ޚަބަރު

ޔަހޫދީން ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސާތީ އދ. އިން އެކަން ކުށްވެރިކޮށްފި


ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ސިޔާސީ މަޤުޞަދުތަކެއް ހާސިލު ކުރުމުގެ ނިޔަތުގައި ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ގަސްދުގައި ހައިހޫނުގައި ޖައްސަމުންދާ ކަމުގައި ވިދާޅުވެ، ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުވެރި ދައުލަތްތައް (އދ)ން އުފައްދާފައިވާ އިދާރާ (އުންރްވާ)ގެ ވެރިޔާ ފިލީޕް ލެޓްޒަރީނީ އެ ކަން ކުށްވެރި ކުރައްވައިފިއެެވެ. އޭނާ މި މޭރުމުން ވިދާޅުވެ، ނިރުބަވެރި ނަތަންޔާހޫއަށް ފާޑުވިދާޅުވެފައި މި ވަނީ، ޣައްޒާއިން ކާބޯތަކެތި ހުސްވެފައިވާ ކަން އދގެ ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕުރޮގުރާމު (ޑަބްލިޔުއެފްޕީ)ން ހާމަ ކުރުމާ ގުޅިގެންނެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށް އުފުލިފައިވާއިރު، އިތުރު 116,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.

ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. އޭގެ ފަހުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 1,600އަށްވުރެ މައްޗަށް އުފުލިފައިވާ ކަން ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި، ގައިބާރު ދެރަވެފައިވާ އުމޫރުންނެވެ.

ޑަބްލިޔުއެފްޕީން ބުނީ ޣައްޒާގެ ޢާންމުންގެ ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށް

އަނިޔާވެރި ނަތަންޔާހޫގެ އަމުރަށް ޣައްޒާގެ ސަރަޙައްދީ ހުރަސްތަކުގައި ތަޅުއަޅުވައި، ބަންދު ކޮށްފައި ވަނީ މާރިޗު 2ވަނަ ދުވަހުއެވެ. އެއަށް ފަހު، އެ ސަހަރަށް އެއްވެސް ވަރަކަށް ކާބޯތަކެތި އެތެރެ ކޮށްފައެއް ނުވެއެވެ. މީގެ އިތުރުން، އިންސާނީ އެހީގެ ސާމާނާއި، ބޭސްފަރުވާއަށް ބޭނުންވާ ސާމާނު އަދި އިންޖީނުގެތަކާއި ޖަނަރޭޓަރުތައް ހިންގުމަށް ބޭނުންވާ ތެޔޮ އެތެރެ ކުރުމަށް ވެސް ޔަހޫދީ ފައުޖުން ވަނީ ހުރަސް އަޅާފައެވެ. އަދި، ޔަހޫދީ ފައުޖުން ދަނީ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުންދާ ޤަތުލުޢާންމު އިތުރަށް ފުޅާ ކުރަމުންނެވެ. ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ވެސް ޔަހޫދީ ފައުޖުން ވަނީ 45އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައެވެ.

ޑަބްލިޔުއެފްޕީން ބުނީ، ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ ދެ މިލިޔަނަށް ވުރެ ގިނަ މީހުންނަށް ބަނޑުފުރާނަ މުއްތިކުރުމަށް ބޭނުންވާ ކާބޯތަކެތި ފޯރުކޮށްދިނުމަށް ކުރަމުން ދިޔަ މަސައްކަތްތަކަށް ޔަހޫދީ ފައުޖުން ހުރަސް އަޅާފައިވާ ކަމުގައެވެ. އަދި، ޣައްޒާއިން ކާބޯތަކެތި ހުސްވެފައިވާ ކަމަށާއި، އެންމެން ހައިހޫނުގައި ޖެހުމަށް ހުށަހެޅިފައިވާ ކަމުގައެވެ. މީގެ އިތުރުން ސާފު ބޯފެނާއި ބޭސް ފަރުވާގެ ސާމާނު ހުސްވަމުންދާ ކަން ވެސް އެ އިދާރާއިން ހާމަކުރިއެވެ.

ޑަބްލިޔުއެފްޕީން ބުނީ، ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް 116,000 ޓަނުގެ ކާބޯތަކެތި އެ ސަހަރުގެ ސަރަޙައްދީ ހުރަސްތައް ކައިރިއަށް ޖަމާކޮށްފައިވާ ކަމުގައެވެ. ނަމަވެސް، އެ ތަކެތި އެތެރެ ކުރުމުގެ ފުރުޞަތު ދިނުމަށް ޔަހޫދީ ފައުޖުން ދަނީ އިންކާރު ކުރަމުންނެވެ. "ޣައްޒާގެ ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދައިދިނުމަށް މިހާރުންމިހާރަށް އެ ސަހަރަށް ކާބޯތަކެތި އެތެރެ ކުރުމުގެ ފުރުޞަތު ދިނުމަކީ އެންމެ މުހިންމު ކަންތައް،" ޑަބްލިޔުއެފްޕީން ފަލަސްޠީނަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު އޮންޓްވާން ރޫނާ ވިދާޅުވިއެވެ.

މިއީ އެމެރިކާގެ ބައިވެރިވުމާ އެކު ހިންގާ ޖަރީމާއެއް

ޣައްޒާގެ ރައްޔިތުން ގަސްދުގައި ހައިހޫނުގައި ޖައްސަމުންދާ ކަން ހާމަކުރައްވައި، ކާބޯތަކެތީގެ ޙައްޤާ ބެހޭ އދގެ ޚާއްޞަ ރެޕަޓުވާ މައިކަލް ފަޚްރީ ވިދާޅުވީ، މިއީ އެމެރިކާގެ ފުރިހަމަ ބައިވެރިވުމާއި އެހީތެރިކަމާ އެކު ޔަހޫދީ ފައުޖުން ހިންގަމުންދާ ޖަރީމާއެއް ކަމުގައެވެ. އެމެރިކާއިން މި ކަމުގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށް އޭނާ ޤަބޫލު ކުރައްވާ ކަން އޭނާގެ ވާހަކަފުޅުން ދޭހަވެއެވެ.

"ސަރަޙައްދީ ރޮނގުތަކުގެ ކޮންޓުރޯލު އޮތީ ކޮން ބަޔެއްގެ ދަށުގައިތޯ ބަލައިލަމާ. [ޣައްޒާއަށް] ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމުގެ ބާރު އޮތީ ކޮން ބަޔެއްގެ އަތުގައިތޯ؟ ޣައްޒާއަށް ހުރިހާ ބާވަތެއްގެ މުދާ އެތެރެ ކުރުމުގެ ކޮންޓުރޯލު އޮތީ ކޮން ބަޔެއްގެ ކިބައިގައިތޯ؟ އެއީ އިސްރާއީލް،" ފަޚްރީ ވިދާޅުވިއެވެ. އެއްވެސް އަދަބަކާ ކުރިމަތިނުވެ، ޣައްޒާގެ މުސްލިމުން ހައިހޫނުގައި ޖެއްސުމަށް ނިރުބަވެރި ނަތަންޔާހޫ ގަސްދުގައި ކެމްޕޭނެއް ހިންގަމުން ކަމުގައި ވެސް ފަޚްރީ ވިދާޅުވިއެވެ.

"ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް [ޔަހޫދީ ފައުޖުން] ހިންގަމުންދާ ޤަތުލުޢާންމުގައި އެމެރިކާގެ ބައިވެރިވުން ފުރިހަމައަށް އެބައޮތް، [ޣައްޒާގެ] ޢާންމު ރައްޔިތުން ގަސްދުގައި ހައިހޫނުގައި ޖެއްސުމުގައި ވެސް. ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި، އެންމެ މަސްދުވަހުގެ ތެރޭގައި، މެލްނިއުޓްރިޝަންގެ ޞިއްޙީ މައްސަލަ ކުރިމަތިވެފައިވާ ކުޑަކުދިންގެ އަދަދު ވަނީ %80އަށް އުފުލިފައި. އެ މީހުން [ޔަހޫދީ ފައުޖުން] އެ ދަނީ މަޝްވަރާތަކުގައި ބޭނުން ކުރާ އުކުޅެއްގެ ގޮތުގައި ކުޑަކުދިންގެ ފުރާނަ ބޭނުން ކުރަމުން،" ޔަހޫދީ ނަތަންޔާހޫއަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ފަޚްރީ ވިދާޅުވިއެވެ.

ޖައްބާރު ނަތަންޔާހޫއާއި ޒަޔަނިސްޓު ސަރުކާރުގެ ކުރީގެ ދިފާޢީ ވަޒީރު ޔޮއާވް ގަލާންތު ހައްޔަރު ކުރުމަށް ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓު (އައިސީސީ)ން އަމުރު ނެރެފައިވާ ކަން ވެސް ފަޚްރީ ފާހަގަ ކުރެއްވިއެވެ. އެ މީހުން ހައްޔަރު ކުރުމަށް އައިސީސީން އަމުރު ކޮށްފައި ވަނީ ޣައްޒާގެ މުސްލިމުން "ގަސްދުގައި ހައިހޫނުގައި ޖެއްސުމަށާއި، އިންސާނިއްޔަތާ ދެކޮޅު ޖަރީމާތަކާއި ގިނަ އަދަދެއްގެ ޢާންމުން ޝަހީދު ކުރުމުގެ ޖަރީމާއާ،" ގުޅިގެން ކަމުގައި އޭނާ ވިދާޅުވިއެވެ. ނަމަވެސް، އެއްވެސް ބިރަކާނުލައި، އަދި އަދަބަކާ ނުލައި އެ ޖަރީމާތައް ހިންގުމުގައި ޔަހޫދީ ފައުުޖުން ދެމި އޮތް ކަން އޭނާ ހިތާމައާ އެކު ފާހަގަ ކުރެއްވިއެވެ.

"ޢާންމުންގެ ބަޔަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރަސް އެޅުމުގެ އެއްވެސް ފުރުޞަތެއް ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން ދީފައެއް ނެތް. [ޣައްޒާގެ] ޢާންމުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ހުރަސް އެޅުމަކީ މަޝްވަރާތަކުގައި ބޭނުން ކުރާ އުކުޅެއް ކަމުގައި އިސްރާއީލުން ވަނީ ފާޅުގައި އެއްބަސްވެފައި. އެއީ ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފު ޖަރީމާއެއް،" ފަޚްރީ ވިދާޅުވިއެވެ.