ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގައުމީ ވޮލީބޯޅަ މުބާރާތް 2025 ގެ އަންހެން ޑިވިޝަނުގައި ކުޅުނު ފުރަތަމަ މެޗުން ޕޮލިސް ކުލަބު ފަސޭހަ މޮޅެއް ހޯދައިފިއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗު ޕޮލިސް ކުލަބުން ކާމިޔާބުކުރީ ހުރާ ކޮމިއުނިޓީ ކުލަބާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ޕޮލިސް ކުލަބުން ގެންދިޔައީ 25-22، 25-22 އަދި 25-16 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ކުލަބުގެ ބިދޭސީ ކުޅުންތެރިޔާ ގްރެޒީލްއެވެ.
ގައުމީ ވޮލީބޯޅަ މުބާރާތުގައި ވާދަކުރަނީ ގައުމީ ލީގުގެ ގަދަ ހަތަރު ޓީމެވެ. އެހެން އަހަރުތަކާ ޚިލާފަށް ގިނަ މެޗުތަކެއް ކުޅޭ ގޮތަށް މި ފަހަރު މުބާރާތް ރޭވިފައިވާއިރު، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ފައިނަލުގެ ފުރަތަމަ ޖަގާ ލިބިގެންދާނެއެވެ. އަދި ފައިނަލްގެ ދެވަނަ ޖާގަ ލިބިގެންދާނީ ލީގު ބުރުގެ ދެވަނަ އާއި ތިންވަނަ ބައްދަލުކުރާ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ. މުބާރާތުގެ ފައިނަލް އޮންނާނީ އަންނަ އާދީއްތަ ދުވަހުގެރެއެވެ.