ޚަބަރު

ފުޓްބޯޅަ ހުއްޓިފައި އޮއްވައި މި ފަށަނީ ދިވެހި ފުޓްބޯޅައަށް މުހިންމު މުބާރާތެއް: ޝާކިރު


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ ލީގު ކަޕް ފުޓްބޯޅަ މުބާރާތަކީ ފުޓްބޯޅަ ހުއްޓިފައި އޮއްވައި ކުޅިވަރާ ބެހޭ ވުޒާރާގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކުގައި ކުރިއަށްގެންދާ މުބާރާތެއް ކަމަށާއި، މުބާރާތަކީ ދިވެހި ފުޓްބޯޅައަށް ބޮޑެތި ފައިދާތަކެއް ކުރާނެ މުބާރާތެއް ކަމަށް އެފްއޭއެމްގެ އެކްޓިންގ ޓެކްނިކަލް ޑައިރެކްޓަރ އަޙްމަދު ޝާކިރު (ޝާކިއްޓެ) ބުނެފިއެވެ.

"ޕީއެސްއެމް ނިއުސް" އަށް ދިން ޚާއްސަ އިންޓަވިއުއެއްގައި ޝާކިއްޓެ ބުނީ ލީގު ކަޕުގެ ބާއްވަން ނިންމި އަނެއް ބޭނުމަކީ މިހާރު ދުވަހު ފުޓްބޯޅަ ނުކުޅެ ދިޔައީމަ އަލުން ފުޓްބޯޅަ ކުޅެން ފެށުން ކަމަށެވެ. މުބާރާތާއި ގުޅޭ މައުލޫމާތު ހިއްސާކުރަމުން ޝާކިރު ބުނީ މި މުބާރާތަށް ކުޅިވަރާ ބެހޭ ވުޒާރާއާ ވަކިން ޚާއްސަކޮށް ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށެވެ.

"މީހަމަ މިނިސްޓްރީ ސައިޑުގެ ވަރަށް ބޮޑު އެއްބާރުލުމަކާއި އެއްކޮށް ކުރިޔަށްދާ މުބާރާތެއް. ދެން ހަމަ އެފްއޭއެމްއާއި އެއްވަރަށް މިނިސްޓްރީންވެސް މުބާރާތަށް އެހީތެރިވެދޭ. ދެން ހަމަ މިނިސްޓްރީގެ އެހެން މުބާރާތްތަކަށްވުރެ ބޮޑަށްއެއްބާރުލުން ލިބިގެން ކުރިޔަށް މިދަނީ" ޝާކިރު ބުންޏެވެ.

ފުރަތަމަ ޑިވިޝަނުގެ 3 ޓީމާއި ދެވަނަ ޑިވިޝަނުގެ 2 ޓީމެއް ވާދަކުރާ ލީގު ކަޕް ފެށުމުގެ ރަސްމިއްޔާތު ބާއްވާނީ އާދިއްތަ ދުވަހުގެރޭ ގަލޮޅު ދަނޑުގައެވެ. މުބާރާތް ހުޅުވާ މެޗުގައި އެރޭ 21:00 ގައި ދަނޑަށް ނިކުންނާނީ ޓީސީ ސްޕޯޓްސް ކުލަބާއި އޮޑި ސްޕޯޓްސް ކުލަބެވެ. މުބާރާތުގެ ހުރިހާ މެޗަކަށްވެސް ހިލޭ ސަޕޯޓަރުންނަށް ވަދެވޭގޮތަށް ކުރިއަށް ގެންދަން ރާވާފައިވާ މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މެއި 28 ގައެވެ.

މި މުބާރާތުގައި ވާދަކުރާ ކުލަބުތަކަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ޓީސީ ސްޕޯޓްސް ކުލަބާއި، އޮޑި ސްޕޯޓްސް ކުލަބާއި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު އަދި އދ. މަހިބަދޫ ސްޕޯޓްސް ކުލަބެވެ.