ފަލަސްތީނުގެ ޣައްޒާއަށް ކޮންމެހެން ބޭނުން ޖެހިފައިވާ އެހީގެ ސާމާނާއި ޚިދުމަތްތެރިން ގޮވައިގެން ދަތުރުކުރަމުންދިޔަ މަނަވަރަކަށް ޑްރޯން ބޭނުންކޮށްގެން ޙަމަލާދީފައިވާ ކަމަށް، ބައިނަލްއަޤުވާމީ މަދަނީ ޖަމިޢިއްޔާއަކުން ބުނެފިއެވެ.
"ދަ ފްރީޑަމް ފްލޮޓިލާ ކޮއަލިޝަން"ގެ މަނަވަރެއްގައި އަލިފާން ރޯވެފައިވާ މަންޒަރު ފެންނަ ވީޑިޔޯއެއް އެ ޖަމްޢިއްޔާއިން ވަނީ ސޯޝަލް މީޑިޔާގައި އާންމުކޮށްފައެވެ.
ނަމަވެސް، އެ ޙަމަލާގެ ފަހަތުގައި ތިބި ބަޔަކު އަދި އެ މަނަވަރުގައި ތިބި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމެއް އަދި ސާފެއް ނޫނެވެ.
އެ ޖަމްޢިއްޔާއިން ބުނީ، އެ ޑްރޯން ޙަމަލާ އަމާޒުކޮށްފައިވަނީ ސީދާ އެ މަނަވަރުގެ ޖަނަރޭޓަރަށް ކަމަށާއި، 30 މީހުންނާއެކު ދަތުރުކުރާ އެ އުޅަނދު މިހާރު އަޑިއަށް ދިޔުމުގެ ފުރުޞަތު ބޮޑުވެފައިވާ ކަމަށެވެ.
އެ އުޅަނދުން އެހީއަށް އެދިފައިވަނީ މޯލްޓާގެ އިރުން 31 ކިލޯމީޓަރު ބޭރުން ކަމަށާއި، ސައިޕްރަސްއިން އެ އުޅަނދަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުޅަނދެއް ފޮނުވާފައިވާ ކަމަށް އެ ޖަމްޢިއްޔާއިން ބުންޏެވެ.
ޙަމަލާދިން ވަގުތު އެ އުޅަނދު އޮތީ، ބައިނަލްއަޤުވާމީ ކަނޑުގެ ސަރަޙައްދުގައި ކަމަށް ވެސް އެ ޖަމްޢިއްޔާއިން ވަނީ ބުނެފައެވެ.
މި ޖަމްޢިއްޔާއަކީ ޣައްޒާއަށް އެހީ ވެއްދުމަށް ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުން އަޅާފައިވާ ލާއިންސާނީ ހުރަސްތަކާ ދެކޮޅަށް އެންމެ ވަރުގަދައަށް ވަކާލާތުކުރާ އެއް ޖަމްޢިއްޔާއެވެ.
ޔަހޫދީން ދަނީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޣައްޒާގެ މުސްލިމުން ނަސްލުހޭދު ކުރުމަށް ޢުދުވާނީ ޙަމަލާތައް ދެމުންނެވެ. މި އަހަރުގެ ޖަނަވަރީ މަހުގެ 19ވަނަ ދުވަހު ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޤާއިމު ކުރި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން ދެ ފަރާތުން ޙަމަލާ ބަދަލު ކުރުން ހުއްޓާލައި, ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ވަނީ ފުރުޞަތު ދީފައެވެ. ނަމަވެސް މާރިޗު މަހުގެ 2ވަނަ ދުވަހު ޔަހޫދީން އަނެއްކާ ވެސް ވަނީ ޣައްޒާއަށް ސާމާނު އެތެރެ ކުރުމަށް ހުރަސް އަޅައިފައެވެ.
ކާބޯތަކެއްޗާއި ބޭހާއި އެހެނިހެން އެހީގެ ސާމާނު ޣައްޒާއަށް ނުވެއްދޭތާ 60 ދުވަސް ފާއިތުވެފައިވާ އިރު މިއީ ޣައްޒާއަށް އެހީގެ ސާމާނު އެއްވެސް މިންވަރަކަށް ނުވެއްދި ފާއިތުވި އެންމެ ދިގު މުއްދަތެވެ. އޭގެ ސަބަބުން ޣައްޒާގެ އިންސާނީ ޙާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން މިހާތަަނަށް ޣައްޒާގެ 52،000 ރައްޔިތުން ޔަހޫދީން ޝަހީދު ކޮށްލާފައިވާއިރު 118،014 މީހުންނަށް ވަނީ ޒަޚަމުވެފައެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރެއިން 2،308 މީހުން ޝަހީދު ކޮށްލާފައި ވަނީ ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް މާރިޗު މަހުގެ 18ވަނަ ދުވަހުން ފެށިގެން ދެމުންދާ ޙަމަލާތަކުގައެވެ.