ޚަބަރު

ފުުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް 4.02 ބިލިޔަން ރުފިޔާގެ އާމްދަނީއެއް


  • ފައިދާގެ ގޮތުގައި 583 މިލިޔަން ރުފިޔާ ލިބިފައިވޭ

  • ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ 263 މިލިޔަން ރުފިޔާ

މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 4.02 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.

އެސްޓީއޯއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު އާމްދަނީއަކީ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާރޓާގައި ލިބުނު ލިބުނު 3.84 ބިލިޔަން ރުފިޔާއާއި އަޅާބަލާއިރު %4.6 ކުރިއެރުމެކެވެ.

އެސްޓީއޯއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 4.02 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، ކުރީ އަހަރާ އަޅާބަލާއިރު އާމްދަނީ ދަށްވެފައިވަނީ މިދިޔަ އަހަރުގެ ފުރަތަމަ ދެ ކުއާރޓާގައި މަތިވެފައިވާ ބައިނަލްއަޤްވާމީ ތެލުގެ އަގުތައް އާންމު ހާލަތަށް އައުމުގެ ސަބަބުންނެވެ.

އެސްޓީއޯއަށް މިއަހަރުގެ ފުރަތަމަ ކުއާރޓަރުގައި ފައިދާގެ ގޮތުގައި 583 މިލިޔަން ރުފިޔާ ވަނީ އެ ކުންފުންޏަށް ލިބިފައެވެ. މިއީ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ލިބުނު 617 މިލިޔަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާރޓަރުގައި އެ ކުންފުންޏަށް ލިބުނު ފައިދާއަށްވުރެ މިއަހަރުގެ ފުރަތަމަ ކުއާރޓާރުގައި ލިބުނު ފައިދާ ދަށްވެފައިވަނީ އެ ކުންފުނިން ތެޔޮ ވިއްކާ އަގު ދަށްކުރުމުންނެވެ.

ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 263 މިލިޔަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔައަހަރުގެ އަހަރުގެ ފުރަތަމަ ކުއާޓަރގައި ލިބުނު 308 މިލިޔަން ރުފިޔާ އަދި ކުރީ ކުއާޓަރގައި ލިބުނު 300 މިލިޔަން ރުފިޔާ އަޅާބަލާއިރު ދަށް އަދަދެކެވެ.

ޓެކްސްއަށް ކެނޑުމަށްފަހު މިއަހަރުގެ ފުރަތަމަ ކުއާރޓަރުގެ ސާފު ފައިދާއަކީ 169 މިލިޔަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ލިބުނު 195 މިލިޔަން ރުފިޔާއާ އަޅާބަލާއިރު %13.5 ދަށް އަދަދެކެވެ. މީގެ މައިގަނޑު ސަބަބަކީ، ޖުމްލަ ފައިދާ ދަށްވުމާއި ޕްރޮވިޜަންތައް އިތުރުވުމުގެ ސަބަބުން، ނަމަވެސް ވިޔަފާރީގެ ހުރިހާ ދާއިރާއަކުންވެސް ފައިދާ ލިބި، ލަފާކުރެވުނު މިންވަރުގައި ހިފެހެއްޓިފައިވުންކަމަށް އެ ކުންފުނިން ބުނެއެވެ.

އެސްޓީއޯއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގިނަ ވިޔަފާރިތަކެއް ހިންގާ ކުންފުންޏެކެވެ. އެގޮތުން ތެލާއި ބޭހާއި އަދި ކޮންސްޓްރަކްޝަން ސާމާނުގެ އިތުރުން ކެއިން ބުއިމުގެ ބާވަތްތަކުގެ ވިޔަފާރިވެސް އެކުންފުނިން ކުރެއެވެ.