ޖަރުމަނުގެ ބުންޑެސްލީގާ ގައި ރޭ މެއިންޒް އާއި ދެކޮޅަށް ބަޔާން މިއުނިކް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ބަޔާން މިއުނިކް ކާމިޔާބުކޮށް ލީގު ޗެމްޕިއަންކަން ހޯދުމަށް ޕޮއިންޓަކާއި ކައިރިއަށް ޖެހިލައިފި އެވެ.
މި މެޗުން މޮޅުވުމާއިއެކު ބަޔާން މިއުނިކަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 31 މެޗުން 75 ޕޮއިންޓު ލިބިފަ އެވެ. ދެވަނައިގައި އޮތް ބަޔާ ލެވަކޫސަން އަށް ލިބިފައިވަނީ 67 ޕޮއިންޓެވެ. އެހެންކަމުން ލީގުގައި ބާކީ އޮތް ތިން މެޗުން މޮޅުވި ނަމަވެސް ލެވަކޫސަން އަށް ލިބޭނީ 76 ޕޮއިންޓެވެ. އަދި ބަޔާން މިއުނިކަށް ކުރިއަށް އޮތް ތިން މެޗުން އެއް ޕޮއިންޓް ހޯދައިގެން 76 ޕޮއިންޓް ހަމަކުރެވޭނެ އެވެ.
މިއުނިކްގެ އެލިއަންޒް އެރީނާގައި ހަތްދިހަ ފަސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 27 ވަނަ މިނިޓުގައި ލެރޯއި ސާނޭ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
އަދި ފުރަތަމަ ހާފުގެ ކުޅުން ނިމެން ފަސް މިނިޓަށް ވެފައިވަނިކޮށް މައިކަލް އޮލިސޭ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ބަޔާން މިއުނިކް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައިވަނިކޮށް މައިކަލް އޮލިސޭ ދިން ޕާހަކުން އެރިކް ޑަޔާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
ބުންޑެސްލީގާގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ބަޔާ ލެވަކޫސަން އޮގްސްބަރގް އާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވިނަމަ ބަޔާންއަށް މި ނަތީޖާއާއިއެކު ޗެމްޕިއަންކަން ލިބޭނެ އެވެ. ނަމަވެސް ލެވަކޫސް ވަނީ އެ މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފަ އެވެ.