މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުގެ ފުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ޚާއްސަ ޓާސްކްފޯހެއް އެކުލަވަލާ މަސައްކަތް ފަށައިފިއެވެ.
1446 ވަނަ އަހަރުގެ ޙައްޖަށް ފުރުމާއި ގުޅޭ ގޮތުން އެކުލަވާލި ޓާސްކްފޯހުގެ ފުރަތަމަ ބައްދަލުވުން ވަނީ މިމަހުގެ 28 ވަނަ ދުވަހު ބާއްވާފައެވެ. މި ޓާސްކް ފޯހުގައި ދިވެހި ފުލުހުންގެ ޚިދުމަތް، ސިފައިން، އެމްޓީސީސީ، އެމްއޭސީއެލްއާއި އިމިގްރޭޝަން ފަދަ ކަމާގުޅުން ހުރި އިދާރާތައް ހިމެނެއެވެ.
ކޮންމެ އަހަރަކުވެސް ރާއްޖެއިން ހައްޖަށް މީހުން ފޮނުވުމަށްޓަކައި ފަސޭހަ އިންތިޒާމްތަކެއް ރާއްޖޭގައިވެސް ހަމަޖައްސައެވެ. މާލެއާއި ހުޅުމާލެ އަދި ވިލިމާލެގައި ދިިރިއުޅޭ ޙައްޖުވެރިންނަށާއި އެމީހުންގެ އާއިލާގެ މީހުންނަށް އެއަރޕޯޓަށް ދެވޭނެ އިންތިޒާމްތައް ހަމަޖައްސައެވެ.
އެގޮތުން އެމްޓީސީސީގެ ބަސްތަކުގައި އެއަރޕޯޓަށް ދެވޭނެ އިންތިޒާމްތައް މީގެ ކުރިންވެސް ވަނީ ހަމަޖައްސާފައެވެ. އަދި ބަސްތައް ދަތުރުކުރާ ވަގުތު ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތް ފުލުހުން ކުރައްވައެވެ.
1446 ވަނަ އަހަރުގެ ޙައްޖަށް ފުރުމާއި ގުޅޭ ގޮތުން އެކުލަވާލި ޓާސްކްފޯހުގެ ފުރަތަމަ ބައްދަލުވުން. މިޓާސްކްފޯހުގައި ހިމެނެނީ ކަމާގުޅޭ މުއައްސަސާތަކެވެ. pic.twitter.com/hzi5ughmLW
— Ministry of Islamic Affairs (@MVIaffairs) April 28, 2025
މީގެ އިތުރުން އެއަރޕޯޓްގައި ޙައްޖުވެރިންނަށް ލުއިފަސޭހަ ވާނެ އިންތިޒާމްތައް ކޮންމެ އަހަރަކުވެސް ހަމަޖައްސައެވެ. އެގޮތުން ދުރާލާ ޙައްޖުވެރިންގެ ލަގެޖް އެއަޕޯޓަށް ގެންދިޔުމާއެކު ޗެކިން ކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްގެންދެއެވެ.
ރާއްޖެއަށް ކޮންމެ އަހަރަކުވެސް ލިބެނީ 1000 ޙައްޖު ކޯޓާއެވެ. މިއަހަރު ރާއްޖެއިން ޙައްޖަށް މީހުން ފޮނުވުމަށްޓަކައި ހުރިހާ އިންތިޒާމްތަކެއް މިހާރު ވަނީ ހަމަޖައްސާފައެވެ. މިއަހަރު ރާއްޖެއަށް ޙައްޖަށް ފުރާ މީހުން ފުރުމަށް ހަމަޖެހިފަވަނީ މޭމަހުގެ 26، 27، 29 އަދި 30 ވަނަ ދުވަހު ބާއްވާ ފްލައިޓްގައެވެ. އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު ސަޢުދީ އެއަރލައިންގެ އިތުރަށް މޯލްޑިވިއަންގެ ވައިޑް ބޮޑީ ފްލައިޓްގައިވެސް ޙައްޖުވެރިން އުފުލުމަށް ވަނީ ހަމަޖެހިފައެވެ.