ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެ ޕްރޮމޯޓް ކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރްސީން 4 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިމަހުގެ 28 އިން މޭއި މަހުގެ 1 ވަނަ ދުވަހަށް ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި ކުރިއަށްދާ މާރކެޓުގައި ރާއްޖެ ޕްރޮމޯޓް ކުރުމަށް ގިނަ މަސައްކަތްތަކެއް އެމްއެމްޕީއާރްސީން ދަނީ ކުރަމުންނެވެ. އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް 4 އެއްބަސްވުމެއްގައި މިހާތަނަށް ވަނީ ސޮއިކޮށްފައެވެ.
މިފަހުމުނާމާތަކުގައި އެމްއެމްޕީއާރްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝިއުރީއެވެ. މިއެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތުތަކުގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިޤް އިބްރާހީމްބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖެއިން ފުރަތަމަ ސޮއިކޮށްފައިވަނީ އެމިރޭޓްސް އެއަރލައިނާއެކުއެވެ. މި އެއްބަސްވުމުގެ ދަށުން އެމިރޭޓްސް ދަތުރުކުރާ ސަރަހައްދުތަކުގައި ރާއްޖެ ޕްރޮމޯޓް ކުރުމަށް އެއެއަރލައިނުން މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން ރާއްޖޭގެ ވިޔަފާރިތައް ކުރިއެރުވުމަށް އެކުގައި މަސައްކަތް ކުރާނެއެވެ.
ރާއްޖެއިން ދެން ސޮއިކޮށްފައިވަނީ ޤަތަރު އެއަރވޭސްއާއެކުއެވެ. ޤަތަރު އެއަރވޭސްއާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުންވެސް ޤަތަރު އެއަރވޭސްއިން ރާއްޖޭގެ ފަތުރުވެރިކަން އެކި ސަރަހައްދުތަކުގައި ޕްރޮމޯޓްކުރާނެއެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްވެސް މަސައްކަތްތަކެއް ކުރާނެ ކަމަށް ޤަތަރުއެއަރވޭސް އިން ބުނެއެވެ.
ރަޝިއާ އަދި ސީއައިއެސް މާކެޓުގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށްވެސް ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ. ރާއްޖޭގެ ރިސޯޓް ލައިފް ކުންފުންޏާއެކު ސޮއިކުރި މި އެއްބަސްވުމާއެކު އެ ސަރަހައްދުން އިތުރު ފަތުރުވެރިން ގެނައުމަށް އެމްއެމްޕީއާރްސީއާއެކު މަސައްކަތް ކުރެވޭނެ ކަމަށް ރިސޯޓްލައިފުން ވަނީ ބުނެފައެވެ. އަދި މި ސަރަހައްދުގެ މިހާރުވެސް މަސައްކަތް ކުރަމުންދާ ރިސޯޓުލައިފާއެކު މާކެޓް ކުރުމުގެ އިސްތިރާޖުތައް އެކުލަވާލެވޭނެ ކަމަށް އެމްއެމްޕީއާރްސީން ވަނީ ވިދާޅުވެފައެވެ.
މިއެއްބަސްވުމުގެ އިތުރަށް އިންޑިއާ މާކެޓުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އިންޑިއާގެ ޓުއަރ އޮޕަރޭޓަރުންގެ ޖަމްޢިއްޔާއާއެކުވެސް އެމްއެމްޕީއާރްސީން ވަނީ ސޮއިކޮށްފައެވެ. މިއެއްބަސްވުމުގެ ދަށުން އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް މަސައްކަތްކުރާނެއެވެ.
އެމްއެމްޕީއާރްސީން ޤަބޫލްކުރަނީ މި އެއްބަސްވުންތަކާއެކު، ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.