އަންނަ މަހު 9 ގައި އިންޑިޔާ ފެށުމަށް ހަމަޖެހިފަވާ 19 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ 19 އަހަރުންދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ އަމާޒަކީ މުބާރާތުގެ ފައިނަލުގަ ކުޅުން ކަމަށް ޒުވާން ގައުމީޓީމުގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ބުނެފިއެވެ.
ޕީއެސްއެމް ނިއުސްގެ "ކުޅިވަރު ވިންދު" ޕްރޮގްރާމްގައި ވާހަކަދައްކަމުން ޝާކިރު ބުނީ ރާއްޖެއަށް ވުރެ ވަކި މޮޅެތި ހުނަރުވެރި ކުޅުންތެރިންތަކެއް ހިމެނޭ ޓީމުތަކެއް މި ސަރަހައްދުގައި މި އުމުރުފުރާގައި ނެތް ކަމަށެވެ. އެހެންކަމުން މުބާރާތައް ދާނީ ފުރިހަމަ އިތުބާރާއި ޔަގީންކަމާ އެކު ކަމަށެވެ.
ޝާކިރު ބުނީ މުބާރާތުގައި ވާދާކުރާ އެހެން ގައުމުތަކަށް ބަލާއިރު ރާއްޖެއަށްވުރެ ވަރުގަދަ ނޫން ކަމަށާއި ރަނގަޅަށް ތައްޔާރުވެވިއްޖެނަމަ އެ ގައުމުތައް ވެސް ރާއްޖެއަށް ބަލި ކުރެވިދާނެ ކަމަށެވެ. މުބާރާތުގައި ރާއްޖެއިން ވާދަކުރަމަށް އެކުލަވާލި ސްކޮޑު 95 އިންސައްތަ ނިސްބަތް ވަނީ އަތޮޅު ތެރޭގެ ކުޅުންތެރިން ކަން ޝާކިރު ފާހަގަކުރިއެވެ.
ހުސްވި އަހަރު 17 އަހަރުން ދަށުގައި ގައުމީ ޓީމަށް ކުޅުނު ވަރަށް ގިނަ ކުޅުންތެރިންނަށް އޯލެވެލް އިމްތިހާނާ ހުރެ މި ފަހަރު މުބާރާތައް ނުދެވޭކަން ޝާކިރު ވަނީ ފާހަގަކޮއްފައެވެ. މިޓީމް އަންނަނީ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން މުބާރާތަށް ފަރިތަކުރަމުންނެވެ.
މި ވަގުތު ހާލަތައް ބަލާއިރު ތައްޔާރުވުންތައް ރަނގަޅުކަމަށާއި، އެހެން ނަމަވެސް ސާފް ޗެމްޕިއަންޝިޕް ކަހަލަ ބޮޑު މުބާރާތަކަށް ތައްޔާރުވާން އެންމެ އެކަށީގެންވާ ވަގުތެއް ނުލިބޭކަމަށްވެސަ ޝާކިރު ބުންޏެވެ.
19 އަހަރުންދަށުގެ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންނަކީ ފުރަތަމަ ޑިވިޝަންގެ ކުލަބަތަކަށް ކުޅެފަވާ ކުޅުންތެރިން ކަން ފާހަގަކުރަމުން ޝާކިރު ބުނީ މުޅި ޓީމުގަ ވެސް މޮޅުވާން ބޭނުންވެގެން މަސައްކަތް ކުރާ ކުޅުންތެރިން ފެންނަ ކަމަށެވެ.
" މިއީ ރަނގަޅު ފާލެއް، ހުނަރަށް ބަލާކަމުގަ ވަންޏާ މިހާރުގެ ތަޖުރިބާކާރުން ބުނާނެ ހުނަރައް އެކި ބަލައިގެން ނުވެޔޭ، ހުނަރު ހުރެފަ ވަރަށް ބައިވަރު ކަންތައްތަކެއް ހުންނަން އެބަޖެހޭ، މުސްތަގުބަލެއް އޮތް ރަނގަޅު ކެރެކްޓައެއް ހުރި ކުޅުންތެރިން ތަކެއް އެބަތިބި މި މިފަހަރުގެ ސްކޮޑުގަ." ޒުވާން ޓީމުތަކާ އެކު ގިނަ ތަޖުރިބާތަކެއް ކޮއްފަވާ ޝާކިރު ބުންޏެވެ.
ކޯޗެއްގެ ހައިސިއްޔަތުން ޓީމުން ކުޅުންތެރިން އުނި ކުރުމަކީ އެންމުދަގޫ ކަންތައްކަމަށާ އެއްފެވަރެއްގެ ކުޅުންތެރިން ސްކޮޑުގައި ގިނަ ވުމަކީ މިފަހަރު ޓީމް ފައިނަލު ކުރަން އުނދަގޫވާ އެއް ސަބަބުކަން ޝާކިރު ފާހަގަކުރިއެވެ.
މުބާރާތުގައި ވާދަކުރާ ރާއްޖެ ހިމެނެނީ ބަންގްލަދޭޝް އަދި ބޫޓާންއާ އެއް ގުރޫޕެއްގައެވެ.