ޚަބަރު

ބޭންކުތަކަށް މިހާތަނަށް 214 މިލިޔަން ޑޮލަރު މާރުކޮށްފި: ރައީސް


  • ބޭރު ފައިސާއާއި ބެހޭ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން

  • ޤާނޫނު އެކުލަވާލާފައިވަނީ ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށް

ބޭރު ފައިސާ މާރުކުރުމުގެ ޤާނޫނުގެ ދަށުން މިވީ މުއްދަތުގެތެރޭގައި 214 މިލިޔަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހުރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ބޭންކުތަކަށް ޑޮލަރު މާރުކުރުން ނުވަތަ ޑޮލަރު ޖަމާ ކުރުން ލާޒިމްކުރާ ބޭރު ފައިސާއާއި ބެހޭ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. މި ޤާނޫނުގެ ދަށުން ބޭރުފައިސާގެ އާމްދަނީ ލިބޭ ވިޔަފާރިތަކުން އެ ފަރާތްތަކަށް ލިބޭ އާމްދަނީ ބޭންކުތަކަށް މާރުކުރަން ޖެހެއެވެ. މި ޤާނޫނު އެކުލަވާލާފައިވަނީ ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށެވެ.

މި ގެންނެވި ބަދަލާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިވީ މުއްދަތުގެތެރޭގައި 214 މިލިޔަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާކަމަށެވެ.

"ވަރަށް ރަނގަޅު އެއްބާރުލުމެއް ލިބިގެންދަނީ، މީގެ ފައިދާ ކުރިއަށް އޮތްތާގައި ލިބިގެންދާނެ، ކްރެޑިޓް ކާޑުގެ ލިމިޓުތަކާއި، ބޭރަށް ފުރާ މީހުންނަށް ދޫކުރާ ފައިސާ އިތުރުކުރުމާއި، ޓީޓީ ހެދުމުގެ ފަސޭހަތަކާއި، ވަރަށް ގިނަ ކަންތައްތައް ހިމެނޭނެ މިކަމުގައި،" ރައީސް ވިދާޅުވިއެވެ.

ބޭރުފައިސާގެ ތާށިކަމާއެކު ޑޮލަރު މައްސަލަ ހައްލުކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން ނިޒާމީ ގޮތެއްގައި ދޫކޮށްލެއްވިފައި އޮތް ބޭރުފައިސާގެ ކަޅު ބާޒާރުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި މިއަހަރު ފެށުނު އިރު ބޭރުފައިސާގެ އައު ޤާނޫނަކަށް ވަނީ ޢަމަލުކުރަން ފަށާފައެވެ. މިއާއެކު ރާއްޖޭގެ ބޭރުފައިސާއިން އާމްދަނީ ލިބޭ ހުރިހާ ވިޔަފާރިއަކުންވެސް، ދިވެހި ރާއްޖޭގައި ހިންގަމުންދާ ބޭންކުތަކަށް ބޭރުފައިސާ މާރުކުރަން ޖެހެއެވެ.

އެގޮތުން ފަތުރުވެރިކަމުގެ ވިޔަފާރިތަކުން އަންނަ ކޮންމެ ފަތުރުވެރިއަކަށް ބޮލަކަށް ޖެހޭ ނިސްބަތުން މާރުކުރަން ޖެހޭއިރު، އެހެން ވިޔަފާރިތަކުން އާމްދަނީގެ ގޮތުގައި 15 މިލިއަން ޑޮލަރު ލިބޭނަމަ އާމްދަނީ 20 އިންސައްތައަށް ބޭންކުތަކަށް މާރުކުރަން ޖެހެއެވެ. މިފުރުސަތު ފަތުރުވެރިކަމުގެ ވިޔަފާރިތަކަށްވެސް ވަނީ ފަހިވެފައެވެ.