ޚަބަރު

ޤަވާއިދުން ފައިސާ ދޫކުރަން ފެށުމުން މަސްވެރިކަމުގެ ސިނާއަތަށް އިތުރު އާރޯކަމެއް ލިބިއްޖެ: ރައީސް


  • މިހާތަނަށް 488 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފަ

  • މަސްވެރިންކަމުގެ ސިނާއަތަށް އިންވެސްޓްކުރާ ފަރާތްތައް ވަނީ އިތުރުވެފަ

މަސްވެރިންނަށް ޤަވާއިދުން ފައިސާ ދޫކުރަން ފެށުމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް އިތުރު އަރޯކަމެއް ލިބިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ބައިނަލްއަޤުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި މަސްވެރިކަމުގެ ސިނާއަތާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތުގައި ވީ އެންމެ ބޮޑު އެއް ވަޢުދަކީ މަސްވެރިން ބާނާމަހަށް 48 ގަޑިއިރުތެރޭގައި ފައިސާ ދިނުންކަމަށެވެ. ރައީސް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވީއިރު 250 މިލިޔަނެއްހާ ރުފިޔާ މަސްވެރިންނަށް ނުދީ އޮތްކަމަށެވެ. އެހެންނަމަވެސް އެ ފައިސާ ދައްކާ ޚަލާސްކޮށް، މިހާރު ދުވަހުން ދުވަހަށް މަސްވެރިންނަށް ފައިސާ ދެމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

"އެފައިސާ ދޭންފެށިފަހުން އެކަނިވެސް 488 މިލިޔަން ރުފިޔާ މިހާރު ވާނީ މަސްވެރިންނަށް ދޫކުރެވިފަ. ޖުމްލަކޮށް އަޅުގަނޑުމެން ސަރުކާރާއި ހަވާލުވީފަހުން 1.59 ބިލިޔަން ރުފިޔާ ވަނީ ދެވިފަ. އެއީ ފިއުލް ސަބްސިޑީޒްތައް ހިމެނޭގޮތަށް." ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މަސްވެރިން ބާނާ މަހަށް ދުވަހުން ދުވަހަށް ފައިސާ ދޫކުރަން ފެށިފަހުން މަސްވެރިކަމަށް ނިކުންނަ ދޯނިތަކުގެ އަދަދު އިތުރުވެ މަސްވެރިކަމަށް އިތުރު އާރޯކަމެއް ލިބިގެންދިޔަކަމަށެވެ. އަދި މަސްވެރިންކަމުގެ ސިނާއަތަށް އިންވެސްޓްކުރާ ފަރާތްތައް އިތުރުވެ، އަމިއްލަ ފަރާތްތަކުގެ އިތުރުން ފަޅުވެރިންވެސް އިތުރު ދޯނިތަކެއް ބަންނަން ފަށައިފައިވާކަމަށް ރައިސް ވިދާޅުވިއެވެ. އަދި މަސްދޯނިތަކުން ފާބައިގެން ދިޔަ މީހުން އަލުން އަނބުރާ މަސްދޯނިތަކަށް އައިސްފައިވާކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ކުރިއަށްއޮތްތާގަވެސް ހަމަމިގޮތަށް މަސްވެރިންނަށް ފައިސާ ދޫކުރެވިގެންދާނެކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ. ރައީސް ވިދާޅުވީ، މަސްވެރިންނަށް ފައިސާ ދިނުމުގެ އިތުރުން މި ސިނާއަތް ކުރިއެރުވުމަށްވެސް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޯލްޑް ސްޓޯރޭޖް ފެސިލިޓީތަށް ދެގުނައަށްވުރެ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންނާ ހަވާލުވީއިރު 9500 ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީއެއް ހުރި. އަދި ރޭވިފަ ހުރި މަސައްކަތްތައް ރަނގަޅަށް ކުރިއަށްގެންދެވިއްޖެނަމަ 25000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީއަށް ބޮޑުކުރުމަކީ ހާސިލްކުރެވޭނެ ޓާގެޓެއް. ވައުދެއް ނޫން ޓާގެޓެއް. ވައުދުގަ އޮންނާނީ ކެޕޭސިޓީ ދެގުނަ އިތުރުކުރުން. މި ވައުދު ހަމަޔަގީނުންވެސް ހާސިލްވެގެންދާނެ." ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ކޯލްޑް ސްޓޯރޭޖް ފެސިލިޓީތަށް ޤާއިމްކުރުމުގެ އިތުރުން، ޕްރޮސެސިންގް ކެޕޭސިޓީވެސް ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ޕްރޮސެސިންގް ކެޕޭސިޓީގެ އަދަދު 250 ޓަނަށް އިތުރުކުރުމުގެ މަޝްރޫޢުތައް ހިނގަމުންދާކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި އުފެއްދުމުގެ ކެޕޭސިޓީ އިތުރު 500 ޓަނު އިތުރުކުރުމަށްވެސް މަސައްކަތްތައްވެސް ބާރު ދުވެއްޔެއްގައި ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، އެސްޓީއޯ ރޭޓުގަ މަސްވެރިންނަށް ތެޔޮ ދޫކުރުމަށް ވަޢުދުވެފައިވާ ފަދައިން ކޮންމެ އަތޮޅެއްގެވެސް އެއް ރަށެއްގައި ތެޔޮ ސެޓޭޝަންތައް އެޅުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، މި ސްޓޭޝަންތަކުގެ މަސައްކަތް މިއަންނަ އަހަރުގެ މާރިޗުމަހުގެ ކުރިން ނިންމާލެވޭނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.