ޔަމަނުގައި ޤަވާއިދާ ޚިލާފަށް އުޅިކޮށް އަތުލައިގަންނަ ބިދޭސީން ބައިތިއްބާ މަރުކަޒަކަށް އެމެރިކާގެ ވައިގެ ޙަމަލާއެއް އަމާޒުވެ 68 މީހުން މަރުވެފައިވާ ކަމަށް، ޔަމަނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތެއް ކަމަށްވާ ޙޫޘީންގެ ޓީވީ ސްޓޭޝަނުން ބުނެފިއެވެ.
މިއީ ޙޫޘީންނާ ދެކޮޅަށް އެމެރިކާއިން ދެމުންދާ ޙަމަލާތަކުގައި އެންމެ ގިނަ މީހުން މަރުވި ޙަމަލާކަމުގައި އެ ޖަމާޢަތުން ވަނީ ބުނެފައެވެ.
އެ މަރުކަޒުގައި ބައިތިއްބާފައިވަނީ، ޔަމަނު ހުރަސްކޮށް ސަޢޫދީ އަރަބިއްޔާއަށް އެތެރެވާން މަސައްކަތް ކުރުމުގެ ތެރޭގައި އަތުލައިގެންފައިވާ އެފްރިކާގެ ބައްރަށް ނިސްބަތްވާ މީހުން ކަމަށް ވެސް އެ ޓީވީން ބުންޏެވެ.
ނަމަވެސް، މި ޙަމަލާއާ ގުޅިގެން އެމެރިކާގެ އަސްކަރިއްޔާއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ޔަހޫދީ އިސްތިޢުމާރީ ފައުޖުގެ ޢޫދުވާނީ ޙަމަލާތަކުން ފަލަސްޠީނުގެ ރައްޔިތުން ދިފާޢުކޮށްދިނުމަށް ހޫޘީން ދަނީ ޔަހޫދީ ދައުލަތަށް އަމާޒުކޮށް ތަކުރާރުކޮށް ޑްރޯންނާއި މިސައިލު ޙަމަލާތައް ދެމުންނެވެ. އޭގެ އިތުރުން ރަތް ކަނޑުން ދަތުރުކުރާ ޔަހޫދީންނާ ގުޅުން އޮންނަ އަދި ޔަހޫދީންގެ ރަށްތަކަށް ދަތުރުކުރަމުންދާ އާގުބޯޓުތަކަށް ޙޫޘީން ދަނީ ޙަމަލާ ދެމުންނެވެ. އެއީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ދެކޮޅަށް އެ ޖަމާޢަތުން ފަށާފައިވާ ޙަރަކާތްތަކެކެވެ.
އެ ޙަމަލާތަކުގައި ޙޫޘީން ދަނީ އެންމެ ފަހުގެ ޒަމާނީ އަސްކަރީ ޑްރޯންތަކާއި ބެލިސްޓިކް މިސައިލް ފަދަ ނުރައްކާތެރި ހަތިޔާރުތައް ބޭނުން ކުރަމުންނެވެ. އެ ޖަމާޢަތުން ވަނީ ޢަދަން ކަނޑާއި, މެޑިޓެރޭނިޔަން ކަނޑުގެ އިތުރުން އިންޑިޔާ ކަނޑަށް ވެސް އަސްކަރީ ޙަރަކާތްތައް ފުޅާ ކޮށްފައެވެ. އެ ޙަމަލާތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ވިޔަފާރި މަގުތަކަށް ބުރޫއަރައި, އެ މަގުތައް ބޭނުންކުރާ ވިޔަފާރިތަކަށް ވަނީ ޚަރަދު ބޮޑު އަދި ދިގު މަގުތަކުން ދަތުރުކުރުމަށް މަޖުބޫރު ވެފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެން ވަނީ ފަށައިފައެވެ. މި ސަބަބުތަކަށްޓަަކައި އެމެރިކާއާއި ޔަހޫދީ ދައުލަތުގެ ފަރާތުން ޔަމަނަށް އަމާޒު ވަމުންދާ ޙަމަލާތައް ވަނީ ގިނަ ވެފައެެވެ.
އެމެރިކާއިން ޙޫޘީންނަށް އަމާޒު ކޮށް ދޭ ޙަމަލާތަކުގައި މީގެ ކުރިން މައިގަނޑު ގޮތެއްގައި ގެއްލުން ދީފައި ވަނީ އިމާރާތްތަކާއި ބިނާރަށެވެ. ނަމަ ވެސް އެ ޤައުމުން މިހާރު ދެމުންދާ ޙަމަލާތަައް އަމާޒު ކުރަނީ ސީދާ ޙޫޘީ ޖަމާޢަތުގެ މެންބަރުންނަށެވެ. ޙަމަލާ ދިނުމުގައި އެމެރިކާއިން މި ގޮތަށް ޢަމަލު ކުރަމުން މި ދަނީ ޙަމަލާތަކުގައި ޝަހީދުވާ ޢާންމުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް މަސްރަހު ދިރާސާ ކުރާ ޖަމްޢިއްޔާތަކުން ފާހަގަ ކުރަމުންދާ ދަނޑިވަޅެއްގައެވެ.