ޚަބަރު

ޔަހޫދީންނަށް ޙަމަލާ ދިނުމުގައި ބައިވެރިވި ޖަމާޢަތެއްގެ ދެ ލީޑަރަކު ސޫރިޔާއިން ހައްޔަރުކޮށްފި


ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ އިސްލާމިކް ޖިހާދު ޖަމާޢަތުގެ އިސް ދެ މެންބަރުން ސޫރިޔާއިން ހައްޔަރު ކޮށްފިއެވެ. އިސްލާމިކް ޖިހާދުގެ ހަތިޔާރު އެޅި ގޮފި، އަލް-ޤުދުސް ލަޝްކަރުން ބުނީ، ސޫރިޔާއިން ކޮށްފައި ވަނީ އެ ޤައުމުގައި އެ ޖަމާޢަތުގެ ހަރަކާތްތައް ބަލަހައްޓަވާ ވެރިޔާ ޚާލިދު ޚާލިދާއި، އެ ޖަމާޢަތުގެ ހިންގާ ކޮމިޓީގެ ވެރިޔާ ޔާސިރު އަލް-ޟާފަރީ ކަމުގައެވެ. އެ ދެ މީހުން ހައްޔަރު ކޮށްފައި ވަނީ މީގެ ފަސް ދުވަސް ކުރިންނެވެ.

ސޫރިޔާގައި މި ވަގުތު ވެރިކަން ކުރަމުން ދަނީ ނިރުބަވެރި ޖަމާޢަތެއް ކަމުގައިވާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ސަރުކާރަކުންނެވެ. އެ ޖަމާޢަތުން ބަޢާވާތްކޮށް ސޫރިޔާގެ އިންތިޚާބީ ރައީސް ބައްޝާރް އަލް-އަސަދުގެ ވެރިކަން ވައްޓައިލާފައި ވަނީ 2024ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހުއެވެ. ސޫރިޔާގެ ރައީސް ކަމުގެ މަޤާމު ވަގުތީ ގޮތުން ފުރަމުން ދަނީ އެޗްޓީއެސްގެ ވެރިޔާ އަޙްމަދު އަލް-ޝަރާޢެވެ.

އެޗްޓީއެސްގެ ސަރުކާރުން ބުނީ، އިދާރާތަކުން ހައްޔަރު ކޮށްފައިވާ އިސްލާމިކް ޖިހާދުގެ ދެ މެންބަރުންނަކީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ފަލަސްޠީނުގެ މިިނިވަން ކަމަށް ޖިހާދު ކުރާ ޖަމާޢަތް، ޙަމާސުން ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކަށް އަމާޒުކޮށް ދިން ޖިހާދީ ޙަމަލާތަކުގައި ބައިވެރިވެފައިވާ ދެ މީހުން ކަމުގައެވެ. ޙަމާސުން، އިސްލާމިކް ޖިހާދާ ގުޅިގެން އިސްރާއީލަށް ޙަމަލާ ދީފައި ވަނީ، ޔަހޫދީންގެ އަޅުވެތިކަމާއި އިސްތިޢުމާރީ ވެރިކަމަށް ކެތް ނުކުރެވިގެންނެވެ.

އިސްލާމިކް ޖިހާދުން ބުނީ، ޚާލިދާއި އަލް-ޟާފަރީ ހައްޔަރު ކޮށްފައިވާ ސަބަބު އެޗްޓީއެސްގެ ސަރުކާރުން ސާފުކޮށްދީފައި ނުވާ ކަމުގައެވެ. އަދި، އިސްލާމިކް ޖިހާދުގެ މެންބަރުންނާ މެދު އެޗްޓީއެސްގެ ސަރުކާރުން އަމަލު ކުރަމުންދާ ގޮތާ މެދު އެ ޖަމާޢަތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި، ވަގުތުން އެ ދެ މީހުން މިނިވަން ކުރުމަށް ގޮވައިލާފައެވެ.

އެޗްޓީއެސްގެ ސަރުކާރުގެ ދާޚިލީ ވުޒާރާގެ އިސް އޮފިޝަލަކު ވެސް ވަނީ އިސްލާމިކް ޖިހާދުގެ ދެ މެންބަރަކު ހައްޔަރު ކޮށްފައިވާ ކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް، އެ ދެ މީހުން ހައްޔަރު ކޮށްފައިވާ ސަބަބާއި، އެ ދެ މީހުންގެ ހާލަތާ ގުޅޭ އިތުރު މަޢުލޫމާތު ސާފު ކޮށްދީފައެއް ނެތެވެ. ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި ހުރި ފަލަސްޠީންގެ އިސް އޮފިޝަލަކު ވެސް ވަނީ އެ ކަން ކަށަވަރު ކޮށްދީފައެވެ.

ސޫރިޔާގެ އަހުލީހަނގުރާމައާ ގުޅިގެން ހުޅަނގުގެ ބާރުތަކުން އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ހަރުކަށި ފިޔަވަޅުތަކަށް ލުއި ހޯދުމަށް އެޗްޓީއެސްގެ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެމެރިކާއިން ވަނީ، ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމަށް ޝަރުޠުތަކެއް ކަނޑައަޅާފައެވެ. އޭގެ ތެރޭގައި، އީރާނާއި އެ ޤައުމުން ވާގިވެރިވާ ޖަމާޢަތްތަކާ ގުޅުން ކަނޑައިލުން ހިމެނެއެވެ. ޙަމާސާއި އިސްލާމިކް ޖިހާދަކީ، އީރާނުން ވާގިވެރިވާ އެކްސިސް އޮފް ރެސިސްޓެންސްގައި ހިމެނޭ ދެ ޖަމާޢަތެވެ.

އެމެރިކާގެ އަމުރުތަކަށް ތަބާވުމުގެ ގޮތުން އެޗްޓީއެސުން ވަނީ އީރާނާ އެކު ދަމަހައްޓަމުން ދިޔަ ޚާރިޖީ ގުޅުންތައް ކަނޑައިލާފައެވެ. މިއީ، 14 އަހަރަށް ދެމިގެންދިޔަ އަހުލީހަނގުރާމައަށް ފަހު ސޫރިޔާ އަލުން އާރާސްތުކޮށް، ތަރައްޤީ ކުރުމަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެޗްޓީއެސްގެ ސަރުކާރުން ޤަބޫލު ކުރެއެވެ.

ސޫރިޔާގައި ހަރަކާތްތެރިވާ އިސްލާއިމް ޖިހާދުގެ މެންބަރުންނަށް ޙަމަލާ ދިނުމުގެ ނަމުގައި ޔަހޫދީ ފައުޖުން ދަނީ ސޫރިޔާގެ ސިޔާދަތީ މިނިވަން ކަމާއި އިސްތިޤުލާލަށް އަރައިގަންނަމުންނެވެ. އަދި، ވެރިރަށް ދިމިޝްޤާއި ބޮޑެތި އެހެން ރަށްތަކަށް ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުންނެވެ. މިއީ، އެމެރިކާގެ ރުހުމާއި އެހީތެރިކަމާ އެކު ޔަހޫދީ ފައުޖުން ހިންގަމުންދާ ޖަރީމާއެކެވެ.