ޚަބަރު

ނިމުނު ހަފުތާ: ރައީސްގެ މެލޭޝިއާ ދަތުރުފުޅާއި އެކު ދެ ޤައުމުގެ ގުޅުމަށް ކުރިއެރުން


  • ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ދަތުރުފުޅެއްކުރެއްވި

  • ފުލުހުންގެ މުއައްސަސާ ވަގުތީގޮތުން ހިންގުން ނަވީނަށް ހަވާލުކުރެއްވުން

  • ވަގަށް ރާއްޖެއަށް އެތެރެކުރަން އުޅުނު 13 މިލިޔަނަށްވުރެ ގިނަ ސިނގިރޭޓު އަތުލައިގަތުން

ނިމުނު ހަފުތާގައި އެންމެ ޚާއްސަކަމަކަށް ފާހަގަވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިޔާއަށްކުރެއްވި ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅު ފާހަގަކޮށްލެވެނީ ރާއްޖެ-މެލޭޝިޔާ ގުޅުން ވަރަށް ބޮޑަށް ބަދަހިވެގެންދިޔަ ދަތުރުފުޅެއްގެ ގޮތުގައެވެ.

އެ ގޮތުން މި ދަތުރުފުޅުގެ ތެރެއިން މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމާއި މެލޭޝިއާގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރައްވާފައިވެއެވެ. މި މަޝްވަރާތަކުގެ އިތުރުން 4 ދާއިރާއަކުން އެއްބާރުލުން ދިނުމުގެ އެއްބަސްވުންތަކެއް ދެ ޤައުމުގެ ދެމެދު ވަނީ ބަދަލުކޮށްފައެވެ. އޭގެތެރޭގައި ޞިއްހީ، ކުޅިވަރު، ތަޢުލީމީ ދާއިރާގެ އިތުރުން ޑިޕްލޮމެޓުން ތަމްރީންކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރަން އެއްބަސްވުންތައް އެކުލަވާލިއެވެ.

މީގެ އިތުރުން މެލޭޝިއާ ދަތުރުފުޅުގައި ރާއްޖެ-މެލޭޝިޔާ އިންވެސްޓްމެންޓް ފޯރަމްވެސް ވަނީ ބާއްވާފައެވެ. މި ފޯރަމުގައިވެސް ދެ ޤައުމުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ހަމައެހެންމެ މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވިއެވެ. އަދި މެލޭޝިއާގައި ދިވެހި އައިޑީކާޑާއި ޕާސްޕޯޓް ހެއްދޭނެ ޚިދުމަތް ރަސްމީކޮށް، ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވާ، މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުންގެ އެސޯސިއޭޝަން ރަސްމީކޮށް ރައީސް އިފްތިތާޙުކޮށްދެއްވިއެވެ.

އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެ ޔުނިވަރސިޓީގެ އޮނަރަރީ ޑޮކްޓަރޭޓްކަމުގެ ޝަރަފުވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ވަނީ އަރުވާފައެވެ.

އިޤުތިޞާދީ މަސައްކަތްތައްކުރުމަށް ހދ. ނެއްލައިދޫގެ ބައެއްގެ ގޮތުގައި "ހިރިނައިދޫ" ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިދެއްވީވެސް ނިމުނު ހަފުތާގައެވެ. މީގެ އިތުރުން ރައީސްގެ އަނބިކަނބަލުން ވަނީ މި އަހަރުގެ ޞިއްހަތު ދުވަސް ފާހަގަކުރުމަށް ބޭއްވި "ފަހި ޞިއްޙަތު ހެލްތު ކެއަރ ފެއަރ" ހުޅުއްވައިދެއްވާފައެވެ. މި ފެއަރއިން ދުޅަހެޔޮކަންމަތީ ދެމި ހުރުމާ ގުޅޭ މުހިންމު މަޢުލޫމާތުތަކެއް ދީފައިވެއެވެ.

ސިޔާސީ ދާއިރާ:

ނިމުނު ހަފުތާގައި ސިޔާސީ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމަށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށައެޅުން ފާހަގަކޮށްލެވެއެވެ. މި ބިލު މިހާރު އޮތީ ކޮމިޓީ މަރުޙަލާގައެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓަނޯއީ ގެއާ އިންވެގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް އަންހެން މީހަކު ވެއްޓިފައި އޮތްވާ ފެނުނު މައްސަލައިގެ ތަޙުޤީޤަށް ނިމުނު ހަފްތާގައި ކުރިއެރުންތައް ވަނީ ލިބިފައެވެ. އެ ގޮތުން މި މައްސަލާގައި ހައްޔަރުކޮށްފައިވާ ރައުދު އަޙްމަދު ޒިލާލްގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން މިހާރު ވަނީ އިތުރުކޮށްފައެވެ. އަދި އަނިޔާވި އަންހެން ކުއްޖާ ސަރުކާރުގެ ޚަރަދުގައި މިހާރު ވަނީ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުވާލާފައެވެ.

