ޚަބަރު

ފުލަމް ބަލިކޮށް އެސްޓަން ވިލާއަށް ޗެމްޕިއަންސް ލީގުގެ ފުރުސަތު ބޮޑުވެއްޖެ


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލަމް އާއި ދެކޮޅަށް އެސްޓަން ވިލާ ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން އެސްޓަން ވިލާ ކާމިޔާބުކޮށް ގަދަ ފަހެއްގެ ފުރުސަތު ބޮޑުކޮށްފި އެވެ.

މި މެޗުން މޮޅުވުމާއިއެކު އެސްޓަން ވިލާއަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 35 މެޗުން 60 ޕޮއިންޓާއެކު ތާވަލުގެ ހަތްވަނަ މަގާމް ލިބިފަ އެވެ. ތާވަލުގެ ފަސްވަނަ އާއި ހަވަނައިގައި އޮތް ޗެލްސީ އާއި ނޮޓިންހަމް ފޮރެސްޓަށްވެސް ލިބިފައިވަނީ 60 ޕޮއިންޓެވެ. މި މެޗުން ބަލިވި ފުލަމް އަށް ލިބިފައިވާ 51 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 9 ވަނައިގަ އެވެ.

ޕްރިމިއާ ލީގުގެ ފަސް ޓީމަކަށް ޔޫއެފާ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބިގެންދާއިރު މި ފަސް ޖާގަ އަކީ ލީގުގެ ގަދަ ފަހެއްގައި ހިމެނޭ ޓީމުތަކަށް ލިބިގެންދާނެ ޖާގަތަކެވެ. އެހެންކަމުން ލީގުގެ ޗެމްޕިއަންކަން ލިވަޕޫލް އިން ހޯދާފައިވާއިރު އަނެއް ހަތަރު ޖާގައިގެ ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ.

އެސްޓަން ވިލާގެ ވިލާ ޕާކުގައި ސާޅީސް ދެހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 12 ވަނަ މިނިޓުގައި އެސްޓަން ވިލާއަށް ކާމިޔާބުކޮށްދީފައިވަނީ ޔޫރީ ޓިއެލެމަންސް އެވެ.

މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑު ކުރުމަށް އެސްޓަން ވިލާގެ އޮލީ ވޮޓްކިންސް އަށް ރަގަޅު ފުރުސަތެއް ލިބުނު ނަމަވެސް މެޓީ ކޭޝް ނަގައިދިން ހުރަސް އޭނާއަށް ވަނީ ގޯލުގެ ތެރެއަށް ފޮނުވާލެވޭ ގޮތް ނުވެފަ އެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާ މި މެޗުގައި އެސްޓަން ވިލާއަށް ވަނީ ލީޑު ފުޅާ ކުރުމަށް ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން އޮލީ ވޮޓްކިންސްގެ އިތުރުން ޓިއެލެމަންސްއަށް ލިބުނު ފުރުސަތުތަކެއް ފާހަގަކުރެވެއެވެ.

ދެވަނަ ހާފުގައި ފުލަމްގެ ސެސެގްނަން އެސްޓަން ވިލާކޮޅަށް ލަނޑެއް ޖެހި ނަމަވެސް ވީޑިއޯ ބެލުމަށްފަހު ރެފްރީ ވަނީ އެ ލަނޑު ޖެހުމުގެ ކުރިން ފުލަމްގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހިފައިވާކަމަށް ނިންމާ އެއީ ލަނޑެއް ނޫން ކަމަށް ނިންމާފަ އެވެ.

މި މެޗުން ފުލަމް ބަލިވެފައިވާއިރު އެ ޓީމުން ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން ހަ މެޗުން ބަލިވެފަ އެވެ.