ޚަބަރު

ޤާނޫނާ ޚިލާފަށް، ޢާންމު މަސްލަހަތު ގެއްލޭގޮތަށް އެއްވެއުޅުމުގެ ފުރުޞަތު ނުދޭނަން: ފުލުހުން


  • އެމަޖެންސީ ޚިދުމަތްތަކަށާއި ވިޔަފާރިތަކަށް ޒުވާނުންގެ އެއްވުންތަކުގެ ސަބަބުން ދަނީ ބުރުއަރަމުން

  • ޤާނޫނާއި އެއްގޮތަށް އެހެން މީހުންގެ ޙައްޤުތަކަށް އަރައިނުގަނެ ބާއްވާ އެއްވުންތަކަށް އެއްބާރުލުންދޭނެ

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤަނޫނުތަކާ ޚިލާފަށް އަދި ޢާންމު މަސްލަހަތު ގެއްލޭ ގޮތަށް އެއްވެއުޅުމުގެ ފުރުޞަތު ނުދެއްވާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ބައެއް ޒުވާނުން އިސްނަގައިގެން މާލޭގެ މަޖީދީމަގުގައި މިހާރު ކުރިއަށްގެންދާ އިިހުތިޖާޖުގެ ސަބަބުން އެ މަގު ބަންދުވެ އާންމު ދަތުރުފަތުރުގެ ނިޒާމަށާއި މަގުތަކުގައި ހިނގާ އަދި ދުއްވާ އެއްޗެހީގައި ދަތުރުކުރާ މީހުންނަށް އުނދަގޫވާކަމުގެ ޝަކުވާތަށް އެ ޚިދުމަތަށް ލިބެމުންދާ ކަމަށެވެ. އަދި އެމަޖެންސީ ޚިދުމަތްތަކަށާއި ވިޔަފާރިތަކަށާއި ޖީސީއީ އޯލެވެލް އިމްތިހާނުތަކަށް ތައްޔާރުވަމުންދާ ދަރިވަރުންނަށްވެސް ބޮޑެތި އުނދަގޫތަކާ ކުރިމަތިވަމުންދާކަމުގެ ޝަކުވާ ލިބެމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން އެއްވުންތަކާއި ހިނގާލުންތައް ނުވަތަ މުޒާހަރާތައް އިންތިޒާމުކުރާ ފަރާތްތަކުގެ މައްޗަށް އާންމު ރައްކާތެރިކަން ދެމެހެއްޓުމަށް އިލްތިމާސްކުރައްވާފައެވެ. އަދި މަގު ބޭނުންކުރުމާއި ދަތުރުފަތުރުކުރުމާއި އަދި އެކަންކަމާ ގުޅިފައިވާ ޙައްޤުތަކާއި މިނިވަންކަން ހިމާޔަތްވާނެ ގޮތަށް އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްޤުގެ ބޭނުން ކުރުމަށް ފުލުހުން ގޮވާލެއްވިއެވެ.

ފުލުހުން ވިދާޅުވީ، އާންމު ރައްޔިތުންގެ އަސާސީ ޙައްޤުތަކަށް އުނިކަން އަންނަ ގޮތަށް ބާއްވާ އެއްވުންތަކަށް ދިވެހި ފުލުހުންގެ ޚިދުމަތުން ފުރުޞަތު ނުދެއްވާނެ ކަމަށެވެ. އަދި ޤާނޫނާ ޚިލާފަށް ބާއްވާ އެއްވުންތައް ރޫޅާލުމަށް ޤާނޫނީ ބާރުގެ ބޭނުންކޮށް، އެއްވުން އިންތިޒާމުކުރާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅައި މަސްލަހަތު ރައްކަތެރިކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުންގެންދާނެކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާ އެެއްގޮތްވާ ގޮތުގެ މަތިން ބާއްވާ ސުލްހަވެރި އެއްވުންތަކަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިިކަން ފޯރުކޮށްދިނުމާއި އެ ފަދަ އެއްވުންތައް ބާއްވާ ސަރަހައްދުތަކުގެ މަގުތަކާއި އެއްވުން ނުވަތަ ހިނގާލުން ކުރިއަށް ގެންދިއުމަށް ބޭނުންވާނެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖައްސައިދޭނެކަމުގެ ޔަޤީންކަން ފުލުހުން ދެއްވިއެވެ.

މިމަހުގެ 18 ވަނަ ދުވަހު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތްވާ ފެނުނު އަންހެން ކުއްޖާގެ މައްސަލާއިގެ ތަޙުޤީޤުގައި އޮޅުވާލުންތަކެއް ހުރިކަމަށް ތުހުމަތުކޮށް ބައެއް ޒުވާނުން ދަނީ ސިލްސިލާ މުޒާހަރާތަކެއް ބާއްވަމުންނެވެ.