ސޫރިޔާގެ ވެރިރަށް ދިމިޝްޤުގެ ރަށް ބޭރުގައި އޮތް ދްރޫޒީ ދީނުގެ މީހުން ދިރިއުޅޭ ރަށެއްގައި ހިނގި ކުރިމަތިލުންތަކެއްގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެއެވެ. ހަމަނުޖެހުންތައް ހިނގާފައި ވަނީ ސުންނީ މުސްލިމުންނާއި ދްރޫޒީ ނަސަބަށް ނިސްބަތްވާ މީހުންނާ ދެމެދުގައެވެ. މި ހަަމަނުޖެހުންތައް ފެށުނީ، ދްރޫޒީ ދަރިކޮޅުގެ މީހަކު، ކީރިތި ރަސޫލާ މުޙައްމަދު (صَلَّى اللهُ عَلَيْهِ وَسَلَّمَ)އަށް ބަދުބަސް ރައްދުކޮށް، ފުރައްސާ ކުރުމާ ގުޅިގެންނެވެ.
މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީީ، މިއީ ފަހުގެ ތާރީޚެއްގައި ސޫރިޔާގެ އެކި ދީންތަކާއި މަޒްހަބުތަކުގެގެ ދެމެދުގައި ހިނގާފައިވާ މި ފަދަ އެންމެ ލޭއޮހޮރުވުން ބޮޑު ކުރިމަތިލުންތައް ކަމުގައެވެ. ހުސްވި އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހު، ސޫރިޔާގެ އިންތިޚާބީ ރައީސް ބައްޝާރް އަލް-އަސަދުގެ ވެރިކަން ވައްޓައިލި ފަހުން، އާބާދީ މަދު ނަސްލުތަކަށް އޮތް ނުރައްކާތެރި ކަން އިތުރުވެފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
އަސަދުގެ ވެރިކަން ވައްޓައިލާފައި ވަނީ ނިރުބަވެރި ޖަމާޢަތެއް ކަމުގައިވާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސު)ންނެވެ. އެ ޖަމާޢަތުގެ މެންބަރުން ހަތިޔާރާ އެކު ދިމިޝްޤަށް އަރައިގަތުމާ އެކު އަސަދު ވަނީ ފިއްލަވައިގެން ރަޝިޔާއަށް ދަތުރު ކުރައްވާފައެވެ. އަދި، މޮސްކޯއިން ޙިމާޔަތް ހޯއްދަވާފައެވެ. އަސަދު ނިސްބަތްވެ ވަޑައިގަންނަވާ އަލް-ޢަލަވިއްޔަތު ނުވަތަ އަލް-ޢަލަވީ މަޒުހަބުގެ މީހުންނާ ދެކޮޅަށް ހިންގަމުންދާ ކުށްތައް އިތުރުވެފައިވާ ކަން ވެސް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަ ކުރެއެވެ.
އިސްލާމްދީނުން ވަކިވެގަނެފައިވާ ދްރޫޒީން ޢާންމު ގޮތެއްގައި ދިރިއުޅެނީ ސޫރިޔާއާއި ލުބްނާންގެ އިތުރުން ޒަޔަނިސްޓު އިސްރާއީލުގައެވެ. އިސްރާއީލުގައި ދްރޫޒީ ނަސަބުގެ 140,000ށްހާ މީހުން ދިރިއުޅެއެވެ. އިސްރާއީލުން ވެރިވެގަނެފައިވާ ސޫރިޔާގެ އަލް-ޖޫލާންގެ އުސްބިންތަކަކީ ވެސް ދްރޫޒީ ނަސަބުގެ ބޮޑު މުޖުތަމަޢެއް ދިރިއުޅޭ ސަރަޙައްދެކެވެ. އެ ސަރަޙައްދުގައި ވެސް ދްރޫޒީ ދަރިކޮޅުގެ 18,000ށްހާ މީހުން ދިރިއުޅޭ ކަމަށް ވަނީ ރެކޯޑު ކުރެވިފައެވެ.
ސޫރިޔާގެ މަޞްދަރުތަކުން ބުނީ، އެންމެ ފަހުގެ ކުރިމަތިލުންތައް ހިނގާފައި ވަނީ ދިމިޝްޤު ކައިރީގައި އޮތް ޖަރަމާނާގައި ކަމުގައެވެ. އެއީ، ދިމިޝްޤުގެ އިރުދެކުނުގައި އޮތް ސަރަޙައްދެކެެވެ. ސޫރިޔާގެ ސަލާމަތީ ދާއިރާގެ މަޞްދަރުތަކުން ބުނީ، ގިނަ އަދަދެއްގެ ހަތިޔާރު އެޅި މީހުން ޖަރަމާނާގެ މަލީހާ އަވަށަށް ޖަމާވެ، ކުރިމަތިލުންތަކުގައި ބައިވެރިވެފައިވާ ކަމުގައެވެ. އެ ކުރިމަތިލުންތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 13އަށް އުފުލިފައެވެ. އަދި، ގިނަ އަދަދެއްގެ ބަޔަކު ވަނީ ޒަޚަމުވެފައެވެ. މަރުވެފައިވާ މީހުންގެ ތެރޭގައި ސަލާމަތީ ބާރުގެ ދެ ސިފައިން ވެސް ހިމެނެއެވެ.
މި ކުރިމަތިލުންތަކުގެ ފުރިހަމަ ތަޙުޤީޤެއް ހިންގަމުންދާ ކަމުގައި އެޗްޓީއެސް ސަރުކާރުގެ ދާޚިލީ ވުޒާރާއިން ބުންޏެވެ. އަދި، ހަމަނުޖެހުން ހިންގުން ހުއްޓައިލުމަށް އެ ވުޒާރާއިން ވަނީ ގޮވައިލާފައެވެ. ހަމަނުޖެހުންތަކަށް ނިމުމެއް ގެނައުމަށް އެޗްޓީއެސްގެ ސަރުކާރުގެ އިސް އޮފިޝަލުންގެ ޓީމަކުން ދްރޫޒީ ދަރިކޮޅުގެ މީހުންނާ ބައްދަލުކޮށްފައިވާ ކަމުގައި ވެސް މަޞްދަރުތަކުން ބުންޏެވެ.