އަދި މި މައްސަލަ ތަޙުޤީޤުކުރުމުގައި ފުލުހުންގެ އިހުމާލެއްވޭތޯ ބަލައި، އިހުމާލެއްވާނަމަ ފިޔަވަޅު އެޅުމަށްވެސް ފުލުހުންނަށް ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުން އެންގެވީވެސް ނިމުނު ހަފުތާގައެވެ.

މީގެ އިތުރުން ޕޮލިސް ކޮމިޝަނަރު ޢަލީ ޝުޖާޢު އިސްތިއުފާދެއްވާފާވާއިރު، ފުލުހުންގެ މުއައްސަސާ ވަގުތީގޮތުން ހިންގުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީނާ ހަވާލުކުރީ ނިމުނު ހޮނިހިރު ދުވަހުއެވެ.

ވިޔަފާރިއާއި އިޤުތިޞާދު:

ނިމުނު ހަފުތާގައި އިޤުތިޞާދާއި ވިޔަފާރީގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، ގިނަ ލުއިތަކެއް ހިމެނޭހެން މަސްވެރިންނަށް ބޭންކު އޮފް މޯލްޑިވްސް، ބީއެމްއެލުގެ ލޯނު ދޫކުރަން ފެށުން ފާހަގަކޮށްލެވެއެވެ. އެ ގޮތުން ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނަކާ ނުލައި 300,000 ރުފިޔާއާ ހަމައަށް ޕަރސަނަލް ފައިނޭންސިންގް ނެގޭނެކަމަށް ބީއެމްއެލުން ވިދާޅުވެއެވެ.

މިއަހަރު އެޕްރީލް މަހުގެ 28 އިން މޭއި މަހުގެ 1 ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި އަރަބިއަން ޓްރެވެލް މާކެޓު، އޭޓީއެމްގައި ރާއްޖެއިން ބައިވެރިވެ، ފަތުރުވެރިކަން އިސްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއްކުރައްވާފައިވަނީވެސް ނިމުނު ހަފުތާގައެވެ.

އެ ގޮތުން ގޮތުން މެދުއިރުމަތީގެ ޤައުމުތަކުގެ ވެރިންނާއި އަދި އެއަރލައިންތަކާއި ބައްދަލުވުންތައް ކުރިއަށް ގެންގޮސް ބައެއް ފަހުމުނާމާތައްވެސް އެކުލަވާލެވި ވަނީ ސޮއިކުރެވިފައެވެ. އަދި ރާއްޖޭގެ ސްޓޭންޑަށް ގިނަ ބަޔަކު ޒިޔާރަތްކޮށް، ރިސޯޓުތަކަށްވެސް އުއްމީދުކުރިވަރަށް ގިނަ އެޕޮއިންޓްމެންޓްތައް ލިބުނުކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވެފައިވެއެވެ.

އެހެނިހެން ޚަބަރުތައް:

އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، 150،000 ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކޮށް، އަދާހަމަކުރެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވުން ފާހަގަކޮށްލެވެއެވެ. އަދި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ 9 ފެކަލްޓީއަކުން 349 ދަރިވަރުން ދަސްވެނިވެފައިވަނީވެސް ނިމުނު ހަފުތާގައެވެ.

ހަމައެއާއެކު ވަގަށް ރާއްޖެއަށް އެތެރެކުރަން އުޅުނު 13 މިލިޔަނަށްވުރެ ގިނަ ސިނގިރޭޓު ނިމުނު ހަފުތާގައި އަތުލައިގަނެފައިވާއިރު، ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 101 ހެކްޓަރުގެ ބިން ހިއްކާފައިވާކަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ހާމަކުރެއްވީވެސް ނިމުނު ހަފުތާގައެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށައެޅުމުގެ ފުރުޞަތު ދިފާއީ ވުޒާރާއިން ހުޅުވާލިއިރު، ދިވެހި ޙައްޖުވެރިން ފުރުމާގުޅޭ ޚާއްސަ ޓާސްކްފޯސްއެއް އެކުލަވާލައި، މަސައްކަތް ފެށާފައިވަނީވެސް ނިމުނު ހަފުތާގައެވެ.

މި ޚަބަރުތަކާއެކު ނިމުނު ހަފުތާގައިވެސް ސިޔާސީ، އިޤުތިޞާދީ ދާއިރާއިން ޚަބަރުތަކެއް ފާހަގަކޮށްލެވުނުއިރު، ބައިނަލްއަޤުވާމީ ގުޅުންތައް ވަރުގަދަކުރުމަށާއި ފަތުރުވެރިކަން އިސްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުގެ ފަރާތުން ވަނީ ކުރިއަށްގެންގޮސްފައެވެ.