ޒަބީ އަލޮންސޯއާއެކު ބަޔާ ލެވަކޫސަންއިން އެއްބަސްވުން ހަދާފައިވަނީ އޭނާ ކުޅެފައިވާ ކުލަބަކަށް ބޭނުންއިރަކު ދެވޭ ގޮތަށް ކަމަށް އެ ޓީމުން ބުނެފި އެވެ. އެ ކުލަބުގެ ސީއީއޯ ފެނާންޑޯ ކަރޯ ވިދާޅުވީ އަލޮންސޯ ބޭނުންވާނަމަ އެއިން ކުލަބަކަށް ދިއުމަށް ލެވަކޫސަންގެ އެއްބަސްވުން އުވާލެވިދާނެ ކަމަށެވެ. އެ ކުލަބުތަކަކީ ޖަރުމަނުގެ ބަޔާން މިއުނިކާއި، ސްޕެއިންގެ ރެއާލް މެޑްރިޑާއި، ރެއާލް ސޮސިއެޑާޑް އަދި އިނގިރޭސިވިލާތުގެ ލިވަޕޫލެވެ.
މިދިޔަ ސީޒަނުގައި ބަލިނުވެ ލެވަކޫސަންއަށް ޖަރުމަން ލީގު ކާމިޔާބުކޮށްދިން ކުރީގެ މިޑްފީލްޑަރުގެ ވާހަކަ މާ އަޑުބާރުކޮށް ދެކެވެން ފަށާފައިވަނީ އޭނާ ގެންދަން ރެއާލް މެޑްރިޑުން މަސައްކަތްކުރަން ފެށުމުންނެވެ.
ކަރޯ ވިދާޅުވީ މެޑްރިޑުގެ ރަސްމީ ހުށަހެޅުން އޭނާގެ ކުލަބަށް ލިބިފައިނުވި ނަމަވެސް، އަންނަ ސީޒަނުގައި ރެއާލްގެ ކޯޗަކަށް އަލޮންސޯ ވެދާނެ ކަމަށް އޭނާއަށްވެސް ހީވާ ކަމަށެވެ. އަދި ލެވަކޫސަންއާއެކު އަލޮންސޯ ހަދާފައިވާ އެއްބަސްވުމުގައި ބާކީ އަހަރެއް އޮތް ނަމަވެސް، މިހާރު ކުރިމަގާމެދު ވަކި ގޮތެއް ނިންމަންޖެހޭ ކަމަށެވެ.
"އަހަރުމެން ވާނީ އަލޮންސޯ ގާތުގައިވެސް ބުނެފައި ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި އޭނާވެސް ވަކި ގޮތެއް ނިންމަން. އޭރުން ކުރިއަށް ދެވޭނީ. އެއްވެސް މީހަކަށް އަދި ބަޔަކަށްވެސް ކުރިމަގުގައި ހަދާނެ ގޮތެއް ނޭނގި ތިބުމަކީ ފަސޭހަ ކަމަކަށް ނުވާނެ،" ކަރޯ ވިދާޅުވިއެވެ.
އަލޮންސޯ ހޯދުމަށް ރެއާލްއިން މަސައްކަތް ފެށީ އެކުލަބުގެ ކޯޗު ކާލޯ އަންޗެލޮޓީގެ ބަދަލުގައި އަންނަ ސީޒަނުގައި ކޯޗަކު ހޯދަން ބޭނުންވުމުންނެވެ. މިކަން ރެއާލްއިން ރަސްމީކޮށް އާންމު ނުކުރި ނަމަވެސް، އަންޗެލޮޓީ އަންނަ ސީޒަނުގައި ކުލަބުން ނުގެންނާނެ ކަމަށް ސްޕެއިންގެ މީޑިއާތަކުން ދަނީ ބުނަމުންނެވެ.
އޭނާގެ މަގާމާމެދު ސުވާލު އުފައްދަން ފެށީ ޔުއެފާ ޗެމްޕިއަންސް ލީގުން ރެއާލް ކެޓުމުންނެވެ. އެ ގޮތުން އަންޗެލޮޓީއަށް ރެއާލްއަށް މިހާރު ތައްޓެއް ހޯދައިދެވެން އޮތް ހަމައެކަނި ފުރުސަތަކީ އަންނަ އާދިއްތަ ދުވަހުގެ ރޭ ކުޅޭ ކޮޕަ ޑެލް ރޭ ފައިނަލް މެޗާއި ސްޕެނިޝް ލީގުންނެވެ. މީގެ ތެރެއިން ކޮޕަ ޑެލް ރޭގެ ފައިނަލްގައި ބާސެލޯނާއާ ދެކޮޅަށް ކުޅެން ޖެހިފައިވާއިރު، ސްޕެނިޝް ލީގުގައި ރެއާލް އޮތީ އެއްވަނައިގައި އޮތް ބާސެލޯނާ އަށްވުރެ ހަތަރު ޕޮއިންޓް ފަހަތުގައެވެ.