އިސްރާޢީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމާއި ގުޅިގެން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދަށް އަސަރެއް ކުރާކަން މިހާތަނަށް ފާހަގަވެފައި ނުވާ ކަމަށް
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
އިސްރާޢީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް އިމިގްރޭޝަންގެ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިޞްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރައްވާފައި ވަނީ މިމަހުގެ 15ވަނަ ދުވަހުއެވެ. އަދި އެހިނދުން ފެށިގެން ރާއްޖެއަށް އިސްރާޢީލުގެ ޕާސްޕޯޓުގައި އެއްވެސް މީހަކަށް އެތެރެވުން މަނާވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފަތުރުވެރިކަމާބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، ކޮންމެ ދުވަހަކުވެސް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މޮނިޓަރކުރަމުންދާކަމަށެވެ. އަދި ފަތުރުވެރިންގެ އަދަދުތައް ދަށަށް ދޭތޯ ވަރަށް ގާތުން ބައްލަވަމުންދާކަމަށެވެ.
"އަޅުގަނޑުމެން ކޮންމެ ދުވަހަކުވެސް މޮނިޓަރ ކުރަމުން މިދަނީ ކޮބާތޯ ރާއްޖެ އަންނަ ޓުވަރިސްޓުންގެ އަދަދަކީ، އެއްވެސް ކަހަލަ ޑިކްލައިނެއް އޮވޭތޯ. އެހެންމަ އެގޮތަށް ބަލަމުންދާއިރު މި ދެންނެވި މޭޖަރ އިމްޕެކްޓެއް ޓުވަރިޒަމްއަށް ނުވަތަ ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް މަދުވެ އެކަހަލަ ކަމެއް ނެތް." ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އިސްރާޢީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމާއި ގުޅިގެން ބައިނަލްއަޤުވާމީ މީޑިއާތަކުގެ ސަމާލުކަން ރާއްޖެއަށް ހުއްޓިފައިވާކަމަށާއި، ގިނަ ފަރާތްތަކުން މި ނިންމުން ފާހަގަކޮށް، ތައުރީފްގެ މެސެޖުތަކާއި ޝުއޫރުތައް ފާޅުކުރަމުންދާކަމަށެވެ.
"މިވަގުތު އަޅުގަނޑުމެންނަށް އަދިއެއް އެއްވެސް ކަހަލަ ގޮތަކަށް އޭގެ މާސް ކެމްޕެއިނެއް ރާއްޖެ ނާންނަން ވަކި ބަޔަކު ކުރާކަމެއް އިނގިފައެއް ނުވޭ. އެހެންނަމަވެސް ބައެއް މީޑިއާއަކުގަ އެބަހުރި ލިޔެފަ ރާއްޖެއަށް ގެއްލުން ވާނެޔޭ ނުވަތަ ވެދާނެޔޭ. އެހެންނަމަވެސް އެއާ އެއްކޮށް މި ދެންނެވި ޕޮޒިޓިވް ނިއުސްތައްވެސް އެބަހުރި ބައިވަރު." ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިކަން ވަރަށް ގާތުން ބައްލަވަމުންދާ ކަމަށާއި، މި ފިޔަވަޅު އެޅީ ކީއްވެގެންކަން، ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ޑިމްޕޮމެޓިކް މިޝަންތަކަށް އަންގަމުންދާ ކަމަށެވެ.
ޣައްޒާގެ މުސްލިމުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 62،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނަތް އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. ޣައްޒާގެ ހުރިހާ ސަރަޙައްދެއްގައިވާ އިމާރާތްތައް ސުންނާފަތި ކޮށް ބިމާ ހަމަކޮށްފައިވާއިރު އެތައް ހާސް ބައެއްގެ ގެދޮރު ވަނީ ގެއްލިފައެވެ.