ފައުޖުން ދަނީ ހުރަސް އަޅަމުންނެވެ.

ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން ހައިހޫނުގައި ޖެހި އެންމެ ފަހުން ބަނޑަށް މަރުވެފައިވާ އެއް ކުއްޖަކީ ޖަންނާން ޞާލިޙް އަލް-ސަކާފީއެވެ. އޭނާ ޝަހީދުވެފައި ވަނީ ފައިދާހުރި ކާނާ ނުލިބި، މެލްނިއުޓްރިޝަންގެ ޞިއްޙީ މައްސަލަ ކުރިމަތިވެގެންނެވެ. އެ ތުއްތު ކުއްޖާ ޝަހީދުވެފައި ވަނީ ޣައްޒާ ސިޓީގެ އަލް-ރަންތީސީ ހަސްފަތާލުގައި ފަރުވާ ދިނުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ. މެލްނިއުޓްރިޝަންގެ މައްސަލައިގައި ހަސްފަތާލުތަކުގައި ފަރުވާ ދެމުންދާ ކުޑަކުދިންގެ އަދަދު 9,000އަށް އުފުލިފައިވާ ކަމުގައި އެކުވެރި ދައުލަތްތައް (އދ)ން ބުންޏެވެ.

މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ހިތްފަޅައިގެންދާވަރުގެ ހިތާމަވެރި މަންޒަރުތައް ޣައްޒާއިން ފެންނަމުންދާ ކަމުގައެވެ. މި ގޮތުން، ކާބޯތަކެތި ހޯދުމަށް ގިނަ އަދަދެއްގެ ކުޑަކުދިން ގޮނޑު ހޮވަމުންދާ ކަމުގައި އެ ފަރާތްތަކުން ބުންޏެވެ. ކާބޯތަކެތި ތައްޔާރު ކުރުމަށް ބޭނުންވާ ސާމާނު ނުލިބި، ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ޢާންމު ބަދިގެތައް ވެސް ވަނީ ބަންދު ކުރަން މަޖުބޫރުވެފައެވެ.

"ބަނޑުފުރާނަ މުއްތިކުރުމަށް ދުވާލަކު އެންމެ ފަހަރު ކާބޯތަކެތި ހޯދުމަކީ މިހާރު ކުޅަދާނަ ކަމެއް ނޫން. ފެންނަނީ ކޮންމެ ދުވަހަކު ވެސް ކާބޯތަކެތި ފޯރުކޮށްދޭ އިތުރު ޢާންމު ބަދިގެއެއް ބަންދު ކުރަމުންދާ މަންޒަރު. ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ކުޅަދާނަ ކަން އެ ތަންތަނަކު މިހާރު ނެތް،" ޣައްޒާ ސިޓީގައި ދިރިއުޅޭ އަޙްމަދު އަލް-ނައްޖާރު ބުންޏެވެ. "ދެން ރުޅިގަދަވާ މަންޒަރަކީ، ސަރަޙައްދީ ރޮނގުގެ އަނެއް ފަރާތުގައި ކާބޯތަކެތި ބަރު ކޮށްފައިވާ ލޮރީތަކަށް ހުރަސް އަޅާފައިވާ މަންޒަރު، މި ތަނުގައި ޢާންމުންނާއި ކުޑަކުދިން ނިކަމެތި ހާލުގައި ގަނަތެޅެމުންދާއިރު."

ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި ޒަޚަމު ކުރަމުންދާ މީހުންނަށް ޞިއްޙީ ފަރުވާ ފޯރުކޮށްދޭނެ ގޮތެއް ވެސް އެ ސަހަރުގެ ހަސްފަތާލުތަކުގައި ނެތެވެ. ރަފަޙްގައި ހުރި ކުވައިތީ ހަސްފަތާލުގެ ވެރިޔާ ސުހަޔިބު އަލް-ހަމަޞް ވިދާޅުވީ، ޒަޚަމު ކޮށްލާފައިވާ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވާ ބޭހާއި ޞިއްޙީ ސާމާނުގެ %75 މިހާރު ހުސްވެފައިވާ ކަމުގައެވެ. އަދި، އެ ތަކެތި އެތެރެ ކުރުމަށް ޔަހޫދީ ފައުޖުން ހުރަސް އަޅާފައިވާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ޣައްޒާގެ ގިނަ ހަސްފަތާލުތައް ބަންދު ކުރަން ޖެހޭނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.