ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް 2026 ވަނަ އަހަރު ކުޅެން ފަސްކޮށްފި އެވެ.
މިކަން ރަސްމީކޮށް އިއުލާނުކުރީ ދެކުނު އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާ (ސާފް)އިން ބުރާސްފަތި ދުވަހު ހަވީރު އެވެ.
އެ ޖަމާއަތުން ބުނީ މުބާރާތް ފަސްކުރީ މުބާރާތުގައި ބައިވެރިވާ ގައުމުތަކާއި މުބާރާތުގެ މާކެޓިން ޕާޓްނަރު ސްޕޯޓްސް ފައިވްއާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހު ކަމަށެވެ. އަދި އެންމެންވެސް ބޭނުންވަނީ ރަނގަޅަށް ތައްޔާރުވެގެން ފެންވަރު ރަނގަޅު މުބާރާތެއް ބާއްވަން ކަމަށެވެ.
އަދި 2026 ވަނަ އަހަރަކީ ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތް ކުޅޭ އަހަރު ކަމަށް ވުމުން، ސާފް ޗެމްޕިއަންޝިޕް ބާއްވަން ކުރިއަށްވުރެ ބޮޑަށް ތައްޔާރުވެ، އަހަންމިއްޔަތުކަން ދޭން ޖެހޭނެ ކަމަށެވެ. އެ ޖަމާއަތުން މިހެން ބުނީ ވޯލްޑްކަޕް އަހަރު މުބާރާތް ބާއްވާއިރު މުބާރާތުގެ ފޯރި ދަށްވިޔަނުދީ ހިފެހެއްޓުމުގެ ގޮތުންނެވެ. މުބާރާތުގެ މާކެޓިން ޕާޓްނަރު ސްޕޯޓްސް ފައިވްއިން ބޮޑަށް ބާރު އަޅަނީ ހޯމް އެންޑް އަވޭ އުސޫލުން މުބާރާތް ކުޅުމަށެވެ.
މިއީ މި އަހަރުގެ އެންމެ ފުރަތަމަ މުބާރާތް ކުޅެން ހަމަޖެއްސިގޮތެވެ. ނަމަވެސް މި ނިންމުން ކުއްލިއަކަށް ބަދަލުކޮށް އަންނަ ޖޫން މަހު ސްރީލަންކާގައި މުބާރާތް ބާއްވަން ހަމަޖެއްސުމުން މާކެޓިން ޕާޓްނަރުން ވަނީ އެކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.
މުބާރާތް ފަސްކުރި ސަބަބެއް ކަމަށް ނޭޕާލްގެ މީޑިއާތަކުން ތުހުމަތު ކުރަނީ އިންޑިޔާގެ އުތުރުގައި އޮންނަ ޕަހެލްގަމް ސްޓޭޓްގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ކަމަށެވެ. ނަމަވެސް ނޭޕާލުން ބުނީ އެ ގައުމުގެ ގައުމީ ޓީމު މުބާރާތަށް ފޮނުވަން ތައްޔާރަށް ތިބި ކަމަށެވެ.
"ކުއްލިއަކަށް މި އެނގުނީ މުބާރާތް ފަސްކުރިކަން 2026 އަށް. މިއީ އަހަރުމެން ވިސްނި ވެސް ކަމެއްނޫން. ސާފް ޗެމްޕިއަންޝިޕަކީ އަހަރުމެން ވަރަށް ބޮޑަށް އިސްކަންދޭ މުބާރާތެއް. މުބާރާތް ފަސް ކުރުމަކީ ވަރަށް ބޮޑު ގެއްލުމެއް،" ނޭޕާލް ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފައިވެ އެވެ.
ސާފް ޗެމްޕިއަންޝިޕް ނުބޭއްވޭތީވެ ލަންކާއިން މިހާރު ތައްޔާރުވަމުން ދަނީ އެ ގައުމުގައި ސާކް ގައުމުތަކަށް ދައުވަތު ދީގެން އިންވިޓޭޝަނަލް މުބާރާތެއް ބޭއްވުމަށެވެ.
ސާފް ޗެމްޕިއަންޝިޕް ނަމުގައި މިހާތަނަށް ވަނީ 12 މުބާރާތް ކުޅެފަ އެވެ. ރާއްޖެ ވަނީ މުބާރާތް 2008 އާއި 2018ގައި ކާމިޔާބުކޮށްފަ އެވެ.