ޚަބަރު

މަސްޖިދުއްނަބަވީގެ އިމާމު ރައީސުލްޖުމްހޫރިއްޔާގެ އަރިއަހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި


  • އިމާމުގެ ދަތުރުފުޅުގެ ތެރެއިން ދީނީ އެކި ސެޝަންތަކާއި ދަރުސްތައް ބޭއްވުމަށްވަނީ ހަމަޖެހިފައި

މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރާއްޖެއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމުޙޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ، ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުސިއްޔަތު ވަރުގަދަ ކުރެއްވުމަށް އިސްލާމީ އުއްމަތުގައި ފާހަގަކޮށްލެވޭ ޢިލްމުވެރިން ރާއްޖެއަށް ގެންނެވުމަށް ރައީސުލްޖުމުހޫރިއްޔާގެ އިރުޝާދާއި ލަފާފުޅުގެ ދަށުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ދެއްވި ދަޢުވަތުގައި ކުރައްވާ ދަތުރުފުޅެކެވެ.

ޝެއިޚް ބުދައިރުގެ މިދަތުރުފުޅުގައި އެކި ޢުމުރުފުރާގެ މީހުންނަށް ޚާއްސަ ދީނީ ސެޝަންތަކާއި، ދަރުސް ދެއްވުމާއި އަންނަ ހުކުރު ދުވަހު، އިމާމުވެ ހުކުރު ނަމާދުކުރެއްވުމަށްވެސްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ސަލްމާން މިސްކިތުގައިވެސް އިމާމުވެ ނަމާދުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގެންނެވުމުގެ ހުއްދަ ސަޢުދީގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ވަނީ އިޒުނަ ދެއްވާފައެވެ