ޚަބަރު

ޗައިނާގެ ސިޗުއާން ޕްރޮވިންސާ ގުޅިގެން ރާއްޖޭގެ ދަނޑުވެރިކަން ކުރިއަރުވަނީ


  • ސިޗުއާންގެ ދަނޑުވެރިކަމާ ބެހޭ އިދާރާއާ ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބައްދަލުކުރައްވާފައިވޭ

  • ދަނޑުވެރިކަމުގެ އައު އީޖާދުތަކާއި ފަންނީ އެހީތެރިކަމާއި ޤާބިލުކަން އިތުރުކުރުމަށް މަޝްވަރާކުރެއްވި

ޗައިނާގެ ސިޗުއާން ޕްރޮވިންސާ ގުޅިގެން ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ބާއްވާފައިވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި ސިޗުއާން ޕްރޮވިންސްގެ ދަނޑުވެރިކަމާ ބެހޭ އިދާރާއާ ދެމެދު ބޭއްވި ބައްދަލަވުމެއްގައެވެ.

މި ބައްދަލުވުމުގައި ސިޗުއާން އެކެޑަމީ އޮފް އެގްރިކަލްޗަރަލް ސައިންސަސްގެ ވަފުދެއްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ދަނޑުވެރިކަމުގެ އައު އީޖާދުތަކާއި ފަންނީ އެހީތެރިކަމާއި ޤާބިލުކަން އިތުރުކުރުމާއި ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އުސޫލުތަކާ ގުޅޭ ދާއިރާތަކުން އެއްބާރުލުން ދެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

މިދިޔަ އަހަރުގެ ތެރޭގައި ދިވެހި ސަރުކާރާ ސިޗުއާން ޕްރޮވިންސްގެ ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އެންޑް ރޫރަލް އެފެއާޒް އަދި ސިޗުއާން އެކެޑަމީ އޮފް އެގްރިކަލްޗަރަލް ސައިންސަސްއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ ކުރީކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ސޮއިކުރި އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގެ ދަށުން 2 ލައްކަ ރުފިޔާގެ މެޝިނަރީޒްއާއި ޓެސްޓު ކިޓުތައް ސިޗުއާން ޕްރޮވިންސުން ރާއްޖޭގެ ދަނޑުވެރިންނަށް ހަދިޔާ ކުރައްވާފައިވެއެވެ. މި ތަކެތީގެ ތެރޭގައި ބޮޑެތި ގަސްތަކަށް ސްޕްރޭ ކުރުމަށް ބޭނުންކުރާ 25 ސްޕްރޭޔަރާއި ފަސްގަނޑުގައި ކާނާ އެކުލެވޭ މިންވަރު ބެލުމަށް ބޭނުންކުރާ 100 ޓެސްޓު ކިޓު ހިމެނެއެވެ.

ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައެވެ. ސަރުކާރުގެ އަމާޒަކީ ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކޮށް، ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމެވެ. މިގޮތުން ދަނޑުވެރިކަން ކުރުމަށް ޚާއްސަ ސަރަހައްދެއް އުތުރުތިލަފަޅުން ކަނޑައަޅުއްވާފައިވެއެވެ.