ޚަބަރު

އީރާނުގެ ތެޔޮ ގަންނަ ޤައުމުތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމެރިކާއިން ދީފި


އީރާނުން އުފައްދާ ތެލާއި ގޭސް ގަތުން ހުއްޓައިލުމަށް ގޮވައިލައްވައި، އެ ޤައުމުން ބޭރުކުރާ ތެޔޮ ގަންނަ ޤައުމުތަކާއި ކުންފުނިތަކާ މެދު ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ. އޭނާ މި މޭރުމުން އިންޒާރު ދެއްވާފައި މި ވަނީ، އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމަށް ބާރާއި ނުފޫޒު ފޯރުވައި، އެ ޕުރޮގުރާމު ހުއްޓުވުމަށް އޭނާ ބޮޑު ކެމްޕޭނެއް ފަށްޓަވައިގެން އުޅުއްވާ ދަނޑިވަޅެއްގައެވެ.

އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމު ހުއްޓުވުމާ ގުޅޭ ގޮތުން ޓްރަމްޕްގެ އިސްނެންގެވުމަށް ދެ ޤައުމުގެ ދެމެދުގައި ދަނީ މަޝަވަރާތައް ބާއްވަމުންނެވެ. އެ މަޝްވަރާތަކުގައި ކޮންމެ ވެސް ވަރެއްގެ ކުރިއެރުންތަކެއް ލިބެމުންދާ ކަމުގައި ދެ ޤައުމުން ވެސް ވަނީ ފާހަގަ ކޮށްފައެވެ.

"އެމެރިކާއާ އެކު އެއްވެސް މޭރުމަކުން ވިޔަފާރި ކުރުމުގެ ފުރުސަތު އެ މީހުންނަށް [އީރާނަށް] ނުދޭނަން،" ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވިއެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި މި ވަނީ، މޭ 3ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި އޮތް މަޝްވަރާ ބައްދަލުވުން ފަސް ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އީރާން ސަރުކާރުގެ އިސް އޮފިޝަލަކު ބުނީ، މަޝްވަރާތައް އަލުން ފަށާނެ ތާރީޚެއް ކަނޑައަޅާނީ، އެމެރިކާގެ ފިޔަވަޅުތަކަށް ރިއާޔަތް ކޮށްފައި ކަމުގައެވެ. ޓްރަމްޕްގެ އަމުރަށް އެމެރިކާއިން މި ވަގުތު ދަނީ އީރާނުގެ ސަރުކާރުގެ އިދާރާތަކާއި، ނިއުކްލިޔަރ ޕުރޮގުރާމާ ގުޅުން އޮތް ކުންފުނިތަކާއި ޢާންމު ރައްޔިތުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ.