ކުޅިވަރު

ބާސެލޯނާއާ ދެކޮޅަށް ރެއާލްގެ ޓެކްޓިކްސް ބަދަލުކުރަނީ


ސްޕެނިޝް ކަޕުގެ ފައިނަލްގައި މިރޭ ބާސެލޯނާއާ ދެކޮޅަށް ކުޅެން ރެއާލް މެޑްރިޑުގެ ޓެކްޓިކްސް ބަދަލުކުރަން ނިންމައިފިއެވެ. ކޯޗު ކާލޯ އަންޗެލޮޓީ ވިސްނަމުންދަނީ ބާސެލޯނާއާ ދެކޮޅަށް 4-4-2 ފޯމޭޝަނަށް ކުޅުންތެރިން ނަގާށެވެ.

ފޯމޭޝަން ލައިން ބަދަލުކޮށްފިނަމަ ފޯވަޑް ލައިނުން ރޮޑްރީގޯ ބާކީވުން ގާތެވެ. ސަބަބަކީ ޖޫޑް ބެލިންހަމްގެ ބޭނުން ފުރިހަމައަށް އެޓޭކުގައި ހިފުމަށް އޭނާއަށް ފުރުސަތު ދިނުމެވެ. އޭނާ މެދަށް ކުޅުވާނަމަ ރޮޑްރީގޯ އަކީ މެދުތެރޭގައި ބައިވެރި އަރިމަތިން އެޓޭކް ކުރާ ކުޅުންތެރިއަކަށް ބަދަލު ކުރަން ވެސް އަންޗެލޮޓީ ވަނީ ފަރިތަކޮށްފައި ކަމަށް ސްޕޭނުގެ މީޑިއާތަކުން ބުނެ އެވެ.

މީގެ އިތުރުން ގިނަ ކުޅުންތެރިންތަކަކަށް ވަނީ އަނިޔާވެފަ އެވެ. އޭގެ ތެރޭގައި އެޑުއާޑޯ ކަމަވިންގާ އާއި ޑޭވިޑް އަލާބާ އާއި ޑެނީ ކަވަހާލް އާއި އެޑާ މިލިޓާއޯ ހިމެނެ އެވެ. މިހެންވެ ކޯޗު ކާލޯ އެންޗެލޯޓީގެ އެންމެ ބޮޑު ބޮލު ރިހުމަކީ ޑިފެންސްލައިނުގެ ބާގަނޑުތައް ބެއްދޭނެ ގޮތެއް ހޯދުމެވެ.

ބާސެލޯނާގެ ކަނާތު އަރިމަތިން ކުޅޭ ހަލުވި ފޯވަޑް ލަމީން ޔަމާލް ކޮންމެހެން ވެސް ހިފަހައްޓަން ޖެހޭއިރެ އެ ތަނަށް ކުޅުވާނެ ކުޅުންތެރިއަކު ހޮވަން އަންޗެލޯޓީ އަށް ފަސޭހައެއްނޫނެވެ. މިތަނަށް ކުޅުވަން ތިބީ ފާލާންޑް މެންޑީ އާއި ފެރަން ގާސިއާ އެވެ. މީގެ ތެރެއިން އަނިޔާއިން ރަނގަޅުވެ މުޅިން ފިޓްނޫނަސް ކޯޗު ބޮޑަށް އިތުބާރު ކުރަނީ އޭނާ އަށެވެ. ސަބަބަކީ ޓްރޭނިންތަކުގައި މެންޑީގެ ކުޅުން ރަނގަޅުވުމާއި ފެރަން އަށްވުރެ އޭނާގެ ތަޖުރިބާ ބޮޑުވުމެވެ. މީގެ އިތުރުން ކަނާތު ބެކަށް ފޭޑް ވަލްވާޑޭ ކުޅުވަން ވެސް އަންޗެލޯޓީ ދަނީ ވިސްނަމުންނެވެ.

މެދަށް ކުޅުވަން އަންޗެލޯޓީ ބޭނުންވަނީ އައުރެލިއަން ޗުއާމެނީ އާއި ބެލިންހަމާއި ޑެނީ ސެބާޔޯސް އެވެ. ބެލިންހަމަށް އެޓޭކިންގެ ރޯލެއް ދޭނަމަ މެދަށް ލޫކާ މޮޑްރިޗް ނެރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ކޮޕާ ޑެލްރޭ ފުޓްބޯޅަ މުބާރާތަކީ ރެއާލް އަށް މި ސީޒަނުގައި ތައްޓެއް ހޯދެން އޮތް ފަޖި ފުރުސަތެވެ. ސްޕެނިޝް ސުޕަކަޕުގައި ބާސެލޯނާ އަތުން ބަލިވިއިރު ސްޕެނިޝް ލީގުގައި ރެއާލް އޮތީ ބާސެލޯނާ އަށްވުރެ ހަތަރު ޕޮއިންޓް ފަހަތުގަ އެވެ. އަދި ޗެމްޕިއަންސް ލީގުން އެ ޓީމު ވަނީ ކަޓައިފަ އެވެ.

މި މެޗުގެ ކުރިން ރެއާލްއިން ވަނީ މެޗު ބޮއިކޮޓް ކޮށްފާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ. އެއީ މެޗުގެ ރެފްރީން ހުކުރު ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ދެއްކި ވާހަކަތަކާ ގުޅިގެން ރެފްރީން ބަދަލުކުރުމަށް ހުށަހެޅި ހުށަހެޅުން ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުން ގަބޫލު ނުކުރުމުންނެވެ. މިހެންވެ ރެއާލް ވަނީ މެޗުތެ ކުރިން ބާއްވާ ޕްރެސް ކޮންފަރެންސާއި ރަސްމީ ޓްރޭނިން ސެޝަން ކެންސަލްކޮށްފަ އެވެ. ނަމަވެސް މެޗު ބޮއިކޮޓް ކުރުމާމެދު ރަސްމީކޮށް އެ ކުލަބުން ވަކި އެއްޗެއް ނުބުނެ އެވެ.

ރެފްރީން ޕްރެސް ބޭއްވީ ރެއާލް މެޑްރިޑާ ގުޅުން ބޮޑު އާރުއެމްޓީވީން ރެފްރީންގެ ގޯސްތަކުގެ ވާހަކަ ތަކުރާރުކޮށް ދައްކައި ފާޑުކިޔަން ފެށުމުންނެވެ. ނަމަވެސް ރެއާލްއިން ބުނީ މީޑިއާގެ މިނިވަންކަމާ އެކުލަބުން ނުބެހޭނެ ކަމަށެވެ.