ޔޫރޮޕާ ލީގުގައި ކާމިޔާބު ހޯދި ނަމަވެސް މެންޗެސްޓާ ޔުނައިޓެޑްގެ މި ސީޒަން ސަލާމަތް ނުކުރެވޭނެ ކަމަށް ކޯޗު ރުބެން އަމޮރިމް ބުނެފި އެވެ.
އޭނާ މިހެން ބުނީ މުބާރާތުގެ ސެމީ ފައިނަލުގައި މިރޭ އެތްލެޓިކް ކުލަބާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަ ދައްކަމުންނެވެ.
މި ސީޒަނުގެ ވަކި ހިސާބުން ޓީމާ ހަވާޅުވި ކޯޗު ބުނީ ޔޫރޮޕާ ލީގު ކާމިޔާބު ކުރެވިއްޖެނަމަ ކުލަބުގެ ވަރަށް ގިނަ ކަންކަން ބަދަލުވާނެ ކަމަށާއި މިހެންވެ އަމާޒަކީ ތަށި ހޯދުން ކަމަށެވެ.
އިނގިރޭސި ޕްރެމިއާ ލީގުގައި ޔުނައިޓެޑް މިވަގުތު އޮތީ 14 ވަނާގަ އެވެ. އެއީ 34 މެޗު ކުޅެ 39 ޕޮއިންޓާއެކުގަ އެވެ. މިހެންވެ ލީގުގެ ގަދަ ފަހެއްގައި ހިމެނިގެން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ ފުރުސަތު އެ ޓީމަށް ނެތެވެ. އޮތް ހަމައެކަނި ފުރުސަތަކޫ ޔޫރޮޕާ ލީގުގެ ޗެމްޕިއަނުންގެ ގޮތުގައި ކޮލިފައިވުމެވެ.
"އެންމެނަށް ވެސް އެނގޭނެ މި މުބާރާތް މިހާރު އަހަރުމެންނަށް މުހިންމުވަރު. އަހަރުމެން ސީޒަން ސަލާމަތް ނުވި ނަމަވެސް މ މުބާރާތް މިހާރު ވަރަށް މުހިންމު ވެއްޖެ. ތައްޓެއް ކާމިޔާބު ވުމާއި ޗެމްޕިއަންސް ލީގު ކުޅެން ފުރުސަތު ލިބުމަކީ އަހަރުމެން ޓީމުގެ ވަރަށް ގިނަ ކަންކަން ބަދަލުވެގެންދާނެ ކަމެއް،" އަމޮރިމް ބުންޏެވެ.
އޭނާ މިހެން ބުނިއިރު މީގެ ހަފުތާއެއްގެ ކުރިން ބުނީ ޗެމްޕިއަންސް ލީގު ނުކުޅުނަސް ޔުނައިޓެޑަށް ކުޅޭނެ މޮޅު ކުޅުންތެރިން ވާނެ ކަމަށެވެ. ނަމަވެސް އެ މުބާރާތުން ކުޅެވޭނަމަ އެފަދަ ކުޅުންތެރިން ގެންނަން މާ ފަސޭހަވާނެ ކަމަށެވެ.
ކޯޗު ބުނީ އަންނަ ސީޒަނަށް ޓީމު ބައްޓަންކުރަން ވަރަށް ގިނަ ފައިސާ ބޭނުންވާ ކަމަށާއި އެ ފައިސާ ހަރަދު ކުރެން އޮތީ ކުލަބުގެ އާމްދަނީ މަތި ކުރެވިގެން ކަމަށެވެ. އަދި ސަޕޯޓަރުންނާއި ކުލަބާމެދު ވިސްނާ މީހުންނަށް އުއްމީދެއް ދެވޭނީ ނަތީޖާތައް ރަނގަޅު ކޮށްގެން ކަމަށެވެ.
މިރޭގެ މެޗަށް ނުކުންނައިރު ފޯވަޑް އަމަޑް ދިއާލޯ އާއި ޑިފެންޑަރު މަތިއަސް ޑިލިޓް މުޅިން ފިޓެއްނޫނެވެ. އަނެއްކޮޅުން ސްޕޭނުގެ އެތްލެޓިކް ކުލަބުގެ މި ސީޒަނުގެ ޓޮޕް ސްކޯރަރު އޮއިހަން ސަންސެޓް ވެސް ހުރީ އަނިޔާގަ އެވެ.