ޚަބަރު

ދިވެހިންނަށް ގޮލްފް ތައާރަފުކޮށް، ރާއްޖޭގެ ފުރަތަމަ މުބާރާތް ލަންކާގައި


  • މީގެ ކުރިން ދިވެހިންގެ މެދުގައި ގޮލްފް މުބާރާތެއް ބާއްވާފައެއް ނުވޭ

  • މުޅިން އަލަށް މޯލްޑިވްސް އޯޕަންގެ ނަމުގައި ގޮލްފް މުބާރާތެއް އިފުތިތާހުކޮށްފައި ވަނީ ސްރީ ލަންކާގައި

މުޅިން އަލަށް ދިވެހިންގެ މެދުގައި ގޮލްފް ތައާރަފުކޮށް, ރާއްޖޭގެ ފުރަތަމަ މުބާރާތް "މޯލްޑިވްސް އޯޕަން 2025" ސްރީ ލަންކާގައި ފަށައިފިއެވެ. މި މުބާރާތް ފައްޓަވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ސްރީ ލަންކާގައި މި މުބާރާތް ކުރިއަށްދާނީ ކެންޑީގައެވެ.

ހުކުރު ދުވަހު މި މުބާރާތް އިފްތިތާހުކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މޯލްޑިވްސް ގޮލްފް އެސޯސިއޭޝަން (އެމްޖީއޭ) އިސްވެރިން ބައިވެރިވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގޮލްފް އެސޯސިއޭޝަންގެ ރައީސް ޗަމްޕާ ހުސެއިން އަފީފް ވަނީ އައު ކުޅިވަރެއް ރާއްޖޭގައި ތަރައްގީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވައި، ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކުޅިވަރާ ބެހޭ ވުޒާރާއިން ދެއްވާ އެއްބާރުލުން ފާހަގަކުރައްވައި، ކުޅިވަރާ ބެހޭ ވަޒީރާއި އެ ވުޒާރާގެ މުވައްޒަފުންނަށްވެސް ޝުކުރު އަދާކުރެއްވިއެވެ.

އަފީފް ވިދާޅުވީ ގޮލްފް މުބާރާތް ފައްޓަވައިދެއްވުމަށް ކުޅިވަރާ ބެހޭ ވަޒީރު ރާފިޢު ސްރީ ލަންކާއަށް ވަޑައިގެންދެއްވުމަކީ ގޮލްފް ކުރިއެރުވުމަށް ލިބިގެންދާ ހިތްވަރެއް ކަމަށެވެ.

ދިވެހިންނަށް ގޮލްފް ތައާރަފުވެގެން ދިއުމާއެކު ގިނަ ކުޅުންތެރިންތަކެއް ތަމްރީނުކުރުމާއި، ގޮލްފް ކުޅުމަށް ބޭނުންވާ ވަސީލަތްތައް ތަރައްގީކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ގޮލްފް އެސޯސިއޭޝަނުން ބުނެއެވެ.