މި ސީޒަން ނިމޭއިރު ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަކީ މެންޗެސްޓާ ސިޓީ އަށް ތައްޓެއް ހޯދުން ފަދަ ކަމެއް ކަމަށް އެ ޓީމުގެ ކުޅުންތެރިން ބުނަން ފަށައިފި އެވެ.
އުމުރުން 26 އަހަރުގެ ޕޯޗުގަލް މިޑްފީލްޑަރު މަތިއަސް ނޫނޭސް ބުނީ ފާއިތުވެދިޔަ ހަތަރު އަހަރުގެ ޕްރެމިއާ ލީގުގެ ޗެމްޕިއަނުންގެ މި ސީޒަނުގެ ހާލަތަށް ބަލާފަ އެވެ.
"ޗެމްޕިއަންސް ލީގަށް ކޮލިފައިވުން މިއީ އަހަރުމެންގެ ޕްރެމިއާ ލީގު ޓްރޮފީ މި ފަހަރު. އަހަރެންނަށް ހީވަނީ މިއީ ކުލަބަށް ވަރަށް މުހިންމު ކަމެއްހެން މިވަގުތަށް ބަލާއިރު. ކުލަބުން ވެސް ކުޅުންތެރިން ވެސް މި ވަގުތު އިސްކަންދެނީ މި ކަމަށް،" ނޫނޭޒް ބުންޏެވެ.
އޭނާ އަދި ބުނީ ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކުޅެން ދިއުމަކީ ސިޓީގެ ކޮންމެ ކުޅުންތެރިއަކަށް ވެސް މުހިންމު ކަމެއް ކަމަށެވެ. އަދި މި ސީޒަނުގައި ޕްރެމިއާ ލީގު ތަށި ހޯދެން ނެތުމުން ސިޓީ އަށް އޮތް ހާސިލްވާން އޮތް ޓާގެޓަކީ ޗެމްޕިއަންސް ލީގަށް ކޮލިފައިވުން ކަމަށް ހުރިހާ ކުޅުންތެރިންނަށް ކޯޗު ޕެޕް ގާޑިއޯލާ ވަރަށް ބޮޑަށް ވިސްނައިދެމުންދާ ކަމަށެވެ.
ސިޓީ މި ވަގުތު އޮތީ ޕްރެމިއާ ލީގުގެ ހަތަރު ވަނާގަ އެވެ. އެއީ 34 މެޗުން 61 ޕޮއިންޓާއެކުގަ އެވެ. މިއީ މިއީ ކޮންމެ ޓީމަކަށް ބާކީ ހަތަރު މެޗު އޮއްވައި ޕްރެމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ލިވަޕޫލަށްވުރެ 21 ޕޮއިންޓް މަދު އަދަދެކެވެ. ޕްރެމިއާ ލީގުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ފަސް ޓީމު ކޮލިފައިވާނެ އެވެ.
ނަމަވެސް ނޫނޭޒް ބުނީ މިހާ ބޮޑު ފަރަގެއްގައި އޮތުމަކީ ސިޓީގެ ފެންވަރެއްނޫން ކަމަށެވެ. އަދި ހުރިހާ ކުޅުންތެރިންގެ ވެސް އަޒުމަކީ އަންނަ ސީޒަނުގައި މިކަން ބަދަލު ކުރުން ކަމަށެވެ.
މުހިންމު ވަރަށް ގިނަ ކުޅުންތެރިންނަށް އަނިޔާވުމުން ސިޓީ އަށް މި ސީޒަނުގެ ޕްރެމިއާ ލީގު ކާމިޔާބު ނުކުރެވޭނެ ކަމަށް ސީޒަނުގެ މެދުތެރެއިން ކޯޗު ޕެޕް ގާޑިއޯލާ ނިންމި އެވެ. އޭގެ ފަހުން އޭނާ ބުނަމުންދަނީ ޓާގެޓަކީ އަންނަ ސީޒަނަށް ވަރުގަދަކޮށް އެނބުރި އައުން ކަމަށެވެ. ސިޓީ ވަރަށް ބޮޑަށް އަޑިއަޅާލުމާއެކު އެ ޓީމުން ވަނީ މިދިޔަ ޖެނުއަރީ ޓްރާންސްފާ މާކެޓުގައި ޒުވާން ކުޅުންތެރިން ހޯދައި ޓީމު ޒުވާން ކުރަން ފަށައިފަ އެވެ. މި ގޮތުން ޓީމުގައި ތިބި ދުވަސްވީ މުހިންމު ކުޅުންތެރިން ދޫކޮށްލަން ވެސް ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ކެޕްޓަން ކެވިން ޑެބްރުނޭ އާއި މިޑްފީލްޑަރު މަޓެއޯ ކޮވަސިޗް ހިމެނެ އެވެ. އަދި ދޫކޮށްލާނެ ކަމަށް ބެލެވޭ ކުޅުންތެރިންގެ ތެރޭގައި ގޯލްކީޕަރު އެޑަސަން ހިމެނެ އެވެ.