ޚަބަރު

މަސްވެރިންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަަކަށް ބީއެމްއެލްގެ މާލީ އެހީތެރިކަން ލިބޭނެގޮތް ހަމަޖައްސައިފި


  • ރަހުނަކާއިނުލައި 300,000 ރުފިޔާއާ ހަމައަށް ލޯނު ނެގޭނެ

  • ލޯނު ދޫކުރާނީ މަސްވެރިންގެ އާމްދަނީއަށް ބެލުމަށްފަހު

މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް މާލީ އެހީތެރިކަން ލިބޭނެ އިންތިޒާމް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ހަމަޖައްސައިފިއެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަން ސިންދަފާތުކޮށް މިސިނާޢަތް އިތުރަށް ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ދަނީ ކުރައްވަމުންނެވެ. އެގޮތުން މި މަސައްކަތުގެ ތެރެއިން މަސްވެރިންނަށް ފަސޭހަކަމާއެކު މާލީ އެހީތެރިކަން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއާއި ބީއެމްއެލްއާ ދެމެދު އެއްބަސްވުމެއްގައި މިއަދުވަނީ ސޮއިކޮށްފައެވެ.

ބީއެމްއެލްއިން ވިދާޅުވީ، މިއެއްބަސްވުމުގެ ދަށުން މަސްވެރިންގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނަށް އެމީހުންގެ އާމްދަނީއަށް ބެލުމަށްފަހު މާލީ އެހީތެރިކަން ލިބޭނެކަމަށެވެ. އެގޮތުން ޕަރސަނަލް ފައިނޭންސިންގް، ކްރެޑިޓް ކާޑު އަދި ގެދޮރު ގަތުމާއި އިމާރާތްކުރުމާއި މަރާމާތު ކުރުންފަދަ އެކި ބޭނުންތަކަށް ކްރެޑިޓް ފެސިލިޓީއަށް ވާސިލުވުމުގެ ފުރުސަތު ލިބޭނެކަމަށްވެސް އެބޭންކުން ވިދާޅުވިއެވެ. އަދި ބީއެމްއެލް އިންޓަރނެޓް ބޭންކިންގ ނުވަތަ މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ކޮންމެ ތަނަކުން ވެސް ޕަރސަނަލް ފައިނޭންސިންގް އާއި ލުއި ލޯނަށް އެދި ހުށަހެޅޭނެކަމަށް ބޭންކުން ވިދާޅުވެއެވެ.

އަދި ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނަކާ ނުލައި އަދި އިކުއިޓީ (އަމިއްލައަށް ޚަރަދުކުރަންޖެހޭ ފައިސާ) ނުލައި 300,000 ( ތިން ލައްކަ) ރުފިޔާއާ ހަމައަށް ޕަރސަނަލް ފައިނޭންސިންގް ނެގޭނެކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ. އަދި މަސްވެރިކަމުގެ މޫސުމަށް އަންނަ ބަދަލުތަކާއެކު އާމްދަނީއަށް ރިޢާޔަތްކޮށް އަނބުރާ ފައިސާ ދެއްކުމަށް ލުއިފަސޭހަ ގޮތްތަކެއްވެސް ބީއެމްއެލްއިން ހަމަޖައްސައިދޭނެކަމަށް އެ ބޭންކުންވަނީ ވިދާޅުވެފައެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މިއެއްބަސްވުމަކީ މަސްވެރިކަމުގެ ސިނާޢަތް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން މަސްވެރިންނަށް ފަހި ފުރުސަތުތަކެއް ޤާއިމްކުރުމަށް ކުރެވުނު ވަރަށް މުހިންމުކަމެއްކަމަށެވެ.

"މި އެއްބަސްވުމުގެ މަޤްޞަދަކީ މަސްވެރިންނަށް ފައިނޭންސް ހޯދުމުގެ ފުރުސަތުތައް ފަހިކޮށް އިތުރުކޮށްދިނުން. އެގޮތުން މަސްވެރިންނަށް އާމްދަނީ ލިބޭ ގޮތާއި މޫސުމީ ގޮންޖެހުންތަކަށް ރިޢާޔަތްކޮށް، އެފަރާތްތަކުގެ ދިރިއުޅުމަށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންވާ މާލީ ހައްލުތައް ފޯރުކޮށްދެވޭނެ." ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

މަސްވެރިންނަށް މާލީ އެހީތެރިކަން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް މިކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށް ބީއެމްއެލްގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މިއެއްބަސްވުމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އަޙްމަދު ޝިޔާމްއެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފްއެވެ.