އޭއެފްސީ އޭޝިއަން ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ޖާގައެއް ސައުދި އަރަބިއްޔާގެ އަލް ނަސްރު 3-2 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު ޖަޕާނުގެ ކަވަސާކީ ފްރޮންޓޭލް ހޯދައިފި އެވެ.
ސައުދި އަރަބިއްޔާގެ ޖިއްދާގައި ކުޅުނު މި މެޗުގެ 10 ވަނަ މިނިޓުގައި ކަވަސާކީ ފްރޮންޓޭލްގެ ޓަޓްސޫޔާ އިޓޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ނަމަވެސް ފާއިތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެތަކެއް މިލިއަން އެމެރިކާ ޑޮލަރެއް ޚަރަދުކޮށްފައިވާ އަލް ނަސްރުގެ ސަޑިއޯ މާނޭ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މި މެޗުގައި ދެވަނަ ފަހަރަށް ކަވަސާކީ އިން ލީޑު ނަގާފައިވަނީ ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް ޔުޓޯ އޮޒޭކީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ޖަޕާނުގެ ކަވަސާކީ ފްރޮންޓޭލްގެ ތާރީޚުގައިވެސް ސަރަހައްދީ މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ކަށަވަރުވި މެޗުގެ ތިންވަނަ ލަނޑު މެޗުގެ 76 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އަކިހީރޯ އިއެނެގާ އެވެ.
އަލް ނަސްރުއިން މި މެޗުގައި ޖެހި ދެވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އައިމަން ޔަހުޔާ އެވެ.
މި މެޗަށްފަހު ކަވަސާކީގެ ކޯޗު ހަސޭބޭ ބުނެފައިވަނީ މި މެޗަކީ މޮޅު ކުޅުންތެރިންތަކެއް ހިމެނޭ ޓީމަކާއި ދެކޮޅަށް ކުޅުނު އުނދަގޫ މެޗެއް ނަމަވެސް ދަނޑު މަތީގައި ކުޅުންތެރިން ކުރި މަސައްކަތުން މެޗު އެމީހުންނަށް ކާމިޔާބުވެފައިވާ ކަމަށެވެ.
މި މުބާރާތުގެ ފައިނަލުގައި އަންނަ ހޮނިހިރު ދުވަހު ކަވަސާކީ ފްރޮންޓޭލް އާއި ދެކޮޅަށް ނިކުންނާނީ ސައުދި އަރަބިއްޔާގެ އަލް އަހްލީ އެވެ. މިއީ މި ދެ ޓީމުވެސް މި މުބާރާތުގެ ފައިނަލުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އަލް އަހްލީ އަކީ ޔޫރަޕްގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ކްލަބެކެވެ.