ޚަބަރު

ޑރ. ޞަލާޙުލް ބުދައިރު، ޒުވާން ޚަޠީބުންނާއި އިމާމުންނާ ބައްދަލުކުރައްވައިފި


  • މިއަދުގެ މަޣްރިބް ނަމާދާއި އިޝާނަމާދު ސަލްމާން މިސްކިތުގައި ކުރައްވާނެ

  • މަދަމާރޭ ޚާއްސަ ދަރުހެއް އިސްލާމީ މަރުކަޒުގައި އޮންނާނެ

މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު، ޒުވާން ޚަޠީބުންނާއި، އިމާމުންނާއި ބައްދަލުކުރައްވައިފިއެވެ.

މިއަދު ހަވީރު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދާއި، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް ވަނީ ބައިވެރިވެލައްވާފައެވެ.

މި ބައްދަލުކުރެެއްވުމުގައި ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ވަނީ އިމާމުންނާއި، ޚަޠީބުންނާއި މުޚާޠަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އިމާމުންނާއި، ޚަޠީބުންގެ އިތުރުން ޑރ. ޞަލާޙުލް ބުދައިރު ވަނީ ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މުވައްޒަފުންނާވެސް ބައްދަލުކުރައްވާފައެވެ.

އިސްލާމީ ކަންތައްތަބެހޭ ވުޒާރާއިން ވިދާޅުވީ ސަލްމާން މިސްކިތުގައި މިއަދުގެ މަޢްރިބް ނަމާދާއި އިޝާ ނަމާދު އިމާމުވެ ކުރައްވާނީ ޑރ. ޞަލާޙުލް ބުދައިރުކަމަށެވެ. އަދި މާދަމާ ރޭ އިސްލާމީ މަރުކަޒުގައި ޑރ. ޞަލާޙުލް ބުދައިރު އިޝާނަމާދު އިމާމުވެ ކުރެއްވުމަށްފަހު، ޚާއްސަ ދަރުހެއްވެސް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރާއްޖެއަށް މިކުރައްވާ ދަތުރުފުޅަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝަޙުސިއްޔަތު ވަރުގަދަ ކުރެއްވުމަށް، އިސްލާމީ އުއްމަތުގެ ފާހަގަކޮށްލެވޭ ޢިލްމުވެރިން ރާއްޖެ ގެންނެވުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދެއްވި ދަޢުވަތުގައި ކުރަައްވާ ދަތުރުފުޅެކެވެ.

އެމަނިކުފާނު އިއްޔެ ވަނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ބައްދަލު ކުރައްވާފައެވެ. މީގެއިތުރުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއާއި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ އިސްވެރިންނާއި މުވައްޒަފުންނާއިވެސް އިމާމު ވަނީ ބައްދަލުކުރައްވާފައެވެ.