ކުޅިވަރު

ކްލޮޕަށްވުރެ ސަލާހަށް ކަމުދިޔައީ ސްލޮޓް


ލިވަޕޫލްގެ ކުރީގެ ކޯޗު ޔާގެން ކްލޮޕަށްވުރެ ކަމުދަނީ މިހާރުގެ ކޯޗު އާނޭ ސްލޮޓް ކަމަށް ދޭހަވާގޮތަށް ފޯވަޑް މުހައްމަދު ސަލާހް ވާހަކަ ދައްކައިފި އެވެ.

20 ވަނަ ފަހަރަށް ލިވަޕޫލަށް އިނގިރޭސި ޕްރެމިއާ ލީގު ހޯދައިދިނުމަށް ފަހު ވާހަކަ ދައްކަމުން މިސުރުގެ ފޯވަޑް ސަލާހު ބުނީ އޭނާ ޖަހާފައިވާ ގޯލުގެ އަދަދުން އެކަން ސާފުވާނެ ކަމަށެވެ.
އޭނާ މިހެން ބުނީ ކްލޮޕަށްވުރެ ރަނގަޅަށް ސްލޮޓް، އޭނާ ލައްވައި މޮޅަށް ކުޅުވިތޯ މެޗަށް ފަހު ސްކައި ސްޕޯޓްސްގެ ޕްރެޒެންޓަރު ސުވާލު ކުރުމުންނެވެ.

"އަހަރެންގެ ނަންބަރުތަކުން (މި ސީޒަނުގެ ތަފާސް ހިސާބުތަކުން) އެނގޭނެ އެކަން ވަރަށް ރަނގަޅަށް. އޭނާ (ސްލޮޓަކީ) އަކީ ވަރަށް ސާފުކޮށް ބުނާ މީހެއް. ވަރަށް ވަރުގަދަ ޝަހުސިއްޔަތެއް އޭނާ އަކީ. އޭނާ އަހަރުމެންނަށް ކަންކަން ފަސޭހަކޮށްދިން. ސަބަބަކީ އޭނާ ބޭނުންވަނީ ކޮން ކަމެއްކަން ވަގުތުން އެނގޭނެ،" ސަލާހް ބުންޏެވެ.

އުމުރުން 32 އަހަރުގެ ފޯވަޑް ސަލާހް ލިވަޕޫލަށް ގެނައީ 2017 ވަނަ އަހަރު ކްލޮޕެވެ. އޭނާގެ ކޯޗުކަމުގައި ސަލާހް ވަނީ ޕްރެމިއާ ލީގާއި ޗެމްޕިއަންސް ލީގާއި ކުލަބު ވޯލްޑްކަޕާއި ޔޫރަޕިއަން ސުޕަކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ. އަދި ޕްރެމިއާ ލީގުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަށް ދޭ ރަންބޫޓު ދެ ފަހަރު ހޯދައިފަ އެވެ.

ނަމަވެސް މިދިޔަ ސީޒަނުގައި ފަހު ބައިގައި ސަލާހާއި ކްލަޕާ ދެމެދު ކޮންމެވެސް ވަރެއްގެ ހިތްހަމަނުޖެހުންތަކެއް އުފެދުނެވެ. އެއީ ލިވަޕޫލަށް ލީގު ނުލިބޭނެކަން ކަށަވަރުވި ހިސާބުންނެވެ.
އޭގެ ފަހު ސްލޮޓް ހަވާލުވުމަށްފަހު މިހާރު ވަނީ ސަލާހް ލައްވައި ކުރިއަށް ދެ އަހަރު ކުލަބުގައި މަޑުކުރުވަން ސޮއިކޮށްފަ އެވެ. އަދި އޭނާ ވަނީ މި ސީޒަނުގެ ޕްރެމިއާ ލީގުގައި 28 ގޯލު ޖަހައިފަ އެވެ. އަދި މިހާރު ބޮޑަށް ބެލެވެނީ ރަންބޫޓު ގެންދާނީ ވެސް ސަލާހް ކަމަށެވެ.

އޭނާ ބުނީ ކްލޮޕާއި އެކުގައި ކުޅުނު މުހިންމު ބައެއް ކުޅުންތެރިން ނެތި މި ސީޒަނުގެ ޕްރެމިއާ ލީގު ކާމިޔާބު ކުރެވުމަކީ ވަރަށް ކާމިޔާބީ ވަރަށް ބޮޑަށް ހާއްސަވާ ކަމެއް ކަމަށެވެ.