ޚަބަރު

ރައީސުލްޖުމްހޫރިއްޔާ މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި


  • މެލޭޝިއާއާކު މުހިންމު އެއްބަސްވުންތަކެއް އެކުލަވާލެއްވި

  • މެލޭޝިއާގެ ޔުނިވަރސިޓީއަކުން ރައީސަށް އޮނޮރަރީ ޑޮކްޓަރޭޓްކަން އެރުވި

  • މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރެއްވި

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްގެ ދަޢުވަތަކަށް އެ ޤައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

އެމަނިކުފާނު މެލޭޝިއާއަށް ވަޑައިގަތީ މި މަހުގެ 27 ވަނަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާ، މެލޭޝިއާއަށް ވަޑައިގަތުމުން އެ ޤައުމުން ޙޫނު މަރުޙަބާއެއް ވަނީ ދަންނަވާފައެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބޮޑުވަޒީރު އަންވަރު އިބްރާހިމާއި މެލޭޝިއާގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ. މި މަޝްވަރާތަކުގެ އިތުރުން 4 ދާއިރާއަކުން އެއްބާރުލުން ދިނުމުގެ އެއްބަސްވުންތަކެއް ދެ ޤައުމުގެ ދެމެދު ވަނީ ބަދަލުކޮށްފައެވެ. އެގޮތުން ޞިއްހީ، ކުޅިވަރު، ތަޢުލީމުގެ އިތުރުން ޑިޕްލޮމެޓުން ތަމްރީންކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރަން އެއްބަސްވުންތައް އެކުލަވާލިއެވެ.

މީގެ އިތުރުން މެލޭޝިއާ ދަތުރުފުޅުގައި ރާއްޖެ-މެލޭޝިޔާ އިންވެސްޓްމެންޓް ފޯރަމްވެސް ވަނީ ބާއްވާފައެވެ. މި ފޯރަމުގައިވެސް ދެ ޤައުމުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ފޯރަމްގައި ރާއްޖޭގައި އިންވެސްޓްކުރެވެންހުރި ފުރުޞަތުތައް މެލޭޝިއާގެ އިންވެސްޓަރުންނަށް ކިޔައިދީ، މަޢުލޫމާތު ފޯރުކޮށްދިނެވެ. މި ފޯރަމަށް މެލޭޝިޔާޣެ ބޮޑުވަޒީރުވެސް ވަޑައިގަތެވެ.

ހަމައެހެންމެ މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވިއެވެ. އަދި މެލޭޝިއާގައި ދިވެހި އައިޑީކާޑާއި ޕާސްޕޯޓް ހެއްދޭނެ ޚިދުމަތް ރަސްމީކޮށް، ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވާ، މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުންގެ އެސޯސިއޭޝަން ރަސްމީކޮށް ރައީސް އިފްތިތާޙުކޮށްދެއްވިއެވެ.

އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެ ޔުނިވަރސިޓީގެ އޮނަރަރީ ޑޮކްޓަރޭޓްކަމުގެ ޝަރަފުވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ވަނީ އަރުވާފައެވެ.

މި ދަތުރުފުޅުގައި މެލޭޝިއާގައި ހުންނަ ދިވެހި ހައި ކޮމިޝަނަށްވެސް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރެއްވިއެވެ. އަދި މެލޭޝިއާގައި ހުންނަ "އައިކޮނިކް" ބިނާއެއްކަމަށްވާ ޓްވިން ޓަވަރަށްވެސް އެމަނިކުފާނު ޒިޔާރަތްކުރެއްވިއެވެ.

މި ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒާއެކު ކެބިނެޓުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.