މަސްޖިދުއްނަބަވީގެ އިމާމު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުން ރަމްޒުކޮށްދެނީ ރާއްޖެއާއި ސަޢުދިޢަރަބިޔާއާއި ދެމެދު އޮތް އަޚުވަންތަކަމުގެ ގުޅުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރާއްޖެއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާގެ އަރިއަހަށްކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ. މިބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ މަސްޖިދުއްނަބަވީގެ އިމާމު ރާއްޖެއަށް ވަޑައިގަތުމަކީ ލިބިވަޑައިގަތް ޝަރަފެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވިކަމުން ރަމްޒުކޮށްދެނީ ރާއްޖެއާއި ސަޢުދީއާއި ދެމެދު އޮތް އަޚުވަންތަ ގުޅުންކަމަށެވެ.
މަސްޖިދުއްނަބަވީގެ އިމާމު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރެއްވުން pic.twitter.com/WFAnGlydrP
— The President's Office (@presidencymv) April 22, 2025
އެމަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖެއަށް މަސްޖިދުއްނަބަވީގެ އިމާމަކު ވަޑައިގަތީ މީގެ 41 އަހަރުކުރިންކަން ފާހަގަކުރެއްވިއެވެ. އަދި ސަޢުދީ ޢަރަބިއްޔާގެ ފަރާތުން ރާއްޖެއަށް ކެނޑިނޭޅި ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލެއްވުން ރައީސުލްޖުމްހޫރިއްޔާވަނީ ފާހަގަކުރައްވާފައެވެ. ޚާއްސަކޮށް ޤައުމީ ތަރައްޤީގެ އެކި މަސައްކަތްތަކާއި، އިސްލާމީ ތަޢުލީމު ފުޅާކުރުމަށްދެއްވާ އެހީތެރިކަން ފާހަގަކުރެއްވިއެވެ. ހަމައެއާއެކު ދިވެހި ޙައްޖުވެރިންނާއި ޢުމްރާވެރިންނަށް ސަޢުދީގެ ފަރާތުން ގެންގުޅުއްވާ ގާތްކަމާއި ބަހައްޓަވާ އޯގާތެރިކަން ފާހަގަކުރައްވާ ރައީސްވަނީ ޝުކުރުއަދާކުރައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރުވަނީ ދިވެހި ސަރުކާރުން ކިޔުއްވި ހޫނު މަރުޙަބާއަށް ޝުކުރުދަންނަވާފައެވެ. އިމާމުގެ ވާހަކަފުޅުގައިވަނީ ދެޤައުމުގެ ބަދަހި ގުޅުމަކީ މާތްވެގެންވާ އިސްލާމްދީނުގެ ޢަޤީދާއާއި ގުޅިފައިވާކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި ކުރިމަގުގައި މިގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ޝެއިޚް ބުދައިރުވަނީ ވިދާޅުވެފައެވެ. ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލްސަޢުދާއި، ވަލީއަޙުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލްސަޢުދުގެ ފަރާތްޕުޅުން ހެޔޮއެދުންތައް ރައީސުލްޖުމްހޫރިއްޔާއާއިވަނީ ހިއްސާކުރައްވާފައެވެ.
މިބައްދަލުކުރެއްވުން ނިންމަވާލެއްވުމުގެ ކުރިން ދެބޭފުޅުންވަނީ މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރާއްޖެއަށް ކުރެއްވި މިދަތުރުފުޅާއެކު ދެޤައުމުގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަން ފާހަގަކުރައްވަމުންނެވެ.